13 Jul 2014, 13:23
އިސްރާއީލުން ފަލަސްތީނު މީހުންނާ ދެކޮޅަށް ހިންގާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކާ ދެކޮޅަށް އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތްކުރާ ކަމަށް ދައުވާ ކުރާ ޖަމާއަތްތަކުން ބަހެއް ނުބުނާ ކަމީ އެގައުމުތަކާއި ޖަމާއަތްތަކުގެ ދެފުށްދެގޮތްކަން ދޭހަވާ ކަމެއް ކަމަށް މޯލްޑިވްސް ޕެލަސްޓައިން ބްރަދަހުޑް އެސޯސިއޭޝަން (އެމްޕީބީއޭ) ބުނެފިއެވެ.
އެމްޕީބީއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީނު މީހުންގެ ދިފާއުގައި އެމީހުން ކުރަމުންދާ ޖިހާދާއި އިސްރާއީލްގެ އުދުވާންތައް އެއްވަރުކޮށް، އެއީ ބަހަނާއެއް ކަމުގައި އދ. އިން ހަދާފައިވާ ކަމަށެވެ.
" ... އިސްރާއީލުން އިންސާނިއްޔަތާ ދެކޮޅަށް ހިންގަމުން ގެންދާ މިނުބައި އަމަލާ ދެކޮޅަށް ބަހެއް ބުނަން ދުނިޔޭގެ ބޮޑެތި ބާރުތަކާއި އިންސާނީ ހައްގުތަކުގެ ދިފާއުގައި ވަކާލާތުކުރާ ކަމަށް ދައުވާކުރާ ގިނަ ފަރާތްތަކުން މިއަދު ނުކުޅެދިފައިވާ ކަމީ އެފަދަ ގައުމުތަކާއި ޖަމާއަތްތަކުގެ ދެފުށްދެގޮތްކަން އެނގި ބޭޒާރުވެގެންދާ ކަމެކެވެ. އދ. އިން އިޒްރޭލާ ދެކޮޅަށް ފާސްކޮށްފައިވާ އެތައް ރިވޮލިއުޝަނެއް ބޮލާލައި ޖަހައި އެމީހުންނަކީ މުޅި އިންސާނިއްޔަތުގެ މައްޗަށް ބާރު ހިންގާ ބައެއް ކަމުގައި ކިބުރުވެރިކަމާއި ބޮޑާކަމާ އެކު ބުނެ ހަދަމުން ދާއިރު އިންސާނީ ހަމަހަމަކަމާއި އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް ނަސްލީ ތަފާތުކުރުންތައް ނައްތާލުމަށް މަސައްކަތްކުރަމުންދާ ބައެއް ފަރާތްތަކުންނާއި އދ. އިން ނިކަމެތި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ނަފުސުގެ ދިފާއުގައި ކުރަމުންދާ ޖިހާދު އެއީ ބަހަނާއެއް ކަމުގައި ހަދައި، ޔަހޫދީންގެ ހަރުކަށި އަނިޔާވެރިކަން މިންހެޔޮކުރުމަށް ކުރަމުންދާ މަސައްކަތްތަކަކީ އިންތިހާއަށް ފިނޑި މަސައްކަތްތަކެއް ކަމުގައި މިއެސޯސިއޭޝަނުން ދެކެމެވެ،" އެމްޕީބީއޭގެ ބަޔާނުގައި ވެއެވެ.
ފަލަސްތީނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުން އެހާލުން ސަލާމަތްކުރައްވުން އެދި ދުއާ ކުރުމަށް އެޖަމިއްޔާއިން ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.