10 Jan 2011, 20:17
ހުވާންގްޑާއޮ : ދުނިޔޭގައި ބިނާކުރާ އެންމެ ދިގު ބްރިޖްގެ މަސައްކަތްނިމި މިއަހަރުގެ ފަހުކޮޅު ޗައިނާއިން އެބްރިޖް ހުޅުވާނެއެވެ.
މިއީ ކަނޑުގައި ބިނާކުރެވޭ 42 ކިލޯމީޓަރުގެ ދިގު ފްލޯޓިން ބްރިޖެކެވެ. މި ބިޔަ ބްރިޖް ބިނާކުރަމުންދަނީ ޗައިނާގެ ޝަންގްޑޮން ޕްރޮވިންސްގެ ދެސަރަޙައްދު ކަމަށްވާ ކްވިންގްދާއޮ އާއި ހުވާންގްޑާއޮއާ ދެމެދު ފްލޯޓިން ބްރިޖެއްގެ ގޮތުގައެވެ. މީގެހަތަރު އަހަރު ކުރިން ބިނާކުރަންފެށި މިބްރިޖް މިއަހަރުގެ ފަހުކޮޅު ނިމޭއިރު މިބްރިޖަށް 8.5 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވާނެއެވެ.
ހައިވާން ކްއިންގްޑާއޮގެ ނަމުން ނަންދެވިފައިވާ މިބްރިޖް ބިނާކުރުމުގައި ދިހަހާސް މީހުން ދެޝިފްޓަށް ބަހާލައިގެން 24 ގަޑިއިރު މަސައްކަތް ކުރަމުންގެންދާތާ މިހާރުވަނީ ހަތަރު އަހަރު ވެފައެވެ.
މިބްރިޖް ހިފެހެއްޓުމަށްޓަކައި 5200 ކޮންކްރީޓް ތަނބު ޖަހާފައިވާއިރު ބްރިޖްގެ ކޮންކްރީޓުގައި 4 ލައްކަ 50 ހާސް ޓަނުގެ އެކަތަ ބޭނުންކޮށްފައިވެއެވެ. މިއީ ފަރަންސޭސިވިލާތުގެ މަޝްހޫރު އެފިލް ޓަވަރުގެ 65 ޓަވަރު ބިނާކުރެވޭހާ އެކަތައެވެ. 2.3 މިލިޔަން ކޮޑިމީޓަރުގެ ކޮންކްރީޓް ބޭނުންކޮށްފައިވާ މިބްރިޖް ފަރުމާކޮށްފައިވަނީ އެއްފަހަރާ 30 ހާސް ވެހިކަލަށް އެއްވެސް ދަތިކަމަކާނުލާ ދަތުރު ކުރެވޭ ގޮތަށެވެ. އަދި ތޮއްޖެހިގެން މީގެ ދެގުނަ ވެހިކަލަށް މިބްރިޖްމަތިން އެއްފަހަރާ ދަތުރުކުރެވިދާނެ އެވެ.
މިބްރިޖް ބިނާކުރުމުގެ ބޭނުމަކީ ޗައިނާގެ ކްވިންގްޑާއޮ އާއި ހުވާނގްޑާއޮއާ ދެމެދު އަވަސްގޮތަކަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސުމެވެ. މިއީ ޗައިނާގައި އިޤްތިސާދީ ގޮތުން އެންމެ ބާރަށް ކުރިއަރަމުން އަންނަ ދެ ސަރަޙައްދެވެ. މިދެސަރަޙައްދުގެ ދެމެދުގައި މިހާރު ހަތަރު ފަސްގަޑިއިރުން ކުރެވޭ ދަތުރުތައް މިބްރިޖް ބޭނުންކޮށްގެން 20 މިނިއްޓާއި 30 މިނިއްޓުން ކުރެވޭނެއެވެ. ޗައިނާގެ އިންޖިނޭރުންނާއި ޢިމާރާތް ކުރުމުގެ މޭސްތިރިން މިބްރިޖް ބިނާކުރަނީ އެހެން އެއްވެސް ޤައުމެއްގެ ތަޖްރިބާއާއި ޓެކްނޮލޮޖީ ބޭނުންނުކޮށް ހަމައެކަނި ޗައިނާގެ އަމިއްލަ އުފެއްދުންތަކާއި އަމިއްލަ ޓެކްނޮލޮޖީ އާއި އަމިއްލަ ތަޖްރިބާ ބޭނުންކޮށްގެންނެވެ.
މިބްރިޖަކީ ޢިމާރާތް ކުރުމުގެ ފަރުމާއާއި އިންޖިނޭރިންގެ ރޮނގުގައި ޗައިނާގެ ކުރިއަރާފައިވާ މިންވަރު ދުނިޔެއަށް ވަރަށް ރަނގަޅަށް ފެނިގެންދާނެ މޮޅު އަދި ރީތި ބްރިޖަކަށް ވާނެއެވެ. މިކަމަށްޓަކައި ޗައިނާގެ އިންޖިނޭރުންނާއި މަސައްކަތްތެރިން ގެންދަނީ ބުރަ 24 ގަޑީއރު ބުރަމަސައްކަތްތަކެއް ކުރަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން ރެކްޓާ މިންގަނޑުން އަށެއްގެ ބާރު މިނުގައި އަންނަ ބިންހެލުންތަކުން މިބްރިޖަށް މާބޮޑު އަސަރެއް ނުކުރާނެއެވެ. އަދި މިބްރިޖް ބިނާކުރަނީ ތިން ލައްކަ ޓަނުގެ ބިޔަ އާގުބޯޓެއް އޭގެއެންމެ ބާރުދުވެލީގައި އައިސް ބްރިޖްގައި ޖެއްސިނަމަވެސް ބްރިޖް ހަލާކުނުވާހާ ވަރުގަދަ ކޮށެވެ. ނަމަވެސް މިއަށްވުރެ ބާރަށް އަންނަ ލޮޅުންތަކުގެ އަސަރު ބްރިޖަށް ކުރާނެއެވެ.
ހައިވާން ކްއިންގްޑާއޮގެ ނަމުން ނަންދެވިފައިވާ މިބްރިޖް، މިހާރު ދުނިޔޭގައިވާ އެންމެ ދިގު ބްރިޖް ކަމަށްވާ އެމެރިކާގެ ލޫޒިޔާނާގެ ލޭކް ބޮންޗެޓްރޭން ބްރިޖަށްވުރެ 4.5 ކިލޯމީޓަރު ދިގުވާނެއެވެ. މިބްރިޖް ބިނާކުރެވޭ ޗައިނާގެ ކްވިންގްޑާއޮ އަކީ ޗައިނާގައި އިޤްތިސާދީ ގޮތުން އެންމެ ހަލުއިކޮށް ކުރިއަރަމުން އަންނަ ސަރަޙައްދެވެ. މިއީ، ޗައިނާގެ ކަނޑުގެ ސިފައިންގެ އެންމެބޮޑު ބަނދަރު އޮންނަ ސަރަޙައްދުވެސް މެއެވެ.
ދުނިޔޭގެ އިސްތިޢްމާރީ ބޮޑު ބާރެއްގެ ގޮތުގައި ޖަރުމަނުވިލާތް ޙަރަކާތްތެރިވި ދުވަސްވަރު 1898 ން 1914 ށް ޖަރުމަނު ސިފައިން މސަރަޙައްދު ހިފައި އިސްތިޢްމާރުކުރިއެވެ. އެދުވަސްވަރު ޖަރުމަނު މީހުން ބިނާކޮށްފައިވާ ޔޫރަޕް ސްޓައިލްގެ ބާ ޢިމާރާތްތައް އާސާރީ ތަންތަނުގެ ގޮތުގައި ކްވިންގްދައޮ އިން ފެންނަން ހުރެއެވެ. އެހެންކަމުން ޔޫރަޕްގެ ޓޫރިސްޓުން މިސަރަޙައްދަށް ވަރަށް ގިނައިން ޒިޔާރަތްކޮށް މިތަންތަން ބަލައި ހަަދައެވެ. މިބްރިޖްގެ އިތުރުން ދުނިޔޭގައި އެންމެ މަޝްހޫރު އަދި އެންމެދިގު 10 ބްރިޖްގެ ތެރެއިން 7 ބްރިޖް ހުންނަނީވެސް ޗައިނާގައެވެ.