13 Jul 2014, 16:08
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ޕީއޯއެސް މެޝިންތައް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމް އެ ބޭންކުން ހަމަޖައްސައިފި އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އެމްއައިބީގެ ހެޑް އޮފް ކާޑް ސާވިސަސް އަހުމަދު ރިޒާ ވިދާޅުވީ، މިއީ އެ ބޭންކް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖެއްސި ފުރަތަމަ ފަހަރު ކަމަށެވެ.
އެގޮތުން، އިސްލާމިކް މިނިސްޓްރީގެ ޒަކާތް ބަލައިގަންނަ ކައުންޓަރުގައި އެމްއައިބީގެ ޕީއޯއެސް މެޝިނެއް ބަހައްޓާފައި ހުންނާނެ ކަމަށާއި އެ މެޝިނުން، އެ ބޭންކުގެ "ފައިސާ ކާޑު" ބޭނުން ކޮށްގެން، އެއްވެސް ޗާޖަކާ ނުލައި ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، މި އަހަރުގެ ފިތުރު ޒަކާތް ބަލައި ގަތުމަށް އެމްއައިބީގައި ހާއްސަ ކައުންޓަރެއް ގާއިމްކުރެވިފައި ހުންނާނެ ކަމަށާއި، ބޭންކު ހުޅުވިފައި ހުންނަ ގަޑީގައި އެ ކައުންޓަރުން ޒަކާތް ބަލައިގަންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އެމްއައިބީގެ އޮފީސް ހެނދުނު 10 އިން މެންދުރު އެކެއް ޖަހަންދެން ހުޅުވާފައި ހުންނާނެ. އަދި އެ ވަގުތު ތަކުގައި އެމްއައިބީގައި ޒަކާތް ދެއްކުމަށް މިހާރު ބަހައްޓާފައި ހުރި ކައުންޓަރުން، ފައިސާ ބަލައިގަންނާނެ،" ރިޒާ ވިދާޅުވި އެވެ.
އެމްއައިބީން މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައި ވާ އިރު، އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން އެސްއެމްއެސް އަދި އޮންލައިން މެދުވެރިކޮށް ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ބީއެމްއެލް އާއި އުރީދޫގެ އިތުރުން ދިރާގު އިން ވެސް ވަނީ ހަމަޖައްސައިފައެވެ.