ފީފާ ވޯލްޑް ކަޕް 2014ގެ ފައިނަލް މެޗުގައި ޖަރުމަނާއި އާޖެންޓީނާ ބައްދަކުކުރާ މެޗު ބަލަން މާލޭ އުސްފަސްގަނޑު ސަރަހައްދަށް އަންނަ ފަރާތްތަކަށް އެސްޓީއޯގެ ފަރާތުން ހާސައް އިވެންޓުތަކެއް ބާއްވަން ހަމަޖައްސައިފި އެވެ.

އެސްޓީއޯ އިން ބުނީ، މިރޭ ކުރިއަށް ގެންދާ އެ ހަރަކާތްތައް ފަށާނީ، ރޭގަނޑު 10:00ގައި ކަމަށެވެ. އެގޮތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިވެންޓްތަކުގެ ތެރޭގައި ހިމެނޭ އެންމެ ހާއްސަ ކަމެއްގެ ގޮތުގައި "ބްރަޒޫކާ ކޮންޓްރޯލް ޗެލެންޖް" ނަމުގައި ހިންގާ ބޯލް ކޮންޓްރޯލް އިވެންޓް ހިމެނޭ ކަމަށް އެސްޓޯއޯ އިން ބުންޏެވެ.

ބްރަޒޫކާ ކޮންޓްރޯލް ޗެލެންޖްގައި އެންމެ ގިނަ ފަހަރު ބޯޅަ ކޮންޓްރޯލްކުރާ ފަރާތަކަށް ފިލިޕްސް ބްރޭންޑްގެ ހާއްސަ އިނާމެއް ހުށަހަޅާފައިވާ ކަމަށް ވެސް އެސީޓީއޯ އިން ބުންޏެވެ.

ހަބޭސް ބޮޑުބެރު ގްރޫޕުގެ ހިތްގައިމު އައިޓަމްސްތަކާ އެކު ކުރިއަށް ގެންދާ އެ ހަރަކާތްތަކުގައި ބައިވެރިވުމަށް އުސްފަސްގަނޑަށް މިރޭ ޒިޔާރާތްކުރާ ފަރާތްތަކުގެ މެދުގައި "ސްކޯ ޕްރެޑިކްޝަން" މުބާރާތެއް ބޭއްވުމާއި ސަޕްރައިޒް އެތައް އިވެންޓްތަކެއް ހިމެނޭ އިރު އެއިން ކޮންމެ ހަރަކާތަކަށް ވެސް ހާއްސަ އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ބްރެޒިލްގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ ފައިނަލްގައި ޖަރުމަނާއި އާޖެންޓީނާ ވާދަކުރާ މެޗު ފަށަން ހަމަޖެހިފައި ވަނީ، ރާއްޖޭ ގަޑިން މިރޭ 12:00ގަ އެވެ. ފައިނަލް މެޗު ކުޅޭނީ ރިއޯ ޑި ޖެނެއިރޯގެ މަރަކާނާ ސްޓޭޑިއަމްގަ އެވެ.

އެސްޓީއޯ އިން ވަނީ، މިފަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ދެއްކުމަށް އުސްފަސްގަނޑުގައި 40 ފޫޓުގެ ބޮޑު ސްކްރީނެއް ބަހައްޓައި ގިނަ ބަޔަކަށް އެއްފަހަރާ މެޗުބަލަން ތިބެވޭ ގޮތަށް އެތަން ތައްޔާރުކޮށްފަ އެވެ.