13 Jul 2014, 15:29
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އިހްތިޖާޖު ކުރުމަށް ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން ބާއްވާ ހިނގާލުމަށް އެމްޑީއޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު އެބައޮތް ކަމަށް އެޕާޓީން ބުނެފި އެވެ.
އެމްޑީއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީނު ރައްޔިތުންނަށް، ހާއްސަކޮށް ޣައްޒާގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާ ދެކޮޅުހެދުމުގެ ގޮތުން ދިވެހިންގެ އަޑު އުފުލުމަށްޓަކައި "ފަލަސްތީނާއެކު ދިވެހިން" މި ނަމުގައި ޒުވާނުން އިސްނަގައިގެން އަންގާރަ ދުވަހުގެރޭ ބާއްވާ ހިނގާލުމަށް އެމްޑީއޭގެ ފުރިހަމަ ތާއީދު އޮތް ކަމަށެވެ.
އެ ހިނގާލުން އިންތިޒާމު ކުރުމުގެ މަސައްކަތުގައި އެމްޑީއޭގެ ޒުވާނުން ބައިވެރި ވުމަށާއި އެމްޑީއޭގެ ވީހާވެސް ގިނަ މެމްބަރުން އެ ހިނގާލުމުގައި ބައިވެރިވުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ.
އަންގާރަ ދުވަހުގެ ރޭ 9:30 ގައި ސޯޝަލް ސެންޓަރު ކުރިމަތިން ފަށައިގެން ގޮސް ކްރިކެޓު ދަނޑުގައި މަޑުކޮށްލައިގެން ތިބެ ޝުއޫރު ފާޅުކުރުމަށްފަހު ފަލަސްތީނަށް ދެމުން ގެންދާ އުދުވާނީ ހަމަލާއާ ގުޅޭގޮތުން ދިވެހީން ހޭލުންތެރިކުރުމުގެ ހަރަކާތެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހޭލުންތެރިކުރުވުމުގެ ކަންތައް ކުރިއަށްދާއިރު ޕްރޮޖެކްޓަރު މެދުވެރިކޮށް ފަލަސްތީނުގެ އަދުގެ ހާލަތާ ގުޅޭ ފޮޓޯ އާއި ވީޑީއޯ ދެއްކުން އޮންނާނެ ކަމަށް އެ ހިނގާލުން އިންތިޒާމު ކުރާ ފަރާތްތަކުން ބުނެ އެވެ.