13 Jul 2014, 12:18
މިއަދުގެ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން އެންމެ ބޮޑު ވައުދު ކަމުގައިވާ "ބެޔަސް ނުބެޔަސް" ސްކީމްގައި މިހާތަނަށް ބައިވެރިވެފައި ވަނީ އެންމެ ދޯންޏަކުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ސީނިއާ ރިސާޗް އޮފިސަރު އާދަމް ޒިޔާދު މިއަދު 'ސަން'އަށް ވިދާޅުވީ، "ބެޔަސް ނުބެޔަސް ސްކީމްގައި މިހާތަނަށް ބައިވެރިވެފައި ވަނީ އެންމެ ދޯންޏަކުން 20 މަސްވެރިއެއް" ކަމަށެވެ. އެ ދޯނީގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.
ޒިޔާދު ވިދާޅުވީ، އެ ސްކީމުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ މަސްވެރިންނަށް ވެސް ހުޅުވާލެވިފައި ވާ ކަމަށެވެ.
"މި ސްކީމަކީ ބައިވެރިވުމަށް ވަކި މުއްދަތެއް އޮތް ސްކީމެއް ނޫން، އެގޮތުން ބޭނުން ކޮންމެ އިރެއްގައިވެސް މި ސްކީމުގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިންނަށް އެބައޮތް،" ޒިޔާދު ވިދާޅުވި އެވެ.
ބެޔަސް ނުބެޔަސް ސްކީމްގެ ދަށުން ފައިސާ ދޫކުރަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން 65 ފޫޓަށްވުރެ މަތީގެ އުޅަނދުތަކަށް 10،000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާ އިރު، ސްކީމްގައި ބައިވެރިވުމަށް އެ ފަރާތްތަކުން ކޮންމެ މަހަކު ޕްރިމިއަމްގެ ގޮތުގައި 500 ރުފިޔާ ދައްކަން ޖެހެއެވެ. އަދި 45 ފޫޓާއި 65 ފޫޓާ ދެމެދުގެ އުޅަނދުތަކުގައި މަސްވެރިކަން ކުރާ މީހުންނަށް ދިނުމަށް ހަމަޖެހިފައި ވަނީ 5،000 ރުފިޔާ އެވެ.
އެ ސްކީމްގައި ބައިވެރިވުމަށް އެ ފަރާތްތަކުން ވެސް ކޮންމެ މަހަކު ދައްކަންޖެހޭނީ 400 ރުފިޔާ އެވެ. އަދި 45 ފޫޓުން ދަށުގެ އުޅަނދުތަކަށް 3،500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ސްކީމްގައި ބައިވެރިވުމަށް އެފަރާތްތަކުން ދައްކަންޖެހޭނީ މަހަކު 350 ރުފިޔާ އެވެ.