13 Jul 2014, 12:19
ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލައްވާފައިވާ ގާނޫނީ ވަކީލު މައުމޫން ހަމީދާއި ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒު މުހުސިނާ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އިންޓަވިއުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މެމްބަރަކު ވިދާޅުވީ، އެ ދެ ބޭފުޅުންނާ އިންޓަވިއު ކުރައްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަމަށެވެ.
އޭނާ ވިދާޅުވީ، އެ ބައްދަލުވުމުގައި ކޮމެޓީގެ ހުރިހާ މެމްބަރުން ވެސް އެ ދެ ބޭފުޅުންނާ ސުވާލު ކުރެއްވި ކަމަށެވެ. އަދި ކޮމެޓީއަށް އެއްބާރުލުން ދެއްވައި މެމްބަރުންގެ ހުރިހާ ސުވާލުތަކަށް ވެސް އެ ދެ ބޭފުޅުން ޖަވާބުދެއްވާފައި ވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ދެ ބޭފުޅުންގެ ތެރެއިން މައުމޫން ހަމީދު ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމަށް ނިމިދިޔަ ރައްޔިތުންގެ މަޖިލީހަށް ވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހެޅުއްވި އެވެ. ނަމަވެސް އޭނާ އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް މަޖިލީހުން އޭރު ވަނީ ފާސްކޮށްފަ އެވެ.
ޕީޖީގެ މަގާމް ހުސްވެފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި އަހްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީން މަޖިލީހަށް ހުށަހެޅުމުން އޭނާ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
މުއިއްޒު އިސްތިއުފާ ދެއްވުމުން ޕީޖީ އޮފީސް ހިންގަވަމުން ގެންދެވީ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމެވެ. ނަމަވެސް އޭނާ ވަނީ މިދިޔަ މެއި މަހުގެ ފަސް ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
އޭގެފަހުން ޕީޖީ އޮފީސް ހިންގަވާނެ ވެރިއެއް ނެތުމުން އެ އޮފީހުގެ ވަކީލުން ވަނީ ކޯޓުތަކަށް ވަޑައިގަތުން ހުއްޓާލައްވާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ޕީޖީގެ މަގާމާއި ޑެޕިއުޓީ ޕީޖީގެ މަގާމުގައި ބޭފުޅަކު ނެތަސް އެ އޮފީހުގެ ވަކީލުންނަށް ކޯޓުތަކަށް ވަޑައިގެން ވަކާލާތު ކުރެވޭނެ ކަމަށް އަމުރުކޮށްފަ އެވެ.