13 Jul 2014, 10:57
ޣައްޒާ (ޖުލައި 13) : އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ގޮވާލާފައި ވަނިކޮށް ރޭ ޣައްޒާގެ އިރުމަތީގައިވާ އައްތުއްފާޙް ސަރަހައްދުގެ ގެއަކަށް އިސްރާއީލުން ވައިގެ ހަމަލާތަކެއް ދީ އެގޭގައި ދިރިއުޅޭ އެއް އާއިލާއެއްގެ 18 މީހުން ޝަހީދުކޮށްލައިފި އެވެ.
ޣައްޒާގެ ސިއްހަތާބެހޭ ދާއިރާ ބުނާގޮތުން ޝަހީދުކޮށްލި އާއިލާގެ 18 މެންބަރުންގެ ތެރޭގައި ގިނައަދަދެއްގެ ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ. އިސްރާއީލުން ހަމަލާތައްދިން ގެއަކީ އައްތުއްފާޙް ސަރަހައްދުގެ އެހެން ގެތަކާ ވަކިން ހުރި ގެއެއް ކަމަށް ވެއެވެ. އިސްރާއީލުގެ ސިފައިންނާއި އިސްރާއީލުގެ އަޅުވެތިކަމުން މިނިވަންވުމަށް މަސައްކަތްކުރާ ފަލަސްތީނުގެ ޖަމާއަތްތަކާ ދެމެދު ބަދަލުކުރަމުންގެންދާ ހަމަލާތައް ހުއްޓާލުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ގޮވާލައި ރޭ ނެރުނު ބަޔާނަށް ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 ގައުމުވެސް ތާއީދުކޮށްފައި ވެއެވެ.
ޣައްޒާގެ މަދަނީ ތަންތަނަށް ޙަމަލާދީ އާންމުން މެރުމުގެ ޖަރީމާތައް ހިންގަމުން ގެންދާ ފަރާތަކީ އިސްރާއީލު ކަމަ ށްވިޔަސް ސަލާމަތީ މަޖިލީހުގެ ބަޔާނުގައި އާންމުން ނުމެރުމަށާއި މަދަނީ ތަންތަނަށް ހަމަލާ ނުދިނުމަށާއި ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކަށް އިހްތިރާމްކުރުމަށް އިސްރާއީލަށް ގޮވާލުމުގެ އިތުރުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކަށްވެސް ގޮވާލާފައި ވެއެވެ. ސަލާމަތީ މަޖިލީހުން މިބަޔާން ނެރެފައި މިވަނީ ހަމަލާތައް ހުއްޓައި ނުލާނެ ކަމަށް ވިދާޅުވެ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ހަރުކަށިކަން ކުރިޔަށް ނެރުއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
ސަލާމަތީ މަޖިލީހުގެ ބަޔާނުގެ ކުރިން ބައިނަލްއަގްވާމީ މުޖްތަމައަށް ގޮންޖައްސަވަމުން ނަތަންޔާހޫ ވަނީ އިސްރާއީލުގެ މަގްސަދްތައް ހާސިލް ކުރެވެންދެން ޣައްޒާއަށް ދޭ ހަމަލާތައް ކުރިޔަށް ގެންދާނެކަމަށް ވިދާޅުވެ އިންޒާރުތައް ދެއްވާފައެވެ. އަދި ހަމަލާތައް ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ގޮވާލި ފަހުން ވެސް އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް މަދުވެފައެއް ނުވެއެވެ. އިސްރާއީލުން މިގޮތަށް ހަމަލާތައް ކުރިޔަށް ގެންދިޔަ ނަމަވެސް ކުރީ ފަހަރުތަކެކޭ ވެސް އެއްގޮތަށް މިފަހަރުވެސް ނަތަންޔާހޫ އެވިދާޅުވާ މަގްސަދްތައް ހާސިލް ނުކުރެވި ހަމަލާތައް ހުއްޓާލުމަށް އިސްރާއީލަށް މަޖްބޫރުވާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ.