ޣައްޒާ (ޖުލައި 13) : އިސްރާއީލު ސިފައިންގެ ޔުނިޓެއް އެއްގަމުމަގުން ޣައްޒާއާއި އިސްރާއީލުގެ ސަރަހައްދީ ރޮނގުގައިވާ ސަރަހައްދަކަށް މިއަދު ހެނދުނު އަރައިފި ކަމަށް އިސްރާއީލު ސިފައިންގެ ބަޔާނެއް ބުނެފިއެވެ.

އިސްރާއީލުގެ ރޭޑިޔޯއާ ހަވާލާދީ އޭއެފްޕީން ބުނީ ރޭ ފަތިހުގެ ވަގުތެއްގައި އިސްރާއީލުގެ އެއްގަމު ސިފައިންގެ ޔުނިޓެއް ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ޣައްޒާގެ ދަނޑަކަށް އަރާފައިވާ ކަމުގައެވެ. ނަމަވެސް އިތުރު ތަފްސީލް ދީފައެއްނުވެއެވެ. އަނެއްކޮޅުން ކަނޑުގެ މަގުން ޣައްޒާއަށް ވަންނަންއުޅުނު އިސްރާއީލުގެ އަސްކަރީ އުޅަނދެއް ރޯވެ އަޑިޔަށް ގޮސްފައިވާ ކަމަށް އިސްރާއީލުގެ ރޭޑިޔޯއިން ބުނެފައި ވެއެވެ.

އިސްރާއީލުން ވަނީ އެއްގަމު މަގުން ޣައްޒާއަށް އެރުމަށްޓަކައި 30 ހާސް ސިފައިންގެ ލަޝްކަރެއް ތައްޔާރީ ހާލަތުގައި ތިބިކަން ހާމަކޮށްފައެވެ. ނަމަވެސް ޣައްޒާއަށް އަރައި ފަލަސްތީނުގެ މުޖާހިދުންނާއެކު ގެރިއްލާ ސްޓައިލަށް ހަނގުރާމަކުރުމަކީ އިސްރާއީލު ސިފައިންގެ ގިނަބަޔަކު މަރުވެގެންދާނެ ކަމެއް ކަމަށް ބެލެވޭތީ މިއީ އިސްރާއީލަށް ފަސޭހަ އޮޕަރޭޝަނަކަށް ނުވާނެ ކަމަށް އަސްކަރީ މުހައްލިލުން ދެކެއެވެ.

ހަމާސްއިން ވެސް ވަނީ ޣައްޒާއަށް ވަންނަން އުޅުނު އިސްރާއީލު ސިފައިންގެ ޔުނިޓަކާއި އެޖަމާއަތުގެ މުޖާހިދުންނާ ދެމެދު މިއަދު ހެނދުނު ހަމަލާތަކެއް ބަދަލުކުރެވުނު ކަމަށް ބުނެފައެވެ. މީގެކުރިން ޣައްޒާއަށް ވަންނަން އުޅުނު އިސްރާއީލުގެ ޔުނިޓެއް ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތުން ވަނީ ފަހަތަށް ޖައްސާފައެވެ. (އަލްޖަޒީރާ)