13 Jul 2014, 20:23
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ ހިނގާލުމުގައި ހުދާއި ކަޅުކުލައިގެ ހެދުން ލުމަށް ހިނގާލުން އިންތިޒާމްކުރާ ފަރާތުން އެދިއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލްގެ އިދާރާގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިނގާލުން އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ހަމްނާ ވަހީދު ބުނީ ހުދާއި ކަޅު ކުލައިގެ ހެދުން ތުރުކޮށްގެން ހިނގާލުމުގައި ބައިވެރިވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ހަމްނާ ބުނީ އައްޑޫ ސިޓީ އާއި އަތޮޅުތަކުގެ އެކި ރަށްތަކުގައި ވެސް އެފަދަ ހިނގާލުންތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން މާލޭގައި ހިނގާލުން ކުރިއަށްދާ ވަގުތު އައްޑޫ ސިޓީގެ ބައެއް ރަށްތަކުގައި ވެސް ހިނގާލުން ކުރިއަށްދާނެ ކަމަށް އޭނާ ބުންޏެވެ.
ޒުވާނުން އިސްނަގައިގެން ބާއްވާ އެ ހިނގާލުން ފެށޭނީ އަންނަ އަންގާރަ ދުވަހުގެ ރޭ 9:30ގައި ސޯޝަލް ސެންޓަރު ކުރިމަތިނެވެ.
އޭނާ ބުނީ އެ ރެލީގައި ބައިވެރިވުމަށް އެދި ފުލުހުންނާއި ޑިފެންސް މިނިސްޓްރީ އާއި ސިވިލްސާވިސް ކޮމިޝަންގެ އިތުރުން މާލޭ ސިޓީ ކައުންސިލަށް ސިޓީއަކުން ދައުވަތު އަރުވާފައިވާނެ ކަމަށެވެ. އޭގެ އިތުރުން އެ މުއައްސަސާތަކާއި ބައްދަލުކޮށް ހިނގާލުމުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.