12 Jul 2014, 23:46
މެލޭޝިއާގެ ޕޮލިސް ޑި ރާޖާ (ޕީޑީއާރުއެމް)އަށް ކުޅެމުންދާ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ދިވެހި ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފަރިތަކުރުންތަކުގައި މިރޭ ބައިވެރިވެއްޖެ އެވެ.
މި ސީޒަނުގެ މެލޭޝިއާގެ ޕްރިމިއާ ލީގު ކާމިޔާބުކޮށް، ސުޕަ ލީގަށް ޕީޑިއާރުއެމް ދަތުރުކުރި އިރު، އެ ޓީމަށް ދަގަނޑޭ ވަނީ މުހިންމު ދައުރެއް އަދާކޮށްދީފަ އެވެ. އެގޮތުން 22 މެޗުން 52 ޕޮއިންޓް ހޯދި ޕީޑިއާރުއެމްގެ ފޯވަޑް ދަގަނޑޭ ވަނީ ލީގުގައި 17 ލަނޑު ކާމިޔާބުކޮށްފަ އެވެ. އަދި އޭނާ އަކީ މި މެލޭޝިއާ ސީޒަނުގެ ޕްރިމިއާ ލީގުގައި ދެވަނައަށް އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިޔާ އެވެ.
'ސަން' އަށް މައުލޫމާތު ދެއްވަމުން ނިއުގެ ބޯޑު މެންބަރު އަހްމަދު ޒަރީރު ވިދާޅުވީ، ދިރާގު ދިވެހި ލީގުގައި ވާދަކުރާ ނިއުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ދަގަނޑޭ ނިންމީ އަންނަ ސީޒަނަށް އޭނާ ފިޓްކޮށް ހުރުމަށް ކަމަށާއި މިރޭ އިން ފެށިގެން ނިއުގެ ފަރިތަކުރުންތަކުގައި ދަގަނޑޭ ބައިވެރިވާނެ ކަމަށެވެ.
މިރޭ 9:30 ބޭއްވި ނިއުގެ ފަރިތަކުރުންތަކުގައި ނިއުގެ ސީނިއާ ގިނަ ކުޅުންތެރިންތަކެއް ބައިވެރިވި އިރު، އެ ޓީމުގެ ބިދޭސީ ކުޅުންތެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.
މީގެ ކުރިން ދަގަނޑޭ ވަނީ ދެ ސީޒަނެއްގައި ނިއުއަށް ކުޅެފަ އެވެ. އެންމެ ފުރަތަމަ ނިއުއަށް 2006 ވަނަ އަހަރު ކުޅުނު އިރު، އޭއެފްސީ ކަޕުގެ ސެމީ ފައިނަލުގެ ޖާގައެއް ނިއުއަށް ހޯދައިދިނުމުގައި ދަގަނޑޭ ވަނީ އިސްދައުރެއް އަދާކޮށްފަ އެވެ. އަދި 2011 ވަނަ އަހަރުގެ ފަހުކޮޅު އަލުން ޓީމާ ގުޅި އޭނާ ވަނީ 2012 ވަނަ އަހަރު ނިއުއަށް 52 ލަނޑު ކާމިޔާބުކޮށްފަ އެވެ.