ދައުލަތުގެ ކޮންމެ އިދާރާއެއްގައި އިންފޮމޭޝަން އޮފިސަރަކު ކަނޑައަޅަން ޖެހޭނެ ކަމަށް މިއަދު އަމަލު ކުރަން ފެށި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބުނެފައިވާތީ، އިންފޮމޭޝަން އޮފިސަރަކު ކަނޑައެޅި ފުރަތަމަ އިދާރާއަކަށް މޯލްޑިވްސް ޕޮލިސް ސާވިސް ވެއްޖެ އެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތަސްދީގު ކުރެއްވި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ބުނާ ގޮތުން އެ ގާނޫނަށް އަމަލު ކުރަންޖެހެނީ ތަސްދީގު ކުރިތާ ހަ މަސް ފަހުންނެވެ. އެ ގާނޫނު ތަސްދީގުކޮށް ގެޒެޓްގައި ޝާއިއު ކުރިތާ މިއަދަށް ހަ މަސްވެއްޖެ އެވެ. ގާނޫނަށް އަމަލުކުރަންޖެހޭ ސުންގަޑި މިއަދަށް ވަނީ ހަމަވެފަ އެވެ.

ނަމަވެސް އެ ގާނޫނުގެ ދަށުން، އިންފޮމޭޝަން އޮފިސަރަކު އަދި ކަނޑައަޅާފައިވާ ހަމައެކަނި އިދާރާއަކީ ފުލުސް އޮފީހެވެ. ފުލުހުންގެ ތެރެއިން އިންފޮމޭޝަން އޮފިސަރަކަށް ކަނޑައެޅި ފުލުސް މީހާގެ ވަނަވަރު ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ. އާންމު ފަރާތްތަކުން އޭނާ މެދުވެރިކޮ ފުލުހުންގެ މައުލޫމާތު ހޯދާނެ ގޮތް ވެސް ވަނީ އާންމުކޮށް އިއުލާންކޮށްފަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދުގެ ނިންމުމަށް ފުލުހުންގެ އިންފޮމޭޝަން އޮފިސަރަކަށް ކަނޑައަޅާފައި ވަނީ ޗީފް އިންސްޕެކްޓަރ ޙަސަން ޙަނީފުއެވެ. ހަނީފަކީ 2011 ވަނަ އަހަރުން ފެށިގެން ފުލުހުންގެ މީޑިއާ އޮފިޝަލެވެ. ހާއްސަ ހާލަތެއް ފިޔަވައި، އެހެން ދަނޑިވަޅުތަކުގައި ހަނީފު މީޑިއާއަކަށް މައުލޫމާތެއް ނުދެއްވަ އެވެ. އޭނާގެ ބަދަލުގައި މީޑިއާއަށް މީގެ ކުރިން މައުލޫމާތު ދެއްވާފައި ވަނީ ފުލުހުންގެ މީޑިއާގައި މަސައްކަތް ކުރާ އޮފިސަރުންނެވެ.

ހޯމް މިނިސްޓްރީން ބުނީ ދައުލަތުގެ ހުރިހާ އިދާރާއެއްގައި ވެސް މީޑީއާއަށް މައުލޫމާތު ދެއްވާ ބޭފުޅުން ތިއްބަވާނެ ކަމަށެވެ. ނަމަވެސް ގާނޫނުގައި ބުނާ އިންފޮމޭޝަން އޮފިސަރަކު ކަނޑައަޅައި، އާންމުކޮށް އިއުލާންކޮށްފައިވާ ކަމެއް އެނގިފައިނުވާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ. އަދި ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން އޮފިސަރުން ކަނޑައަޅައި މުރާޖާ ކޮމެޓީތައް އޮފީސްތަކުގައި އުފެއްދުމަށް މި ޖުލައި މަހުގެ އެއް ވަނަ ދުވަހު ދައުލަތުގެ ހުރިހާ އިދާރާއަކަށް ވެސް އަންގާފައިވާނެ ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 43 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސްގެ ނަމުގައި އެ ގާނޫނަށް ހަމަލު ކުރާ ދުވަހު އޮފީހެއް އުފައްދަން ޖެހޭނެ ކަމަށެވެ.

ރައީސް ޔާމީން ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށްޓަކައި މަޖިލީހަށް ވަނީ ނަމެއް ފޮނުވާފަ އެވެ. އެއީ މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު (އަޒީބެ) އެވެ. އޭނާގެ އެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އޭނާގެ ނަން ދިރާސާ ކުރުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވާފަ އެވެ.