13 Jul 2014, 10:28
ފަލަސްތީނުގެ ގައްޒާ އަށް ދެމުންދާ ހަމާލާތަކުގައި ނިކަމެތި އާންމު ރައްޔިތުން މަރުވަމުންދާތީ، ފަލަސްތީނުގެ ދިފާއުގައި އެމްޑީޕީން ރޭ މާލޭގައި ހިނގާލުމެއް ބާއްވައިފި އެވެ.
އެމްޑީޕީން އޮފީސް ކުރިމަތިން ފެށައިގެން މާލެ ބޮޑެތި މަގުތަކުގައި ރޭ ކުރިއަށް ގެންދިޔަ ހިނގާލުމުގައި ފަލަސްތީނުގެ ކުށެއް ނެތް އެތައް ރައްޔިތަކު އިޒުރޭލުން ޝަހީދުކުރަމުން ދާތީ އެކަން ހުއްޓާލުމަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ. ހިނގާލުމުގައި އެމްޑީޕީން އަޑުއުފުލާފައި ވަނީ އިޒުރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމަށެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނާއި އެ ޕާޓީގެ އާންމު މެމްބަރުން ބައިވެރިވި ހިނގާލުމުގައި ފަލަސްތީން މިނިވަން ދައުލަތަކަށް ހެދުމަށް ވަނީ ގޮވާލާފަ އެވެ.
އިޒރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ދިވެހި ސަރުކާރުން އަމަލު ކުރަމުންދާ ގޮތަށް އެމްޑީޕީން ރޭ ބޭއްވި އެއްވުމުގައި ވަނީ ފާޑުކިޔައިފަ އެވެ. އަދި ބައެއް ވަޒީރުންގެ އިސްތިއުފާއަށް އެމްޑީޕީން ވަނީ ގޮވައިފަ އެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި އެމްޑީޕީގެ އެހެން ބޭފުޅުން ވިދާޅުވި ގޮތުގައި ސަރުކާރުން އެކަމުގައި އަމަލުކުރަމުންދަނީ "ވަޅޯ" ގޮތަކަށް ކަމަށެވެ.