13 Jul 2014, 15:59
އަންނަ އަހަރުން ފެށިގެން އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނަށް ފޯމް ހުށަހަޅާނަމަ ފާއިތުވި އެއް އަހަރު ދުވަހުގެ އަސާސީ ޕެންޝަންގެ ފައިސާ ނުލިބޭނެ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ބުނެފި އެވެ.
ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއިލް ސުޖާއު މިއަދު "ސަން"އަށް ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނަށް އެދި ފޯމް ހުށަހަޅާނަމަ އެ މީހަކަށް ފައިސާ ދެވޭނީ ފޯމް ހުށަހެޅި ތާރީހުން ފެށިގެން ކަމަށެވެ. އެގޮތަށް ނިންމީ އުމުރުން ދުވަސްމީ މީހުންގެ އަސާސީ ޕެންޝަންގެ ގަވާއިދަށް އިސްލާހު ގެނެސްފައި ވާތީ ކަމަށާއި އެ ގަވާއިދަށް އިސްލާހު ގެނެސްފައި ވަނީ ޕެންޝަން އޮފީހުގެ ބޯޑުން ކަމަށް ސުޖާއު ވިދާޅުވި އެވެ.
"އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ފައިސާ ހައްގުވާ މީހުނަށް މީހާރު ވެސް ފުރުސަތު އެބަ އޮތް ފޯމް ހުށަހަޅައިގެން ފާއިތުވި އަހަރު ދުވަހުގެ ފައިސާ ހޯދުމުގެ ފުރުސަތު. މިސާލަކަށް 66 އަހަރު ވެފައި ހުރި މީހަކު މިއަހަރު ތެރޭ ފޯމް ހުށަހަޅައިފިނަމަ އޭނާއަށް ފާއިތުވި އަހަރުގެ ފައިސާ ލިބޭނެ. ނަމަވެސް އަންނަ އަހަރުން ފެށިގެން އެ ފުރުސަތެއް ނޯންނާނެ،" ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއިލް ސުޖާއު ވިދާޅުވި އެވެ.
ޕެންޝަން އޮފީހުން މިހާރު އަމަލު ކުރަމުންދާ ގޮތުން އަސާސީ ޕެންޝަން ހައްގުވާ މީހަކު އޭނާއަށް 65 އަހަރު ފުރުނު ތާރީހު ފަހަނައަޅައި ދިޔަ ފަހުން، އަސާސީ ޕެންޝަނަށް އެދި ފޯމް ހުށަހަޅައިފިނަމަ ފާއިތުވި މުއްދަތަށްވާ ފައިސާ އެ މީހަކަށް ޖަމާކޮށްދެ އެވެ. އަސާސީ ޕެންޝަން ހައްގުވާ އެފަދަ މީހަކަށް އެންމެ ގިނަވެގެން ޖަމާކޮށްފައި ވާނީ ފާއިތުވި އެއް އަހަރު ދުވަހުގެ ފައިސާ އެވެ.
ޕެންޝަން އޮފީހުން މިއަދު އާންމު ކުރި ލިޔުމެއްގައި ބުނެފައި ވަނީ އަސާސީ ޕެންޝަން ހައްގުވާ އުމުރު ހަމަވި ފަހުން، ފޯމް ހުށަހެޅުމުން ފާއިތުވި މުއްދަތުގެ ފައިސާ ޖަމާކުރަމުން ގެންގޮސްފައި ވަނީ އަސާސީ ޕެންޝަންގެ މައުލޫމާތު ގިނަ ބަޔަކަށް ކުރިން އެނގިފައި ނުވާތީ ކަމަށެވެ. ނަމަވެސް އުމުރުން ދުވަސްވީ މީހުންނަށް ފައިސާ ދޭން ފެށިތާ މިހާރު ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާތީ އަސާސީ ޕެންޝަންގެ މައުލޫމާތު އެކަށީގެންވާ މިންވަރަށް މިހާރު އާންމުންނަށް އެނގިފައި ވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.