13 Jul 2014, 10:17
ދިރާގު ދިވެހި ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ފޯވަޑް އަސަދުﷲ އަބްދުﷲގެ ހެޓްރިކާ އެކު، މަހިބަދޫ ސްޕޯޓްސް ކްލަބު އަތުން ބޮޑު ތަފާތަކުން މޮޅުވެ، ވަގުތީ ގޮތުން ލީގުގެ އެއްވަނައަށް މާޒިޔާ އަރައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ މަހިބަދޫއާ ދެކޮޅަށް ކުޅުނު މެޗުން މާޒިޔާ މޮޅުވީ 8-1 ލަނޑުންނެވެ. މެޗުގައި މާޒިޔާއިން މޮޅު ކުޅުމެއް ދެއްކި އިރު، މަހިބަދޫގެ ޑިފެންޑަރުންގެ ފަރާތުން ގިނަ ކުށްތަކެއް ވަނީ ފެނިފަ އެވެ.
މެޗުގެ ހަތް ވަނަ މިނެޓްގައި މަހިބަދު އަށް ލީޑު ނެގުމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހުސައިން ނިޔާޒް (ބޮކުރީ) އަށް ރިލްވާން ވަހީދު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަށް ހުރަސްއެޅީ މާޒިޔާގެ ގޯލްކީޕަރު މުހައްމަދު އިމްރާނެވެ. ލީގުގައި މަހިބަދު އަށް ނާކާމިޔާބުވި ދެވަނަ ޕެނަލްޓީ ފޮނުވާލީ އަބްދުﷲ މިދުހަތު ފަހުމީ އެވެ.
މެޗުގެ 19 ވަނަ މިނެޓްގައި މާޒިޔާ އަށް ލީޑު ނަގައިދިނީ އަސަދުﷲ އެވެ. މާޒިޔާ އަށް އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ޝިޔާމް (ދޮނާ)ގެ ރީތި ބޯޅައަކުންނެވެ. އޭގެ ދެ މިނެޓްފަހުން ވެސް މާޒިޔާ އަށް ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަބޫ ޑެސްމޮންޑް މަންސާރީގެ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ މަހިބަދޫގެ ކީޕަރުގެ އަތަށެވެ.
މެޗުގެ ފުރަތަމަ ހާފު ނުމެން ހަ މިނެޓަށް ވެފައި ވަނިކޮށް، މާޒިޔާއިން އިތުރު ތިން ލަނޑު ކާމިޔާބުކޮށް، ހަތަރު ލަނޑުގެ ލީޑެއް ނެގި އެވެ. މެޗުގެ 38 ވަނަ މިނެޓްގައި މަހިބަދޫގެ ގާސިމް ސަމާމު އަތުން ބައިކޮޅަށް ލަނޑެއް ވަން އިރު، އޭގެ ދެ މިނެޓް ފަހުން މާޒިޔާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އަސަދުﷲ އެވެ. އަދި މެޗުގެ 43 ވަނަ މިނެޓްގައި މާޒިޔާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ރިސްޓޭ ނައުމޯވް އެވެ.
މެޗުގައި ތިންވަނަ ލަނޑެއް ކާމިޔާބުކޮށް، އަސަދުﷲގެ ހެޓްރިކް ފުރިހަމަކުރީ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓް ފަހުންނެވެ. މެޗުގެ 66 ވަނަ މިނެޓްގައި ފެނިގެންދިޔައީ މަހިބަދޫ އިން ލަނޑެއް ކާމިޔާބުކުރި ތަނެވެ. މެޗުގައި މަހިބަދު އަށް ސުން ކަނޑުވައިލަދިން އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ނެޗެމޮން ރޮޑްރިގޭ ޓަހީ އެވެ.
މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ހަތްވަނަ ލަނޑާއި އަށްވަނަ ލަނޑު ފެނިގެންދިޔައީ 72 އަދިި 75 ވަނަ މިނެޓްގަ އެވެ. މާޒިޔާގެ ހަތްވަނަ ލަނޑު އަޝްއަދު އަލީ (އަޑުބަރޭ)ގެ ބޯޅައަކުން އަހްމަދު ނާޝިދު (ނާއްޓޭ) ކާމިޔާބުކޮށްދިން އިރު، ފަހު ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ސާދިން އެވެ.
މި މޮޅާއެކު ކުޅުނު ހަތަރު މެޗުން ލިބުނު ދިހަ ޕޮއިންޓާއެކު މާޒިޔާ ވަނީ ލީގުގެ އެއްވަނައަށް އަރައިފަ އެވެ. ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު ދެ ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް އޮތްއިރު، ތިންވަނައިގައި އޮތް އީގަލްސް އަށް ވެސް ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ. ނިއުއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ހަތަރު ވަނައިގައި އޮތް ވެލެންސިއާ އަށް ކުޅުނު ހަތަރު މެޗުން ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ފަސްވަނައިގައި ވިކްޓަރީ އޮތް އިރު، މަހިބަދޫ އޮތީ ތިން ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ. ލީގުގެ ފުލުގައި އޮތް ބީޖީ އާއި އޭވައިއެލް އަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.
ލީގުގައި ދެން މެޗެއް ކުޅޭނީ މާދަމާ އެވެ. މާދަމާ ރޭ 10:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ދެވަނައިގައި އޮތް ނިއު ރޭޑިއަންޓާއި އީގަލްސް އެވެ.