ބަލައިގެން ކިޔުމުގެ ގޮފިން މުޅި މުބާރާތުން އެއް ވަނައަށްދާ ފަރާތަކަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދޭގޮތަށް ހއ. ދިއްދޫ ގުރުއާން މުބާރާތް ފަށައިފި އެވެ.

ދިއްދޫ ގުރުއާން މުބާރާތާ ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން، އެރަށު ކައުންސިލްގެ ރައީސް އިބްރާހިމް ސިނާން ވިދާޅުވީ، މިއަހަރުގެ މުބާރާތް ބާއްވަނީ، ދިއްދޫ ދާއިރާގެ މެންބަރާއި ސަން ފައުންޑޭޝަން ގުޅިގެން ކަމަށެވެ.

އޭނާ ވިދާޅުވީ، މިއަދުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ އެ މުބާރާތުގައި ނުވަ އުމުރު ފުރާއަކުން ޖުމްލަ 297 ފަރާތަކުން ބައިވެރިވެފައި ވާ އިރު، އެ މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ތިން ހާފިޒުން ތިއްބަވާނެ ކަމަށެވެ. އޭގެތެރޭގައި ރާއްޖޭގެ ހާފިޒެއްގެ އިތުރުން އިންޑިއާގެ ހާފިޒަކާއި ޕާކިސްތާނު ހާފިޒެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަލައިގެން ކިޔުމުގެ ބައިން މުޅި މުބާރާތުން އެއްވަނައަށްދާ ފަރާތަކަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައި ވާ އިރު، މުބާރާތުގެ އެހެނިހެން ވަނަތަކަށް ވެސް ފައިސާގެ ބޮޑެތި އިނާމުތަކެއް ހެޔޮ އެދޭ ފަރާތްތަކުންނާއި، ވިޔަފާރި ވެރިން އަދިވެސް ހުށަހަޅަމުން އަންނަ ކަމަށް ސިނާން ވިދާޅުވި އެވެ.

ދިއްދޫގައި މިއަދު ފެށި މުބާރާތަކީ ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް އެރަށު ކައުންސިލުން އިސްނަގައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއަހަރަކީ އެ މުބާރާތް ބާއްވާ ހަތަރު ވަނަ ފަހަރު ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތު ދެއެވެ.