13 Jul 2014, 10:34
އެއީ މިދިޔަ ބުދަ ދުވަހުގެ އިރުއޮއްސުނު ވަގުތެވެ. މުހައްމަދު އިބްރާހިމް 51، ހުރީ ވިއްސާރައިގައި ޖެހި ރޯދަ ވީއްލަން ގެއަށް ނުދެވި، މަޖީދީމަގުގެ ފިހާރައެއްގެ އަސްކަނި ދޮށުގަ އެވެ. އެއީ ރޯދަ ވީއްލާ ވަގުތު ކަަމަށް ވުމުން މަގުތަކުގައި މީހުން އުޅެނީ ވަރަށް މަދުންނެވެ. ކުއްލި އަކަށް ޒުވާން ހަތަރު ފިރިހެނުން މުހައްމަދާ ދިމާ ކޮށްލި އެވެ. އަދި އަތުގައި ހުރި ފައިސާތަކާއި ފޯނު ދޭށޭ ބުންޏެވެ. ނުދީފިނަމަ "ކޮށާލާނެ" ކަމުގެ އިންޒާރާ ވެސް އެކުއެވެ.
އެހަތަރު ޒުވާނުން ވެގެން މުހައްމަދުގެ ވޮލެޓުގައި އެވަގުތު އޮތް 400 ރުފިޔާ އަތުލި އެވެ. އަދި ފޯނު އަތުލުމަށް ފަހު އޭގެ ސިމް ކާޑު މުހައްމަދުގެ އަތަށް ދިނެވެ. އެއަށް ފަހު އެމީހުން ދިޔައީ މުހައްމަދު ގޮވައިގެން އޮލިމްޕަސް ކައިރީ ހުރި އޭޓީއަމްއަށެވެ. އޭޓީއެމަށް ގޮސް މުހައްމަދަށް ބިރުދައްކައި ކޭޝް ކާޑާއި އެ ކާޑުގެ ނަމްބަރު ހޯދައިގެން މުހައްމަދުގެ އެކައުންޓްގައި އެވަގުތު ހުރި 500 ރުފިޔާ ނެގި އެވެ.
"އެމީހުން ބުނީ ފައިސާ ނުދީފި ނަމަ ކޮށާލާނަމޭ، އަދި އަޑު ގަދަ ކުރިޔަސް ކޮށާލާނަމޭ، އެހެންވެ މަށަށް ޖެހުނީ އަތުގައި ހުރި އެއްޗެއް ވިއްޔާ ދޭން، ދެން އޭގެ ފަހުން މަ މިހުންނަނީ ނަފްސާނީ ގޮތުން ބިރުގެންފަ، ނިދުނަސް ފެންނަނީ އެތަން، އެއްވެސް ކަމެއް ކުރާ ހިތެއްވެސް ނުވޭ" މުހައްމަދު ބުންޏެވެ.
މިދިޔަ ހަފްތާ ތެރޭގައި ހިނގި އެހެން ހާދިސާއެކެވެ. އެއީ ހުސެއިން އާރިފް އެވެ. އޭނާ ވަޒީފާގައި އުޅޭ ފިހާރަ 11 ޖެހުމުން ބަންދުކޮށްފައި ގެއަށް ދިޔައިރު، މަގު ކުރުކޮށްލުމަށް އާރިފް ހިޔާކުރީ އަހުމަދިއްޔާ ޕާކް ތެރެއިން ލައިފައި ދިއުމަށެވެ. ކުއްލިއަކަށް އިވުނީ "ބުރޯ މަޑުކޮށްލަބަ" އޭ ބުނި އަޑެވެ. އެއާ އެކު ފަސް ފިރިހެނުން އާރިފް ވަށާލި އެވެ.
"މަ ވަށާލާފައި ބުނީ ދޭށޭ ފޯނާއި އަތުގައި ހުރިހާ ލާރި. ދެން ނުދީފި ނަމަ މަރާލާނެ ކަމަށް ބުނި، މަ ޖެހުނީ ކޭޝް ކާޑާއި ހުރިހާ އެއްޗެއް ވެސް ދޭން،" އާރިފް ބުންޏެވެ.
އެމީހުން ދިޔައީ އާރިފް ގޮވައިގެން ފިނޭންސް މިނިސްޓްރީ ކައިރީ ހުންނަ އޭޓީއެމް އަށެވެ. އެއަށް ފަހު އާރިފްގެ އެކައުންޓްގައި ހުރި 5000 ރުފިޔާ އެމީހުން ނެގި އެވެ. އެއަށް ފަހު އެމީހުން ދިޔައީ އެވެ.
އިސްވެ މި ފާހަގަކޮށްލީ މިދިޔަ ހަފްތާގެ ތެރޭގައި ވެރިރަށް މާލޭގައި ހިންގާފައިވާ ފޭރުމުގެ ދެ ހާދިސާއެކެވެ. އޭގެ އިތުރުން މިދިޔަ ހަފްތާގެ ތެރޭގައި މެދު އުމުރުގެ އަންހެނަކު މަގުމަތިން ހިފަހައްޓައި އޭނާގެ އަތުގައި ހުރި ގަހަނާތައް ފޭރިގަތުމާއި އަންހެނުންތަކެއްގެ އަތް ދަބަސްތައް ފޭރިގަތުން ފަދަ ހާދިސާތައް ވެސް ހިނގާފައިވެ އެވެ. އެނގިފައިވާ ގޮތުގައި އެފަދަ އެތައް ހާދިސާއެއް މި ރޯދަ މަސް ފެށުނު ފަހުން ވެސް ހިނގާފައިވެ އެވެ. އެގޮތުން ތަފާތު އެތައް ބަޔަކަށް ބިރުދައްކައި އެތައް ހާސް ފައިސާއެއް އެތައް ބަޔެއްގެ އަތުން ފޭރިގެންފައިވާ ހާދިސާތައް ހިނގާފައިވެ އެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މާރާމާރީގެ މައްސަލަތައް ނުވަ ޕަސެންޓަށް ދަށްވެ، ފޭރުމުގެ މައްސަލަތައް ނުވަ ޕަސެންޓަށް ވަނީ އިތުރު ވެފަ އެވެ. ފޭރުމުގެ މައްސަލަތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 303 މައްސަލައެއް ހުށަހެޅިފައިވާ އިރު، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެ އަދަދު ވަނީ 334 އިތުރުވެފަ އެވެ. މި އަދަދު ތަކަށް ބަލާއިރު ވެސް ފޭރުން އިތުރުވެފައިވާ ކަން ހެކިދެ އެވެ.
ބެލިބެލުމަށް ފޭރުމުގެ ކަންކަން އެންމެ ގިނައީ ރޯދަ ވީއްލާ ވަގުތާއި ދަންވަރުގެ ވަގުތަކުގަ އެވެ. އެ ވަގުތުތަކަކީ އާންމުކޮށް މަގުތަކުގައި މީހުން މަދު ވަގުތުތައް ކަން ފާހަގަ ކުރެވެ އެވެ. އަދި އެފަދަ ނުރައްކާތައް ބޮޑަށް ދިމާވަނީ މީހުން މަދު ހިސާބުތަކުންކަން ފާހަގަ ކުރެވެ އެވެ. މިސާލަކަށް ބައެއް މަގުތަކުގެ ކަންކަން މަތިންނާއި ހަނި ގޯޅިތަކުގެ ތެރެއިންނާއި ބައެއް ޕާކްތައް ހިމެނެ އެވެ. އަދި ހަމަ އެހެންމެ އެފަދަ ނުރައްކާތައް ބޮޑަށް ދިމާވަނީ އެކަނި މަގުތަކުގައި އުޅޭ ފަރާތްތަކަށް ކަން ފާހަގަ ކުރެވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފޭރުމުގެ މައްސަލަތައް ކޮންމެ ދުވަހަކު ވެސް ހުށަހަޅެމުންދާ ކަމަށެެވެ. އަދި އެފަދަ ކަންކަމުން އާންމުން ރައްކާތެރިވުމަށް ފުލުހުން އެދޭކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މަގުމަތީގައި އާންމުން ހަރަކާތްތެރިވާ އިރު ވެސް ފޭރުން ފަދަ ކަންކަމަށް ފުރުސަތު ނުލިބޭނެ ގޮތްގޮތަށް ހަރަކާތްތެރިވުމަށް އިލްތިމާސް ކުރަން، ހަމަ އެހެންމެ އެފަދަ މައްސަލަތައް ވީހާވެސް އަވަހަށް ފުލުހުންނަށް ރިޕޯޓް ކޮށްދިނުމަށް އެދެން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެފަދަ އޮޕަރޭޝަންތަކުގައި ފުލުހުން ހަރަކާތްތެރި ވާއިރު، ރައްޔިތުންގެ ފަރާތުން ވެސް ފުރިހަމަ އެހީތެރިކަން ލިބިގެން ދިއުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ފުލުހުން ބުންޏެވެ. އެ ގޮތުން ރޭގަނޑު ނިދުމުގެ ކުރިން ރަނގަޅަށް ގެދޮރު ތަޅުލުމާއި، ގޭތެރޭގައި ވެސް ފެންނަ ތަންތާގައި އަދި ގެއަށް ވަންނަ ފަރާތްތަކަށް ފަސޭހައިން ފެންނާނެހެން އަގުބޮޑު ފޯނާއި ގަހަނާ އާއި އަތުކުރީ ގަޑިއާއި އައިޕެޑް ފަދަ ތަކެތި ނުބެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މަގުތަކުގައި އުޅޭ އިރު ވެސް ތިމާގެ ރައްކާތެރި ކަމަށް ބަލައިގެން އުޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ހަގީގަތަކީ ފޭރުން އިތުރުވެފައިވާ ކަމެވެ. އެކަމަށް އާންމުން ސަމާލުވާން ވެއްޖެ އެވެ. ނޫނީ އެފަދަ މައްސަލަތައް ދާނީ އިތުރުވަމުންނެވެ.