13 Jul 2014, 12:34
ރޯދަ މަހުގެ މެދާހަމަ އަށް މިހާރު އާދެވިފައިވާ އިރު މާލޭގެ ބާޒާރުގައި ފިޔަ އާއި އަލުތްވާއި އަދި ބިހުގެ އަގު އަނެއްކާ ވެސް މައްޗަށް ޖެހިލައިފި އެވެ.
މިއަދު މާލޭ ބާޒާރުގެ އަގުތަކަށް ބަލާ އިރު ފިޔާ ބަސްތާއެއް ވިއްކަނީ 400 ރުފިޔާ އަށެވެ. އަދި ވަކިން ކިލޯއެއް ވިއްކަނީ 20 ރުފިޔާ އަށެވެ.
އާންމު ގޮތެއްގައި މީގެ ކުރިން ބާޒާރުގައި ފިޔާ ބަސްތާއެއް ވިއްކާފައި ވަނީ 270 ރުފިޔާ އަށެވެ.
ރޯދައިގެ ކުރިން ބާޒާރުގައި 10 ރުފިޔާ އަށް ކިލޯއެއް ލިބެން ހުރި އަލުވި ކިލޯއެއް މިހާރު ވިއްކަނީ 20 ރުފިޔާ އަށެވެ. އަލުވި ބަސްތާއެއް މީގެ ކުރިން 260 ރުފިޔާ އަށް ވިއްކަން ހުރި އިރު މިއަދު ބާޒާރުގައި އަލުވި ބަސްތާއެއް ވިއްކަން ހުރީ 400 އާއި 450 ރުފިޔާ އާއި ދެމެދުގެ އަގެއްގަ އެވެ.
ރޯދައިގެ ކުރިން ބާޒާރުގައި ބިސް ކޭހެއް އާންމު ގޮތެއްގައި 270 ރުފިޔާ އަށް ވިއްކި ނަމަވެސް ރޯދަ މަސް ފެށުމާ އެކު ބިހުގެ އަގުވެސް ވަނީ އުފުލިފަ އެވެ. އެގޮތުން މިދިޔަ ހަފްތާގައި 420 ރުފިޔާ އަށް ބިސް ކޭހެއް ލިބެން ހުރި އިރު މިއަދު ބާޒާރުގައި ބިސްކޭހެއް ވިއްކަނީ 485 ރުފިޔާ އަށެވެ. ވަކިން ބިހެއް ވިއްކަނީ 2.50 ރުފިޔާ އަށެވެ.
ފިޔައި އަލުވި އަދި ބިހުގެ އަގުތައް ބާޒާރުގައި ބޮޑުވެފައިވީ ނަމަވެސް އެސްޓީއޯ އިން ދަނީ ފިޔާ ބިސް އަދި އަލުވި ހެޔޮ އަގުގައި ފޯރުކޮށްދެމުންނެވެ. އެގޮތުން އެސްޓީއޯގެ އާ ޝިޕްމަންޓް މިމަހުގެ އަންގާރަ ދުވަހު ވިއްކަން ފަށާނެ ކަމަށް ބުނެފައިވާ އިރު އެ ކުންފުނިން ހޯލްސޭލްކޮށް ފިޔާ އަލުވި ވިއްކަމުން ދަނީ ބަސްތާއެއް 225 ރުފިޔާގެ ރޭޓުންނެވެ. އަދި ބިސް ކޭހެއް ވިއްކަމުން ގެންދަނީ 250 ރުފިޔާ އަށެވެ.