ވޯލްޑް ކަޕުގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ބްރެޒިލް އަތުން މޮޅުވެ، ނެދަލެންޑްސް އިން މުބާރާތުގެ ތިންވަނަ މަގާމު ހޯދައިފި އެވެ.

އެސްޓޭޑިއޯ ނޭސިއޮނަލްގައި ކުޅުނު މުބާރާތުގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ބްރެޒިލް އަތުން ނެދަލެންޑްސް މޮޅުވީ 3-0 ލަނޑުންނެވެ. މިރޭގެ މެޗަށް ނުކުތް އިރު، ބްރެޒިލް އަދި ނެދަލެންޑްސް ޓީމުގެ ފުރަތަމަ އެގާރައިން ވެސް ބަދަލުތަކެއް ފެނިގެންދިޔަ އެވެ.

ސަސްޕެންޝަނަށް ފަހު، ބްރެޒިލްގެ ކެޕްޓަން އެނބުރި އައި އިރު، ހަލްކް އާއި ބާނާޑް އަދި މާސެލޯގެ ބަދަލުގައި ވިލިއަން އާއި ރަމިރޭސް އަދި މެކްވެލްއަށް ވަނީ ޖާގަ ދީފަ އެވެ. މި މެޗު ކުޅުނުއިރު، ބްރެޒިލްގެ ބެންޗުގައި އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި އެޓީމުގެ ތަރި ނޭމާ ބެންޗުގައި އިނެވެ.

ނެދަލެންޑްސް އިން ފެނުނު އެންމެ ބޮޑު ބަދަލަކީ ވެސްލީ ސްނެއިޑާގެ ބަދަލުގައި ޔޮނަތަން ޑި ގުޒްމަންއަށް ފުރަތަމަ އެގާރައިން ފުރުސަތު ދިނުމެވެ. އޭނާއަށް ފުރުސަތު ލިބުނީ ނެދަލެންޑްސްގެ ފަރިތަކުރުމެއްގައި ސްނެއިޑާއަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އޭގެ އިތުރުން ނައިޖެލް ޑި ޔޮންގްގެ ބަދަލުގައި ނެދަލެންޑްސް ޓީމުގެ ފުރަތަމަ އޭގާރައިގައި ހިމަނާފައި ވަނީ ޔޯޑީ ކްލަސީ އެވެ.

ސެމީ ފައިނަލުގައި ޖަރުމަނު އަތުން ލަދުވެތި ގޮތަކަށް ބްރެޒިލް ބަލިވި މެޗުގައި އެ ޓީމުން ފެނުނު ކުށްތައް މިރޭގެ މެޗުގައި ވެސް ފެނިގެންދިޔަ އެވެ. އެގޮތުން ނެދަލެންޑްސް އިން ކާމިޔާބުކުރި ތިން ލަނޑަކީ ވެސް ބްރެޒިލްގެ ޑިފެންޑަރުންނަށް ހެދުނު ކުށްތަކަކުން ކާމިޔާބުކުރި ލަނޑުތަކެކެވެ.

މެޗުގެ ފުރަތަމަ ލަނޑު ނެދަލެންޑްސް އިން ކާމިޔާބުކުރީ ތިންވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. އެއީ އާޔެން ރޮބެން ހުސްކޮށް އޮވެ ބްރެޒިލްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަންނަން ދަނިކޮށް އޭނާ ގައިގައި ތިއާގޯ ސިލްވާ ހިފެހެއްޓުމުން ނެދަލެންޑްސްއަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އެ ފައުލާ ގުޅިގެން ސިލްވާ ރަތް ކާޑަކުން ސަލާމަތްވި އިރު، ވީޑިއޯ ރީޕްލޭތަކުން ދައްކަނީ ރޮބެންއަށް އޭނާ ފައުލްކޮށްފައި ވަނީ އޭރިޔާ ބޭރުން ކަމަށެވެ.

މެޗުގެ 17 ވަނަ މިނެޓްގައި ނެދަލެންޑްސްއަށް ލީޑު ފުޅާކޮށްދިނީ ޑޭލީ ބްލިންޑެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ނެދަލެންޑްސްގެ ޑި ގުޒްމަން ނަގައިދިން ހުރަހަކުން ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް ދިން ރީތި ބޯޅަކުންނެވެ. އެ ލަނޑަކީ ނެދަލެންޑްސްގެ ސީނިއާ ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ނެދަލެންޑްސް އިން ދެ ލަނޑުގެ ލީޑެއް ނެގުމުން އަމިއްލަ ފަސްގަނޑުގައި ކުޅެމުންދިޔަ ބްރެޒިލް އިން ލަނޑެއް ކާމިޔާބުކޮށް ލީޑު ހަނިކުރުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، އެޓީމަށް ނެދަލެންޑްސްގެ ޑިފެންޑަރުން ކައިރިން ސަލާމަތްވެ، ނެދަލެންޑްސްގެ ގޯލަށް ބޯޅައެއް ވައްދާލެވިފައެއް ނުވެއެވެ.

ނެދަލެންޑްސް އިން ކާމިޔާބުކުރި ތިންވަނަ ލަނޑު ފެނިގެން ދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ޑެރީލް ޔަންމާޓް ދިން ބޯޅައަކުން ނެދަލެންޑްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖޯޖީނިއޯ ވޭނޯލްޑަމް އެވެ.

ބްރެޒިލް ޓީމު ހުސްއަތާ މުބާރާތް ނިންމާލަން ޖެހުނު އިރު، މިރޭގެ މެޗަށްފަހު ނެދަލެންޑްސް ކުޅުންތެރިންނާއި އެޓީމުގެ އޮފިޝަލުންނަށް ބްރޮންޒް މެޑަލް ހަވާލުކޮށްދެއްވީ ފީފާގެ ރައީސް ސެޕް ބްލެޓާ އެވެ.

ފީފާ ވޯލްޑް ކަޕުގެ ފައިނަލުގައި އާޖެންޓީނާ އާއި ޖަރުމަނު ބައްދަލުކުރާނީ މިރޭ 12:00 ގައެވެ. އެ މެޗު ކުޅޭނީ ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގެ އެސްޓޭޑިއޯ މަރަކަނާގައެވެ.