ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ކަނޑައަޅައި ނިމެންދެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބު ނުބޭއްވުމަށް ސިވިލް ކޯޓުން މިރޭ އަމުރެއް ނެރެފިއެވެ.

ސިވިލް ކޯޓުން މިރޭ އެފަދަ އަމުރެއް ނެރެފައި ވަނީ ގދ. ފޮޔޯރީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގުގެ ފަރާތުން ހުށަހެޅުއްވި މައްސަލައެއްގައި އެފަދަ އަމުރަކަށް އެދިވަޑައިގެންފައިވާތީ އެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދު ހުސައިން މިރޭ ނެރުއްވި އަމުރުގައި ބުނެފައި ވަނީ އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިމެންދެން ނުވަތަ ކޯޓުން ވަކިއެއްޗެއް އަންގަންދެން ޖޭއެސްސީއަށް ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބު ނުބޭއްވުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށާއި ދައުލަތުގެ ކަމާ ބެހޭ އެންމެހައި ފަރާތްތަކަށް އަންގައި އަމުރު ކުރާށެވެ.

މިރޭ 9:30 ގައި ބޭއްވި އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި އިސް ގާޒީ އަލީ ރަޝީދު ވިދާޅުވީ ދައުލަތުގެ ފަރާތުން މިރޭ ދައުވާ އަށް ޖަވާބުދާރީ ވެއްޖެނަމަ އެ މައްސަލައިގެ ހުކުމް މިރޭ އިއްވާނެ ކަމަށެވެ. ނަމަވެސް ދައުލަތުގެ ވަކީލާ ވިދާޅުވީ އެ މައްސަލައަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށެވެ.

މިރޭ ދައުލަތުން ޖަވާބުދާރީވެފައި ވަނީ ވަގުތީ އަމުރަށެވެ. އަދި ދައުލަތުގެ ފަރާތުން މިރޭ ވަނީ އެ މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އުޖުރާއީ ނުކުތާއެއް ނަންގަވާފަ އެވެ.

އިޖުރާއީ ނުކުތާ ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލާ މަރިޔަމް ޝުނާނާ ވިދާޅުވީ އެޓާނީ ޖެނެރަލްގެ އޮފީހުން އާންމު ކުރި އުސޫލުގެ މާއްދާއެއް ސުޕްރީމް ކޯޓުން ބާތިލް ކުރިއިރު، އެ ދައުވާގައި ބާތިލް ކުރަން އެދިފައިވާ އެ އުސޫލުގެ 11 ވަނަ މާއްދާގެ (ހ) ބާތިލް ކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން އެ އުސޫލުގެ އެހެނިހެން މާއްދާތައް އެކުލަވާލެވިފައި ވަނީ ރަނގަޅަށް ކަމުގައި ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވިގޮތުގައި އެގޮތަށް ބަލަންޖެހޭ ސަބަބަކީ ނެކްސްބިޒާ ގުޅޭ މައްސަލައެއްގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި އެއްވެސް ކަމަކާ މެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާނީ އެ މައްސަލައިގައި ހިމެނޭ އެންމެހައި ކަންތައް ރިއާޔަތް ކުރުމަށްފަހު ކަމުގައި ބަޔާންކޮށްފައި ވާތީ އެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދު ވިދާޅުވީ އެއީ އިޖުރާއީ ނުކުތާއެއްގެ ގޮތުގައި ބަލައި ނުގަންނަ ކަމަށާއި އެ މައްސަލައިގައި މައުޟޫއީގޮތުން ގޮތެއް ނިންމާއިރު ދައުލަތުން ފާހަގަކުރި އެނުކުތާއާ މެދު ޝަރީއަތުން ގޮތެއް ނިންމާނެ ކަމަށެވެ.

އަބްދުއްރައްޒާގުގެ ފަރާތުން މައްސަލަ ހުށަހަޅުއްވަމުން އޭނާގެ ގާނޫނީ ވަކީލު މުހައްމަދު ޝާހު ވިދާޅުވީ އެޓާޖީ ޖެނެރަލްގެ އޮފީހުން ބާއްވަން އިއުލާންކޮށްފައިވާ އެ އިންތިޚާބު ފަސްކުރަންޖެހުނީ އެ އޮފީހުން އާންމުކޮށްފައިވާ އުސޫލުގެ ސަބަބުން އަބްދުއްރައްޒާގައި އެހެނިހެން ބައެއް ވަކީލުންނަށް ވެސް އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ގެއްލިފައިވާ ކަމަށެވެ.

އެ އިންތިޚާބާ ބެހޭ ގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު އުސޫލުގެ 11 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުން ކޮންމެ ރަށެއްގައި ވެސް ވޯޓުލެވޭނީ މަދުވެގެން ފަސް ވަކީލަކު ރަޖިސްޓްރީ ކުރުމުން ކަމަށެވެ.

އަބްދުއްރައްޒާގުގެ ފަރާތުން އެދިފައި ވަނީ އެ މާއްދާ ބާތިލް ކުރުމަށެވެ. ސަބަބެއްގެ ގޮތުން އޭނާގެ ފަރާތުން ފާހަގަ ކުރަނީ އެމާއްދާ އެގޮތަށް އޮތުމުގެ ސަބަބުން އެތަށް ވަކީލުންތަކަކަށް ވޯޓުލުމުގެ ހައްގު ގެއްލޭތީ ކަމަށެވެ.

ގަވާއިދުތަކުގެ މާއްދާތައް ބާތިލް ކުރުމަކީ ދަށު ކޯޓުތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެހެންކަމުން އެމާއްދާ ސިވިލް ކޯޓަށް ބާތިލް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވި ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރުގެ ފަރާތުން މިރޭ ސިވިލް ކޯޓުގައި އެދިވަޑައިގަތެވެ.

އިސް ގާޒީ އަލީ ރަޝީދު ވިދާޅުވީ ޖޭއެސްސީ އިންތިޚާބާ ގުޅޭގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލާފައި ވަނީ ގަވާއިދެއް ނޫން ކަމަށާއި އެއީ އުސޫލެއް ކަމަށެވެ. އަދި ވިދާޅުވީ މީގެކުރިން ވެސް އެ ކޯޓުން ބައެއް އުސޫލުތަކުގެ މާއްދާތައް ބާތިލްކޮށްފައިވާ ކަމަށާއި އެހެންކަމުން އެ އުސޫލުން ބާތިލްކުރަން އެދިފައިވާ މާއްދާ ބާތިލްކުރުމާ މެދު ގޮތެއް ނިންމުމުގެ ބާރު ސިވިލް ކޯޓަށް ލިބިގެންވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އެ އިންތިޚާބުގައި ވާދަކުރައްވާ އަނަސް އަބްދުއްސައްތާރުގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވެފައެވެ. އެ ދެ ބޭފުޅުންގެ ފަރާތުން ވެސް ވަނީ ދައުލަތުން ދެއްކި ހުރިހާ ވާހަކަތަކަށް ތާއީދު ކުރައްވާފަ އެވެ.