13 Jul 2014, 10:35
ޣައްޒާ (ޖުލައި 13) : އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ އުދުވާން ހުއްޓައި ނުލާނަމަ އެ ގައުމުގެ ވެރިރަށް ޓެލްއަވީވަށް ފޯރާފަދަ ދުރުރާސްތާ ރޮކެޓުން ހަމަލާ ދޭނެކަމުގެ އިންޒާރު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފިން ދީފި އެވެ.
ހަމާސްގެ އަސްކަރީ ގޮފި ކަމަށްވާ އިއްޒުއްދީނުލްގައްސާމް ބްރިގޭޑުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާއާ ގާތްގަނޑަކަށް 120 ކިލޯމީޓަރުގެ ދުރުގައިވާ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށާއި އިސްރާއީލުގެ އެންމެ ބޮޑު ނިއުކްލިޔާ މަރުކަޒު ކަމަށްވާ ދީމޫނާ ނިއުކްލިޔާ ރިއެކްޓަރަށް ވެސް ފޯރާވަރުގެ ރޮކެޓް އެޖަމާއަތުގެ އަތުގައި އެބަހުރި ކަމުގައެވެ.
އީރާނުން ރޮކެޓް އިންޖީނުގެ ތަމްރީން ލިބިފައިވާ ހަމާސް ޖަމާއަތުގެ އިންޖިނޭރުންގެ ޓީމުން އުފައްދާ "ޖީ 80" މަރުކާގެ މިސައިލަކީ ޓެލްއަވީވަށް ފޯރާފަދަ މިސައިލެއް ކަމަށާއި އެ ބާވަތުގެ ގިނަ އަދަދެއްގެ މިސައިލް ހަމާސްއަށް ލިބިގެންވާ ކަމަށް އަސްކަރީ ރިޕޯޓްތައް ބުނެއެވެ.
ހަމާސްއިން އިސްރާއީލަށްދޭ ރޮކެޓް ހަމަލާތަކުން އިސްރާއީލަށް މާބޮޑު ގެއްލުމެއް ނުލިބުނު ނަމަވެސް އެ ހަމަލާތައް ހުއްޓުވުމުގައި އިސްރާއީލުގެ ލަޝްކަރުތައް ނާކާމިޔާބު ވުމުގެ ސަބަބުން އިސްރާއީލުގެ އާންމުންގެ ހިތްތަކަށް ބިރުވެރިކަންވަދެ އިސްރާއީލުގެ ސިފައިންނަށް އެގައުމުގެ ރައްޔިތުންކުރާ އިތުބާރު ގެއްލިގެން ދިޔުމުގެ ބިރު ބޮޑުކަމަށް ތަޖްރިބާކާރުން ދެކެއެވެ.
ހަމާސްގެ ރޮކެޓް ހަމަލާއެއް ޓެލްއަވީވް އިންޓަނޭޝަނަލް އެއާޕޯޓްގެ ސަރަހައްދަށް އިއްޔެ ވެއްޓުމާ ގުޅިގެން އިސްރާއީލުގެ އެއާ ނެވިގޭޝަން ސިސްޓަމަށް ބުރޫ އަރާފައި ވާތީ އިސްރާއީލަށް ކުރާ ދަތުރުތައް ހުއްޓާލުމާމެދު ވިސްނަމުންދާ ކަމަށް ބައެއް އެއާލައިންތަކުން ބުނެފައި ވެއެވެ. ހަމާސްއިން އިސްރާއީލަށް ފޮނުވާ ރޮކެޓްތަކުގެ ޓެކްނޮލޮޖީގެ ފަންނީ ފެންވަރު ތަންކޮޅެއް ދަށްނަމަވެސް އިސްރާއީލުން ބިނާކޮށްފައިވާ މިސައިލް އައްޑަނައިގެ ނިޒާމުވަނީ އެ ރޮކެޓްތަކަށް ހުރަސް އެޅުމުގައި ނާކާމިޔާބު ވެފައެވެ. އެގޮތުން ހަމާސް އިން ފޮނުވާ އެންމެ 30 އިންސައްތަ މިސައިލަށް ނޫނީ ހުރަސްއެޅިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އިސްރާއީލުން ވަނީ ހަމާސްގެ 80 އިންސައްތަ މިސައިލަށް ހުރަސްއަޅައި އެތަކެތި ވައްޓާލާފައިވާ ކަމަށް ބުނެފައެވެ.
ހަމަލާތައް ހުއްޓާލުމަށް އދ. ގެ ސަލާމަތީ މަޖިލީހުން އިސްރާއީލަށާއި ފަލަސްތީނުގެ ޖަމާއަތްތަކަށް ގޮވާލި ނަމަވެސް އިސްރާއީލުން ޣައްޒާއަށް ދޭ އުދުވާނީ ހަމަލާތަކަށް ކުޑަވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ރޭވެސް އިސްރާއީލުން ޣައްޒާގެ ތިން ސަރަހައްދަކަށް ވައިގެ ހަމަލާތައްދީ ފަލަސްތީނުގެ 15 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްހަތާބެހޭ ދާއިރާތަކުން ހާމަކޮށްފައި ވެއެވެ. (އަލްޖަޒީރާ)