ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން ދެމުންގެންދާ ލާ އިންސާނީ ހަމަލާތަކުގައި އެތައް ބަޔަކު މަރުވިފަހުން އިތުރު ހަމަލާތައް ނުދިނުމަށް އެކުވެރި ދައުލަތް (އދ)ގެ ސަލާމަތީ މަޖިލީހުން ގޮވާލައިފި އެވެ.

އދ. އިން އެގޮތަށް ގޮވާލިއިރު، އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން މިރޭ ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒުރޭލުގެ ހަމަލާތަކުގައި ފާއިތުވި ފަސް ދުވަހު 125 އަށް ވުރެ ގިނަ ފަލަސްތީނުގެ އާންމު ރައްޔިތުން މަރުވެފައިވާ ކަމަށެވެ.

އދ. ގެ ސަލާމަތީ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އިސްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް އެ ކައުންސިލްގެ 15 މެންބަރުން ގޮވާލައި ކަމަށާއި، އިސްރާއީލާއީ ފަލަސްތީނުގެ ދެމެދުގައި ސުލްހަ ގާއިމްކުރުމަށް ގޮވާލައި ކަމަށެވެ.

އެ ބަޔާނުގައި ބުނީ، އިސްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އދ. ގެ ސަލާމަތީ ކައުންސިލުން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި ބައިނަލްގްވާމީ އިންސާނީ ހައްގުތައް ރައްކާތެރިކުރާ ގާނޫނަށް އިިހްތިރާމްކުރުމަށް ވެސް ގޮވާލައިފައިވެ އެވެ.

އދ.ގެ ސަލާމަތީ ކައުންސިލުން ހަމަލާތައް ހުއްޓާލުމަށް ގޮވާލި ނަމަވެސް، ބައިނަލްއަގްވާމީ މުޖުތަމައުން ކިތަންމެ ޕްރެޝަރެއް ކުރި ނަމަވެސް ފަހަތަށް ޖެހި ހަމަލާތައް ހުއްޓައި ނުލާނޭ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ. މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިސްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.