10 Jan 2011, 19:13
އައްޑު އަތޮޅު ވިލިނގިލީގެ މައްސަލައިގައި އެލިސެން ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް 32 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވިލިނގިލީ އިންވެސްޓްމެންޓުން ދޭން ޖެހޭ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އައްޑު އަތޮޅު ވިލިނގިލީގައި އެލިސެންއިން ކުރި މަސައްކަތްތަކަށް 4،557،376.69 އެމެރިކާ ޑޮލަރު ހޯދަން ކުރި ދައުވާގެ މައްޗަށް ޝަރީއަތް ހިންގެވުމަށް ފަހު ސިވިލް ކޯޓުގެ ގާޒީ އައިޝާ ސުޖޫން އިއްވެވި ހުކުމުގައި ބުނަނީ އެ ފައިސާ ހޯދަން އެލިސެންއިން ކުރި ދައުވާއަށް ވިލިނގިލީ އިންވެސްޓްމެންޓުން އިންކާރުކުރި ނަމަވެސް އެކުންފުނިން ދައުވާއަށް އިންކާރު ކުރަނީ ކޮން ސަބަބުތަކެއްގެ މައްޗަށްކަން ސާފު ނުވާ ކަމަށެވެ. އަދި އެފަރާތުން ހުށަހަޅާ ކަންކަން ސާބިތު ކުރުމަށް ހެކިވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.
ވިލިނގިލި އިންވެސްޓުމަންޓަކީ އެނަޖީ ޓުއާސްގެ 70 ޕަސެންޓު އަދި ދިވެހި ސަރުކާރުގެ 30 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ ޗެއާމަނަކީ މ. ވިލާދަށުގޭ މުހައްމަދު މަނިކެވެ.
މީގެ އިތުރުން ހުކުމުގައި ބުނަނީ އެލިސެންއިން ޝަރީއަތަށް ހުށަހެޅި ލިޔުންތަކަށް ނަޒަރު ކުރިއިރު ދެފަރާތުގެ މެދުގައި ތިން އެއްބަސްވުމެއް ވެފައިވާކަން އެނގޭ ކަމަށާއި އެއީ ވިލިނގިލި ބިނާ ކުރަން އޮތް، ޝަނގްރިލާ މޯލްޑިވްސްގެ ފާލަންތަކާއި ވޯކްވޭތައް ހެދުމުގެ އެއްބަސްވުމަކާއި ވިލިނގިލީގައި ހެދުމަށް އޮތް ޝަނގްރިލާ މޯލްޑިވްސްގެ ކޯސްޓަލް ވޯކްސް އެގްރިމެންޓަކާއި ޝަންގްރިލާގެ އިތުރު އިމާރާތްތަކެއް ކުރުމާބެހޭ އެގްރިމެންޓެއް ކަމަށެވެ.
~
ވިލިނގިލީ އިންވެސްޓްމެންޓްގެ ޣައިރު ހާޒިރުގައި އައިޝާ ސުޖޫންގެ ހުކުމުގައި ބުނަނީ ތިން އެއްބަސްވުމުގައިވާ މަސައްކަތްތައް ބެލުމަށް 2006 ގައި ކޯޓުގެ އަގު ކޮމެޓީން ވިލިނގިއްޔަށް ދަތުރުކޮށް އެލިސެން އިން ކޮށްފައިވާ މަސައްކަތްތައް ބަލައި އަގު ކުރިއިރު މަސައްކަތާއި ދަތުރުފަތުރުގެ އަގަށް 32،309،470.16 ރ. (ބައްތިރީ މިލިޔަން ތިންލައްކަ ނުވަ ހާސް ހަތަރު ސަތޭކަ ހަތްދިހަ ރުފިޔާ ސޯޅަލާރި) އަރާ ކަމަށެވެ.
މިއަދު އިއްވި ހުކުމުގައި ބުނަނީ އެލިސެން އާއި ވިލިނގިލީ އިންވެސްޓްމެންޓާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އެލިސެން އިން ބުނެފައިވާ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެ މަސައްކަތުގެ އަގަށް 32،309،470.16 ރ. ވިލިނގިލީ އިންވެސްޓްމެންޓުން އެލިސެން އަށް ދޭންޖެހޭ ކަމަށެވެ.
"...ވިލިނގިލީ އިންވެސްޓްމެންޓުގެ ފަރާތުން މި 32،309،470.16 ރ. އ އެލިސެން ސާވިސް ޕްރައިވެޓް ލިމިޓެޑަށް ރައްދު ކުރުމުގެ ގޮތުން 10 ޖެނުއަރީ 2011 ދުވަހުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެމަކަށް ޖެހޭ އަދަދަށްވުރެ މަދު ނޫން މިންވަރެއް ސިވިލް ކޯޓަށް ދައްކާ ހަލާސް ކުރުމަށް އަނގައި ވިލިނިގިލީ އިންވެސްޓްމަންޓްގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްފީމެވެ." ހުކުމުގައި ވެއެވެ.
ވިލިނގިލީ އިންވެސްޓްމެންޓެގެ ޗެއާމަނަކީ މަޝްހޫރު ވިޔަފާރިވެރިޔާ މ. ވިލާދޮށުގޭ މުހައްމަދު މަނިކެވެ. އޮކްޓޫބަރު 6، 2007 ގައި އޭރުގެ މަދަނީ ކޯޓުން ވަނީ 12.8 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހ. ސިސައިޑް މުހައްމަދު އަލީ ޖަނާހަށް ދެއްކުމަށް މުހައްމަދު މަނިކުގެ މައްޗަށް ހުކުމް ކޮށްފަ އެވެ. ޖަނާހަކި އެލިސެން ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ ޗީފްއެގްޒެކެޓިވް އޮފިސަރެވެ.