13 Jul 2014, 19:20
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން މިއަހަރު ހައްޖަށްދާ ފަރާތްތަށް އުފުލުމަށް ދިވެހި އެއާލައިން މެގަ މޯލްޑިވްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރައްމިއްޔާތެއްގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ހައްޖު ކޯޕަރޭޝަންގެ މަނޭޖިންގ ޑިރެކްޓަރު ޔާމިން އިދުރީސް އެވެ. މެގަ މޯލްޑިވްސް ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޖޯޖް ވެއިންމަން އެވެ.
ސޮއި ކުރެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމިން ވިދާޅުވީ ހައްޖަށް މީހުން ގެންދިޔުމަށް 200 މީހުންގެ ޖާގަ އޮންނަ ދެ ޗާޓާޑް ފްލައިޓް މާލެއިން ސައުދީ އަރަބިއާގެ ޖިއްދާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތަށް ކުރާނެ ކަމަށެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ ދެ ދުވަހެއްގައި ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން ގޮވައިގެން ދަތުރުތަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މެގަމޯލްޑިވްސް ހިޔާރު ކުރި ސަބަބަކީ ދިވެހި އެއާލައިނެއްގައި ހައްޖަށް ދަތުރު ކުރުމުން އޭގެ ހިތްހަމަޖެހުން ހުރިހާ ދިވެހި ހައްޖުވެރިންނަށް ވެސް ލިބޭނެތީ،" ޔާމިން ވިދާޅުވި އެވެ.
އޭގެ އިތުރުން ހައްޖު ކޯޕަރޭޝަންގެ ފަރާތުން އުމްރާއަށް ދާ 50 މީހުން މާދަމާގެ ވަގުތެއްގައި ފުރަން ހަމަޖެހިފައިވާ ކަމަށާއި އެ ފަރާތްތަށް އަނބުރާ ރާއްޖެއަށް އައުމަށް ހަމަޖެހިފައި ވަނީ މިމަހު 28 ގައި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.
މެގަ މޯލްޑިވްސް އިން ބުނީ ހައްޖަށް ގެންދިޔުމަށް މެގަ މޯލްޑިވްސް ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި ސަލާމަތީ ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް އިންތިޒާމު ކުރެވިފައިވާ ކަމަށެވެ. އޭގެ އިތުރުން މިއަހަރު ހައްޖަށްދާ ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތަކަށް ވެސް 30 ކިލޯގެ ކާގޯ އުފުލޭނެ ކަމަށް ވެސް މެގަ މޯލްޑިވްސް އިން ބުނެއެވެ.