10 Jan 2011, 19:32
އައްޑޫއަކީ ސިޓީ ކައުންސިލެއް ކަމަށް ދެ ވަނަ ފަހަރަށް ސަރުކާރުން ނިންމި ނިންމުމަށް އަމަލު ކުރާ ނަމަ ވެސް މިހާރު ކަނޑައަޅާފައިވާ މުއްދަތުގައި އެ އަތޮޅުގައި އެ އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަންގައި މި ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަން ވިދާޅުވީ އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން އައްޑުއަށް ސިޓީއެއްގެ ދަރަޖަ ލިބުމުގެ ޝަރުތުތައް އެންމެ ބޭފުޅަކު ހުންނެވި ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައެޅުމުން، އަނެއްކާ ވެސް ސިޓީ ކައުންސިލެއް އުފެއްދުމަށް ރައީސް ނަޝީދު އެ ކޮމިޝަނަށް އެންގެވި އެންގެވުމަށް އަމަލު ކުރާ ނަމަވެސް އެ މުއްދަގައި އެ އަތޮޅުގައި އިންތިހާބު ނުބޭއްވޭނެވ ކަމަށެވެ.
ދެ ސަބަބެއް ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ސިވިލް ކޯޓްގެ ހުކުމާ މެދު މަތީ ކޯޓަކުން ހުކުމް ނުކުރާހާ ހިނދަކު އެ ނިންމުމަށް އަމަލު ކުރެވެން ނެތް ކަމަށެވެ. ނުވަތަ ސިވިލް ކޯޓްގެ ހުކުމަށް ތާއިދުކޮށް މަތީ ކޯޓަކުން ހުކުމްކޮށްފި ނަމަ ލޯކަލް ކައުންސިލް އިންތިހާބު ފެބްރުއަރީ ފަހެއްގައި އައްޑޫގައި ނުބޭއްވިދާނެ ކަމަށް ވެސް ފަޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިވިލް ކޯޓްގެ ހުކުމާ އެއްގޮތަށް ސިޓީ ކައުންސިލެއް ދެ ވަނަ ފަހަރަށް ސަރުކާރުން އުފެއްދެވި ކަމަށް ބުނެ، ސިޓީ އަކުން ރައީސް ނަޝީދު އެކޮމިޝަން މިއަދު އަންގަވާފައިވީ ނަމަވެސް ސިވިލް ކޯޓްގެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވުމުން އެ ކަމަށް ކޮމިޝަނުން އިންތިޒާރު ކުރާ ކަމަށެވެ.
ލޯކަލް ކައުންސިލް އޮތޯރިޓީ އަށް ރައީސް އަންޔަން ކުރެއްވި ވަޒީރު، ހޯމް މިނިސްޓަރު ހަސަން އަފީފު އެކަނި އެ އޮތޯރިޓީގައި ހުންނަވައިގެން އައްޑުއަކީ ސިޓީ ކައުންސިލްގެ ޝަރުތު ހަމަވާ ތަނެއްކަން ނިންމިދާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފަޔާޒު ވިދާޅުވީ ގާނޫނީ ގޮތުން އެކަން ކަމުގައި މައްސަލަތަކެއް ހުރި ކަމުގައިވާ ނަމަ އެކަން ބަލާނީ އިލެކްޝަނުން ނޫން ކަމަށެވެ. އަދި އަމިއްލަ ފަރާތަކާއި މިނިވަން މުއައްސަސާތަކުން އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ބެލިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.