ދުވަސް ފުރައި ވިހެއުމަށް ފަހު ތުއްތު ދަރިފުޅު މަރާލައި، ފޮއްޓަކަށްލީ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދުގެ މުއްދަތު ހަތަރު ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ދުވަސް ފުރައި ވިހެއުމަށް ފަހު ތުއްތު ދަރިފުޅު މަރާލުމަށް ފޮށްޓަކަށްލީ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހިމެނޭ 18 އަހަރުގެ އަންހެން މީހާ، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަސް މިދިޔަ ހުކުރު ދުވަހު ޖަހައިދީފައި ވާ ކަމަށެވެ.

އުމުރުން 18 އަހަރުގެ އެ އަންހެން ކުއްޖާ ވިހެއި ތުއްތު ދަރިފުޅުގެ އަނގަޔަށް ފޮތި ލައްވައި މަރާލާފައި އޮއްވައި ފެނުނީ މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހު މ. ސިލްވާޝާކް ގޭގެ ތިން ވަނަ ބުރީގައި ހުރި ފޮއްޓެއްގެ ތެރެއިންނެވެ.

އެ އަންހެން ކުއްޖާ ވިހެއިކަން ފަޅާއެރީ ލޭ މަނާނުވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިއުމުން ދަރިއަކު ވިހާފައިވާކަން ޑޮކްޓަރުންނަށް އެނގުމުންނެވެ. ކައިވެނީގެ ބޭރުން ދަރިޔަކު ލިބި، ވިހާފައި ވާތީ އެ އަންހެން ކުއްޖާގެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނައީ އޭޑީކޭ ހޮސްޕިޓަލުންނެވެ.

އެ އަންހެން ކުއްޖާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި ތުއްތު ދަރިފުޅު ވިހެއުމަށް ފަހު ފާހާނާއަށް ލައި ފްލަޝް ކުރީ ކަމަށް އެ ކުއްޖާ އެއްބަސްވެ އެވެ. ނަމަވެސް އޭގެ ފަހުން އެ ތުއްތު ދަރިފުޅު ފޮއްޓެއްގެ ތެރެއަށްލާފައި އޮތް ކަމަށް ބުުނުމުން އެކަން ފުލުހުންނަށް ރިޕޯޓު ކުރީ އެ ތުއްތު ކުއްޖާގެ މަންމަގެ އާއިލާއިންނެވެ.