13 Jul 2014, 19:14
ރައީސުލްޖުމްހޫރިއްޔާ ޢަަަަަަަަަަަަަަަަަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު މެންދުރުފަހު ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއަށް ފޯނުން ގުޅުއްވައި އެމަނިކުފާނުގެ ޙާލުކޮޅު ބައްލަވާލައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް ޔާމިން ފަލަސްޠީނުގެ ރައީސަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި، ފަލަސްޠީނުގެ ރައްޔިތުން މިއަދު އިޙްސާސްކުރަމުންދާ ހިތްދަތިކަމާއި، ބިރުވެރިކަމަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގެ ރައްޔިތަކަށް އިޙްސާސްކުރެވޭ ވަރަށްވުރެ ހިތްދަތި އަދި ބިރުވެރިިކަމެއް ކަމުގައި ވިދާޅުވެ ފަލަސްޠީނުގެ ރައްޔިތުންގެ އިޙްސާސްތަކުގައި އެންމެހާ ދިވެހިރައްޔިތުން ބައިވެރިވާކަން ވިދާޅުވި ކަމަށެވެ. އަދި އިޒްރޭލުން ފަލަަސްޠީނުގެ ކުށެއް ނެތް އެތަކެއް ރައްޔިތުން ޤަޠުލުކޮށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް އެމަނިކުފާނު ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުން މިޙާލަތުން މިންޖުންކޮށްދެއްވައި ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ ޖިހާދަށް ނަޞްރުދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމުގައި ވިދާޅުވި އެވެ.
ފަލަސްޠީނުގެ ކުށެއް ނެތް ރައްޔިތުންނަށް ދެމުންގެންދާާ ލާއިންސާނީ އެންމެހާ ޢަމަލުތައް ކުށްވެރިކުރައްވައި ބައިނަލްއަޤުވާމީ ދުނިޔޭގައި ކޮށްދެއްވެންހުރި ހުރިހާ މަސައްކަތްޕުޅެއް ދިވެހި ސަރުކާރުގެ ފަރާތުން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް މަޙްމޫދު ޢައްބާސްއަށް އެރުއްވި އެވެ.
ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ދެއްކެވި ވާހަކަފުޅުގައި، މިފަދަ ޙާލަތެއްގައި ރައީސް ޔާމިން އެމަނިކުފާނުގެ ޙާލުކޮޅު ބެއްލެވުމަށް ގުޅުއްވިކަމަށްޓަކައި ޝުކުރުއަދާކުރައްވާ ކަމަށާއި އަދި އެންމެހާ ދިވެހި ރައްޔިތުން ފަލަސްޠީނާ އެކުގައި ތިބިކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަން ފާހަގަކުރައްވައި އެކަމަށްޓަކައި އެންމެހާ ދިވެހި ރައްޔިތުންނަށް ރައީސް މަޙްމޫދު ޢައްބާސް ޝުކުރު އަދާކުރެއްވި އެވެ.
ބައިނަލްއަޤުވާމީ ދުނިިޔޭގައި ދިވެހިރާއްޖޭގެ ފަރާތުން ފަލަސްޠީނުގެ ކުށެއް ނެތް ރައްޔިތުންނަށް ލިބެމުންދާ އަނިޔާތައް ކުށްވެރިކުރައްވަމުން ގެންދަވާތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމަށްޓަަކައި ދިވެހި ސަރުކާރުގެ ފަރާތުން ކޮށްދެއްވަމުން ގެންދަވާ އިޚްލާޞްތެރި މަސައްކަތްޕުޅަތަކަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ.