ޓީވީއެމް އާއި ވީޓީވީ ފިޔަވައި އެހެން އެއްވެސް ޗެނަލެއް މެދުވެރިކޮށް ވޯލްޑްކަޕްގެ މެޗުތައް ނުދެއްކުމަށް މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަނުން މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑަށް އަންގާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ރީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް އޮތް ފަރާތަކުން ރީ ބްރޯޑްކާސްޓް ކުރަމުންދާ ކޮންޓެންޓެއް ހުއްޓާލަން އެންގުމަކީ އެފަރާތުން ކުރަމުންދާ ވިޔަފާރީގެ ބައެއް ހުއްޓާލަން އެންގުން ކަމަށް ޝަރީއަތުން ދެކޭކަމަށެވެ.

ސޮނީ ސިކްސް މެދުވެރިކޮށް މީޑިއާ ނެޓުން ރީ ބްރޯޑުކާސްޓް ކުރުމައި ބްރޯޑްކާސްޓިން ކޮމިޝަނަށް އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ބަލައި ވަކިގޮތެއް ނިމެންދެން ވޯލްޑްކަޕްގެ މެޗުތައް ރީ ބްރޯޑްކާސްޓް ކުރުން ވަގުތުން ހުއްޓާލަން އެންގުމަކީ މީޑިއާ ނެޓާ މެދު އަޅާފައިވާ ފިޔަވަޅެއް ކަމަށްވާ އިރު، އެ ފިޔަވަޅު އަޅާފައި ވަނީ ޑިޔުޕްރޮސެސް ފުރިހަމަކޮށްފައި ނުކޮށް ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ރީ ބްރޯޑްކާސްޓު ކުރުމުގެ ލައިސަންސް އޮތް ފަރާތަކުން ރީ ބްރޯޑްކާސްޓު ކުރަމުންދާ ކޮންޓެންޓެއް ވަގުތުން އެއްވެސް ޝަރުތެއް ނެތި ހުއްޓާލަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް އެނގިދާނެ ކަމަށް ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި އަދި ރީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

"މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ އެންގުމާ އެއްގޮތަށް އަމަލުކުރަން އަންގާފައިވާ އެންގުމަކީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނާ ޚިލާފަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގާފައިވާ އެންގުމެއް ކަމަށް ކަނޑައަޅައި ހުކުމް ކޮށްފީމެވެ." ސިވިލް ކޯޓުގެ ހުކުމްގައިވެ އެވެ.