2005 ވަނަ އަހަރާއި 2006 ވަނަ އަހަރު ފަލަސްޠީނުގައި ބޭއްވުނު ޢާއްމު އިންތިޚާބުތަކުގައި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތެއްގެ ވޯޓު ހޯދައިގެން، ޣައްޒާގެ ސަރުކާރާ ޙަވާލު ވީ ޙަމާސް ޖަމާޢަތެވެ. މިއީ ފަލަސްޠީނުގެ ތާރީޚުގައި ބޭއްވުނު އެންމެ "ޑިމޮކްރަޓިކް" އިންތިޚާބުތަކެވެ. ނަމަވެސް އެ އިންތިޚާބުތަކުގެ ނަތީޖާ ޒައިނިސްޓް އިސްރާއީލާއި އެމެރިކާ ފަދަ ޤައުމުތަކަށް ހަޖަމެއް ނުކުރެވުނެވެ. ސަބަބަކީ އިސްރާއީލާ އެކު "ސިއްރު ޑީލްތައް" ހަދާ ކަމުގެ ތުހުމަތު ކުރެވޭ، އަދި ދީނާއި ދައުލަތް ވަކި ކުރުމުގެ ސިޔާސަތެއް ގެންގުޅޭ ފަތަޙް ޖަމާޢަތަށް ބާރު ގެއްލި، އިސްލާމީ ފިކުރުގެ އަދި ޒައިނިޒަމްގެ ކުރިމަތީގައި ސާބިތުކަމާ އެކު ހުއްޓިގެން އޮތް ޙަމާސް ޖަމާޢަތަށް ބާރުވެރިކަން ލިބުމެވެ.

މި ދެންނެވި އިންތިޚާބުތަކަށް ފަހު، ޣައްޒާ ވެފައި ވަނީ ޒައިނިސްޓުންގެ ޚާއްސަ އަމާޒަކަށެވެ. 2005 ވަނަ އަހަރުން ފެށިގެން،ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން ޒައިނިސްޓް އިސްރާއީލުގެ އަނިޔާވެރިކަމުގެ ރަހަ އެންމެ ހިތިކޮށް ތަޖުރިބާ ކުރަމުން ދަނީ ޣައްޒާގެ ނިކަމެތި ރައްޔިތުންނެވެ. އެއިރުއްސުރެ، ޣައްޒާގެބިމާއި ވަޔާއި ކަނޑުގެ ސަރަޙައްދު އޮންނަނީ އިސްރާއީލުގެ ޢަސްކަރީ ބާރުގެ ދަށުގައެވެ. ޣައްޒާގެ ސަރަޙައްދީ ރޮނގުގެ ތެރެއިން، މިޞުރާއި ޣައްޒާ ގުޅޭ 12 ވަރަކަށް ކިލޯމީޓަރުގެ ތަންކޮޅެއް ފިޔަވައި، މުޅި ސަރަޙައްދީ ރޮނގު އޮންނަނީ އިސްރާއީލުގެ ޢަސްކަރިއްޔާގެބާރުގެ ދަށުގައެވެ.

އިސްރާއީލުގެ ޢަސްކަރިއްޔާގެ އުޅަނދުތައް އެއްގަމާއި ވަޔާއި ކަނޑުން، ޣައްޒާގެ ސަރަޙައްދު 24 ގަޑި އިރު ބަލަހައްޓައެވެ. އެހެންކަމުން، ޣައްޒާ އަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގައި ބުނާ ހަމަތަކަށް ބަލާ އިރު، އިސްރާއީލުން ހިފައިފައި އޮތް ބިމެކެވެ. އެއް ބަޔަކު ސިފަ ކުރާ ގޮތުގައި، ޣައްޒާ އަކީ ދުނިޔޭގައި މިހާރު އޮތް އެންމެ ބޮޑު "އޯޕަން އެއަރ" ޖަލެވެ. އެ ޖަލުގައި، އިސްރާއީލުގެ ޢަސްކަރީ ޤައިދުގައި، ފަލަސްޠީނުގެ ރައްޔިތުން ހޭދަ ކުރަމުން ދަނީ ލެޔާއި ކަރުނައިގެ ޙަޔާތެކެވެ.

އަނިޔާގެ ރާޅުތަކެއް
ނިރުބަވެރިކަމާއި އަޅުވެތިކަމުގެ ދުނިޔެއެއްގައި، އިންތިހާ ދަރަޖައިގެ ބިރުވެރިކަމުގައި ޣައްޒާގެ ރައްޔިތުން ދިރިއުޅެމުން ގެންދާ އިރު، ކޮންމެ ދެތިން އަހަރަކުން އެއް އަހަރު އިސްރާއީލުގެ "ކިލިންގ މެޝިން" ގެ ފުރޮޅުތައް ޣައްޒާގެ އެތަންމިތަނުގައި އަނބުރައިލެވެއެވެ. ކޮންމެ ދެތިން އަހަރަކުން އެއް އަހަރު، ޒައިނިސްޓް ޤާތިލުން، އެމެރިކާއިން ހިލޭސާބަހަށް ދީފައި ހުންނަ އެންމެ ޒަމާނީ ހަނގުރާމަވެރި ޖެޓުތަކުގައި އައިސް، ޣައްޒާގެ ހުރަހަށާއި ދިގަށް ބޮން އަޅައި މުޅި ތަން އަލިފާނާއި ދުމާއި ހިރަފުހުގެ ވިލާތަކުން ބައްދައިލައެވެ. ބޮމުގެ ޙަމަލާތަކުން އެތައް ސަތޭކަ ނުވަތަ އެތައް ހާސް ބަޔަކު ކަތިލުމަށް ފަހު، ދެން ޒައިނިސްޓުންގެ ބިމުގެ ލަޝްކަރުތައް އައިސް، އިތުރު އެތައް ސަތޭކަ ނުވަތަ އެތައް ހާސް ބަޔަކު ކަތިލައި، ހަލާކު ނުވެ ހުރިއްޔާ ހުރި މުހިއްމު ތަންތަނެއް ހަލާކު ކޮށް، މުޅި ޣައްޒާގެ އިޖުތިމާޢީ އަދި ޢުމްރާނީ އޮނިގަނޑު ފުނޑުފުނޑު ކޮށްލައެވެ. މިގޮތުން 2005 ގެ ފަހުން އިސްރާއީލުން ވަނީ ތިން ފަހަރެއްގެ މަތީން، ވަރުގަދަ ޢަސްކަރީ މަޢުރިކާތަކެއް ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގައިފައެވެ. 2008 ވަނަ އަހަރާއި 2009 ވަނަ އަހަރު ފެނިގެން ދިޔައީ މަޝްހޫރު "އޮޕަރޭޝަން ކާސްޓް ލެޑް" އެވެ. 2012 ވަނަ އަހަރު ފެނިގެން ދިޔައީ "އޮޕަރޭޝަން ޕިލަރ އޮފް ޑިފެންސް" އެވެ. މިހާރު ފަށައިގެން މި އުޅެނީ "އޮޕަރޭޝަން ޕްރޮޓެކްޓިވް އެޖް" އެވެ.

ޒައިނިސްޓް "ކިލިންގ މެޝިން" ގެ އޮޕަރޭޝަންތަކަށް ކިތަންމެ ރީތި ނަންތަކެއް ދިނަސް، އަދި މީގެ ތެރެއިން ކޮންމެ އޮޕަރޭޝަނެއް ވެސް ފަށާ އިރު އަދި ކުރިޔަށް ގެންދާ އިރު ޙަމާސް ޖަމާޢަތުން ރޮކެޓު ފޮނުވަނީޔޭ، އަމިއްލަ ދިފާޢޭ ކިޔައިގެން ދޮގުވެރި ބަހަނާތަކާއި ޕްރޮޕެގެންޑާ ފަތުރައެވެ. އިންސާނީ ޙައްޤުތަކޭ، ޑިމޮކްރަސީއޭ ކިޔައިގެން އަތާއި އަނގަ ފުޅާ ކުރާ ހުޅަނގުގެ ބާރުތަކާއި މީޑިޔާއިން، މި ޕްރޮޕެގެންޑާ މުޅި ދުނިޔެއަށް ޢާއްމު ކުރެއެވެ. ފަލަސްޠީނުގެ އަނިޔާ ލިބޭ ރައްޔިތުންނަކީ "ޓެރަރިސްޓުން" ކަމަށް ދައްކާން އެއްވެސް ކަހަލަ ލަދެއް ޙަޔާތެއް ނެތި، ފައުޅުގައި ދޮގު ހަދައިގެން އެ ދޮގުތައް ފަތުރައެވެ. އިސްރާއީލުގެ "ސްޓޭޓް ޓެރަރިޒަމް" ގެ ހުތުރު މޫނު ފޮރުވައި، ފަލަސްޠީނުގެ މިނިކަތިލުމުގެ ހުރިހާ ޒިންމާއެއް، އަނިޔާ ލިބޭ މަޠުލޫމުންގެ ބޮލުގައި އަޅުވައެވެ.

"އޮޕަރޭޝަން ކާސްޓް ލެޑް" ގައި ވެސް، "އޮޕަރޭޝަން ޕިލަރ އޮފް ޑިފެންސް" ގައި ވެސް އިސްރާއީލުން ވަނީ ޣައްޒާއަށް ދިން ޙަމަލާތަކުގައި "ވައިޓް ފޮސްފަރަސް" ފަދަ ކެމިކަލް ހަތިޔާރު ބޭނުން ކޮށްފައެވެ. މީގެ އިތުރުން، ޓެސްޓު ކުރުމުގެ މަރުޙަލާގައި ހުރި، ގޮތް ނޭނގޭ އެތައް ކެމިކަލް ހަތިޔާރުތަކެއް ވެސް ޒައިނިސްޓުން ވަނީ މި ދެ މަޢުރިކާގައި މެ ބޭނުން ކޮށްފައެވެ. ފަހުން އެނގިފައި ވާ ގޮތުގައި، މީގެ ތެރެއިން ބައެއް ކެމިކަލްތަކަކީ އޭގެ އަސަރު ކުރާ މީހުންނަށް ކެންސަރާއި އެހެން ވެސް ނުބައި ބަލިބަލި ޖައްސާ ކެމިކަލްތަކެވެ. މި ހަތިޔާރުތަކުގެ ޝިކާރަޔަށް ވެގެން ދިޔަ އެތައް ސަތޭކަ ކުޑަކުދީންނާއި ބޮޑެތި މީހުންނަށް ވެފައި ހުރި ގޮތް، ފޮޓޯތަކާއި ވީޑިއޯތަކުން ބައްލަވާށެވެ! އެ ހުރިހާ ތަކެއްޗެއް އިންޓަރނެޓުގައްޔާއި ލައިބްރަރީތަކުގައި، އަރުޝީފުތަކުގައި ފެންނާން އެބަ ހުއްޓެވެ. ވީ އިރު، ޒައިނިސްޓުންގެ އޮޕަރޭޝަންތަކަށް ކިތަންމެ ރީތި ނަންތަކެއް ކިޔަސް، އަދި ޒައިނިސްޓުންނާއި ޞަލީބީ-އިލްޙާދީ އިއްތިޙާދުން ކިތަންމެ ވަރަކަށް ޕްރޮޕެގެންޑާ ފެތުރިޔަސް، ޙަޤީޤަތް ފޮރުވޭނޭ ގޮތަކީ ކޮބައި ބާވައެވެ!

ފަސްމަންޒަރު
"އޮޕަރޭޝަން ޕްރޮޓެކްޓިވް އެޖް" ގެ ނަމުގައި، އިސްރާއީލުގެ "ކިލިންގ މެޝިނުން" މި ފަހަރު ފަށައިގެން އުޅޭ އަނިޔާގެ އެޕިސޯޑު ފެށީ 8 ޖުލައި 2014 ވީ އަންގާރަ ދުވަހުއެވެ. މި އޮޕަރޭޝަން ފެށުނީ މިދިޔަ ޖޫން މަހުގެ މެދުތެރޭގައި ހިނގި ޙާދިސާއެއްގެ ނަތީޖާތައް އެކިއެކި ގޮތްގޮތަށް ނުކުންނަމުން، ޙާލަތު ބަދަލު ވަމުން އައި އައުމުގެ ތެރޭގައެވެ.

ޖޫން މަހުގެ 12 ވަނަ ދުވަހު،ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުން ގަދަބާރުން ހަދައިފައި އޮންނަ ޔަހޫދީ އާބާދީއެއް ކަމަށް ވާ ގުޝް އެޓްޒިއަނުގައި، އިސްރާއީލުގެ ތިން ޒުވާނަކު ކިޑްނެޕް ކުރެވުނެވެ. އެއީ ނުވަރަފުރައިގެ ތިން ފިރިހެން ކުދީންނެވެ. އެމީހުން ގެއްލުމާ އެކު، "އިޒްރައިލީ ޑިފެންސް ފޯރސަސް" ނުވަތަ "އައިޑީއެފް" ގެ ފަރާތުން މުޅި ހިސާބުގަނޑުގައި ޗެކް ޕޮއިންޓްތައް ހަދައި، އެމީހުން ފެނޭތޯ އަތްފުނާ އަޅާން ފެށިއެވެ.

"އޮޕަރޭޝަން ބްރަދަރޒް ކީޕަރ" ގެ ނަމުގައި ފެށުނު، ހޯދުމުގެ މި އޮޕަރޭޝަނުގެ ދާއިރާ އިސާހިތަކު ފުޅައު ކުރެވި، މުޅި ހުޅަނގު އައްސޭރި އާއި، ޣައްޒާއަށް ވެސް ފެތުރިގެން ދިޔައެވެ. ދާދި އަވަހަށް ފެނިގެން ދިޔައީ، ގެއްލުނު ޒުވާނުން ހޯދުމުގެ މި އޮޕަރޭޝަން، ފަލަސްޠީނީ ލީޑަރުންނާއި މުޖާހިދުން ޝިކާރަ ކުރުމުގެ "ވިޗް-ހަންޓަކަށް" ބަދަލު ވެގެން ދިޔަ މަންޒަރެވެ. "އޮޕަރޭޝަން ބްރަދަރޒް ކީޕަރ" ގެ ފުރަތަމަ 11 ދުވަހުގެ ތެރޭގައި، ހުޅަނގު އައްސޭރީގެ އެކިއެކި ތަންތަނުން 350 އަށް ވުރެ ގިނަ ފަލަސްޠީނީން ހައްޔަރު ކުރެވުނެވެ. ހުޅަނގު އައްސޭރީގައި ތިއްބެވި ޙަމާސްގެ ހުރިހާ ލީޑަރުން ކަހަލަ ގޮތަކަށް އޭގެ ތެރޭގައި ހިމެނިވަޑައިގަތެވެ. ހަމައެހެންމެ، 2011 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުން، ޙަމާސް ޖަމާޢަތުގެ ހައްޔަރުގައި ހުރި ޒައިނިސްޓް ސިފައިންގެ މީހެއް ކަމަށް ވާ ގިލާދު ޝަލީތު މިނިވަން ކުރުމުގެ ބަދަލުގައި، އިސްރާއީލުގެ ޖަލުތަކުން މިނިވަން ކުރެވުނުފަލަސްޠީނީ މުޖާހިދުންގެ އެންމެން ކަހަލަ ގޮތަކަށް، މި އޮޕަރޭޝަނުގައި އަލުން ހައްޔަރު ކުރެވުނެވެ.

ގެއްލުނު ތިން ޒުވާނުން ހޯދުމުގެ މަސައްކަތުގައި،އިސްރާއީލުގެ ސިފައިން ފަލަސްޠީނުގެ 1150 އަށް ވުރެ ގިނަ ޢިމާރާތް ތަޅައި ސުންނާފަތި ކުރިއެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ 750 ގެ ހިމެނެއެވެ. ފަލަސްޠީނީންގެ ގޭގޭގައި ބޭނުން ކުރާ ކޮމްޕިއުޓަރުތަކުން ފެށިގެން ގޮސް، ފަލަސްޠީނީ ޚައިރާތު ފަންޑުތަކުގައި ހުރި ފައިސާޔާ ހަމަޔަށް، އެތައް މިލިއަން ޑޮލަރެއްގެ އަގު ހުރި މުދާ "ކޮންފިސްކޭޓް" ކުރިއެވެ. މީގެ އިތުރުން، ފަލަސްޠީނީންގެ 8 މީހަކާއި 2 ކުޑަކުދީން އަނިޔާވެރި ގޮތުގައި މަރައިލިއެވެ. މަރައިލެވުނު އެއް ކުއްޖާގެ ޢުމުރަކީ 7 އަހަރެވެ. އަނެއް ކުއްޖާގެ ޢުމުރަކީ 15 އަހަރެވެ. ޒައިނިސްޓް ސިފައިންގެ މީހަކު، ޢުމުރުން 15 އަހަރުގެ މުޙައްމަދު ދުދީން މަރައިލީ "ޕޮއިންޓް ބްލޭންކް ރޭންޖުގައި" ހަ ފަހަރު އޭނާގެ ގަޔަށް ބަޑި ޖަހައިގެންނެވެ. މި ޙާދިސާ ހިނގީ 20 ޖޫން ވީ ހުކުރު ދުވަހުއެވެ.
ގެއްލުނު ޔަހޫދީ ތިން ޒުވާނުން ހޯދުމުގެ މަސައްކަތަކަށް ވުރެ ބޮޑަށް، އެކަން ބަހަނާއަކަށް ހަދައިގެން ފަލަސްޠީނުގެ ރައްޔިތުންނަށް ހަސްކާ ދެއްކުމުގެ ވަރުގަދަ އޮޕަރޭޝަނެއްގައި ޒައިނިސްޓް ސިފައިންނާއި ފުލުހުން ހޭބޯނާރައި އުޅެނިކޮށް، އެއްކަލަ ތިން ޒުވާނުންގެ މަރައިލެވިފައި ވާ ހަށިތައް ފެނުނީ، ހަބްރޫނުގެ ހުޅަނގުއުތުރުގައި އޮންނަ ދަނޑުބިމަކުންނެވެ. 30 ޖޫން ވީ ހޯމަ ދުވަހުއެވެ. އެމީހުން މަރައިލެވިފައި ވަނީ ބަޑި ޖަހައިގެންނެވެ.

އިސްރާއީލުގެ ތިން ޒުވާނުން ކިޑްނެޕް ކޮށް، މަރައިލީ ކޮން ބަޔަކު ތޯ، މިއީ މިހާރު ބޮޑު ސުވާލެކެވެ.
ކިޑްނެޕްގެ ޙާދިސާ ހިނގިތާ ދެތިން ދުވަހެއްގެ ތެރޭގައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެކަމުގެ ތުހުމަތު ޙަމާސް ޖަމާޢަތުގެ ބޮލުގައި އެޅުވިއެވެ. އެކަން ކުރީ ޙަމާސް ޖަމާޢަތަށް ނިސްބަތް ވާ ދެ މީހެކޭ، އެއީ އެވަނި މިވަނި މީހުންނޭ، ބުނެ ދެ މީހެއްގެ ނަމާއި ފޮޓޯ ވެސް އިސްރާއީލުން ހާމަ ކޮށްފައި ވެއެވެ. ތިން ޒުވާނުންގެ ހަށިތައް ފެނުމުން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޙަމާސްގެ ކިބައިން ބަދަލު ހިފާނޭ ކަމަށް ބުނެ، ބިރުވެރި އިންޒާރެއް ދީފައެވެ. "އެއްވެސް ރަޙުމެއް ނެތި، އެ ކުދީން މަރައިލި ބަޔަކީ އިންސާނުންގެ ސިފައިގައި ތިބި ޖަނަވާރުންތަކެއް. މި ކަމުގެ ޒިންމާ ނަގާން ޖެހޭނީ ޙަމާސް. އެ ކުދީންގެ ފުރާނައިގެ އަގު ޙަމާސްގެ އަތުން އަތުލާނަން." ނަތަންޔާހޫ ބުނެފައި ވެއެވެ.

އިސްރާއީލުގެ ތިން ޒުވާނުން ކިޑްނެޕް ކޮށް، މަރައިލީ ޙަމާސް ޖަމާޢަތުން ކަމަށް ބުނެ، މިއަދާ ހަމަޔަށް އެ ތުހުމަތު ތަކުރާރު ކުރަމުން ގެންދާ އިރު، މިއަދާ ހަމަޔަށް ވެސް އިސްރާއީލުގެ ތުހުމަތަށް ބާރެއް ލިބިދޭ އެއްވެސް ކަހަލަ ހެއްކެއް ނުވަތަ ޤަރީނާއެއް ހާމަކޮށް ދައްކައިފައެއް، ފެނިފައެއް ނުވެއެވެ. ޙަމާސް ޖަމާޢަތުން ގެންދަނީ ތަކުރާރުކޮށް، އެއީ އެމީހުންނާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫން ކަމަށް ބުނަމުންނެވެ. އިސްރާއީލުގެ ތިން ކުއްޖަކު ކިޑްނެޕް ކޮށް މަރައިލީ ޙަމާސް ކަމުގެ ހެކި އިސްރާއީލުގެ އަތުގައި ހުރި ނަމަ، އެ ހެކިތައް ފޮރުވައިގެން އުޅޭން ވީ ކީއްވެގެން ބާވައެވެ! އެ ހެކިތައް ފެނުމުން، މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ވެސް، އިސްރާއީލުގެ މަޢުޞޫމުކަމާއި ޙަމާސްގެ ކުށްވެރިކަން ސާބިތު ވާނެތާއެވެ! ވީއިރު، އެ ހެކި ނުދައްކައި، ހަމައެކަނި "އެކަން ކުރީ ހަމަ ކަލޭ، ހަމަ ކަލޭ، ކަލޭ ހެއި އަރުވާލާނަން" މިހެން ކިޔައި ހަޅޭއްލަވާ އުޞޫލުން އިސްރާއީލުގެ ސުލޫކު ހުރުމުގެ މާނައަކީ ކޮބައި ބާވައެވެ!

އިސްރާއީލުގެ ކުދީންތަކެއް ކިޑްނެޕް ކުރެވި މަރައިލެވުނު ޙާދިސާއާ މެދު ފުންކޮށް ވިސްނައިލުމުން، މިއީ ވެސް ފަލަސްޠީނީން ބަދުނާމު ކޮށް، ހުޅަނގު އައްސޭރީގައި ތިބި ޙަމާސްގެ ލީޑަރުންނާއި އަދި ގިލާދު ޝަލީތުގެ ބަދަލުގައި މިނިވަން ކުރެވުނު ފަލަސްޠީނީ މުޖާހިދުންނާއި މުޙައްރިކުން އަލުން ހައްޔަރު ކޮށް، އަނެއްކާވެސް ޣައްޒާ "އަންދައިލުމަށް" ޓަކައި ބަހަނާތަކެއް ނެރޭން ވެގެން އިސްރާއީލުން އަމިއްލަޔަށް ކުރި ކަމެއް ނޫން ބާވައޭ، މި ސުވާލު އުފެދެއެވެ. އެ ޙާދިސާގެ ކަންކަން ހިނގައިދިޔަ ގޮތާ މެދު، ޚުދު އިސްރާއީލުގެ އެތެރެއިން ވެސް ވަނީ ސުވާލުތައް އުފައްދައިފައެވެ.

އެގޮތުން، 03 ޖުލައިގައި، އިސްރާއީލުގެ "ވައިނެޓްނިއުސް" ގައި، ކިޑްނެޕް ކުރެވުނު ޒުވާނުންގެ ތެރެއިން އެކަކު، އެ ޙާދިސާ ހިނގިތާ އިރުތަކެއް ނުވަނީސް ފުލުހުންނަށް ފޯނު ކުރި ވާހަކަ ބަޔާން ކޮށް، ފުލުހުންގެ އީޖާބު އައި ގޮތް ލަސް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ކިޔައިފައި ވެއެވެ. ހަމައެހެންމެ، އެ ކުދީން ގޮވައިގެން ކިޑްނެޕަރުން ދިޔަ އުޅަނދު ދިޔައީ އިސްރާއީލުގެ ލައިސަންސް ޕްލޭޓެއް ޖަހައިގެން، އިސްރާއީލުގެ ސިފައިން ޤާއިމު ކޮށްފައި ހުރި ޗެކް ޕޮއިންޓެއް ހުރަސް ކޮށްފައިކަން ވެސް މިހާރު ވަނީ އެނގިފައެވެ. އެ ޗެކް ޕޮއިންޓަކީ ކިޑްނެޕް ކުރެވުނު ޒުވާނުން ހޯދުމުގެ މަސައްކަތުގައި، ސިފައިން ހަދައިފައި ހުރި ޗެކް ޕޮއިންޓެކެވެ. އެހެންވީމާ، އެކުދީން ސަލާމަތް ކުރުމުގައި އިސްރާއީލީ ފުލުހުންގެ އީޖާބު ލަސް ވީއެވެ. ޗެކް ޕޮއިންޓް ހަދައިގެން، އެ ކުދީން ހޯދުމުގެ މަސައްކަތުގައި އުޅުނު ސިފައިން "ނިދައިފައި" ތިބީއެވެ. އިސްރާއީލުގެ ފުލުހުންނާއި ސިފައިންނަކީ އަނިޔާވެރިކަމުގެ ލާމަސީލު ނަމޫނާތަކެއް ކަމާ މެދަކު ޝައްކެއް ނެތެވެ. ނަމަވެސް އެމީހުންނަކީ މިހައި "އަންޕްރޮފެޝަނަލް"، ފަރުވާ ކުޑަ، ޒިންމާ އަދާ ކުރުމުގައި ނޭއްގާނި ބައެއް ކަމަށް މީގެ ކުރީން އެނގިފައެއް ނެތެވެ. ހަމައެކަނި މި ޙާދިސާގައި، އެމީހުންގެ ފަރާތުން މި ސިފަތައް ފެނުން އެއީ ޙައިރާން ވާން ޖެހޭ ކަމެއް ނޫން ބާވައެވެ!

ކޮންމެއަކަސް، މަރައިލެވުނު ތިން ޒުވާނުންގެޖަނާޒާ އޮތީ 30 ޖޫންގައެވެ. އެކުދީން ވަޅު ލުމުގެ ކަންކަން ނިމުނުތާ ގަޑިތަކެއްގެ ތެރޭގައި، އިރުމަތީ ޤުދުސްގެ ޝުޢްފާތު އަވަށުން، ފަލަސްޠީނުގެ ޢުމުރުން 16 އަހަރުގެ ކުޑަކުއްޖެއް ކަމަށް ވާ މުޙައްމަދު އަބޫ ޚުޟައިރު ކިޑްނެޕް ކުރެވުނެވެ. އޭނާ ގެއްލިގެން، ހޯދާން ފެށިތާ މާކަ ގިނަ އިރެއް ނުވަނީސް، ހަމަ އެ ދުވަހު، އޭނާ ފެނުނީ ވަރަށް ބޮޑަށް ތަޅައި ހާނީއްކަ ކުރުމަށް ފަހު، ދިރިއޮއްވައި އަންދައިލެވިފައި ވަނިކޮށެވެ.
އިސްރާއީލާ ދެކޮޅަށް އެންމެ ފުރަތަމަ އިރުމަތީ ޤުދުސްގައި، އަދި އޭގެ ފަހުން މުޅި ފަލަސްޠީނުގެ ކަންކޮޅުތަކުގައްޔާއި، އިސްރާއީލުގެ ޢަރަބި އާބާދީތަކުގައި މުޒާހަރާތަކާއި އެއްވުންތައް ފެތުރިގެން ދިޔައީ މުޙައްމަދު އަބޫ ޚުޟައިރު ޝަހީދު ކޮށްލެވުނު ޙާދިސާއަށް ފަހުގައެވެ. އޭނާ ކިޑްނެޕް ކޮށްގެން ޝަހީދު ކޮށްލުމުގައި ބައިވެރި ވީ ޔަހޫދީ ޒުވާނުންގެ ހަ މީހަކު ކަން އެނގޭ ވަރަށް މިހާރު ވެސް ވަނީ އެތައް ހެއްކެއް ފެންމަތި ވެފައެވެ. އެ ހެކިތަކާ ބެހޭ މަޢުލޫމާތު މީޑިޔާއަށް ހާމަ ވެސް ވަނީ ކުރެވިފައެވެ. އެ ހެކިތަކާ ގުޅިގެން، އިސްރާއީލުގެ ފުލުހުން މިހާރު ގެންދަނީ މަތިއޮމާން ކުރުމުގެ "ތަޙްޤީޤެއް" ވެސް ހިންގަމުންނެވެ. ޔަހޫދީންގެ ތިން ޒުވާނަކު ކިޑްނެޕް ކޮށް މަރައިލީ ކޮން ބައެއްކަން އެނގޭނޭ އެއްވެސް ހެއްކެއް ނެތަސް، ފަލަސްޠީނުގެ ކުއްޖާ ކިޑްނެޕް ކޮށްގެން، ކުދިއަނިޔާގެ ސިލްސިލާއަކަށް ފަހު، ދިރިއޮއްވައި އޭނާ އަންދައިލީ ޒައިނިސްޓުންކަން އެނގޭ ހެކިތައް އެހެރީ ފެންނާށެވެ!

މުޙައްމަދު އަބޫ ޚުޟައިރު ޝަހީދުކޮށްލުމާ ގުޅިގެން ފަލަސްޠީނުގެ އެކިއެކި ހިސާބުތަކުގައްޔާއި، އިސްރާއީލުގެ ޢަރަބި އާބާދީތަކުގައި މުޒާހަރާތައް ޢާއްމު ވެގެން ދިޔައެވެ.މި މުޒާހަރާތަކުގައި ބައިވެރި ވި މީހުންނަށް، އިސްރާއީލުގެ ސިފައިންނާއި ފުލުހުންގެ ފަރާތުން ލިބުނީ އިތުރު އަނިޔާތަކެވެ. އޭގެ އެންމެ ރީތި އެއް މިސާލަކީ، މުޒާހަރާއެއްގައި ބައިވެރި ވި، މުޙައްމަދު އަބޫ ޚުޟައިރުގެ ދެބެންގެ ދެދަރި ކޮއްކި ޠާރިޤް އަބޫ ޙުޟައިރުގެ ވާހަކައެވެ. ޢުމުރުން 15 އަހަރުގެ ޠާރިޤު އަބޫ ޚުޟައިރު ހައްޔަރު ކޮށްގެން އޭނާގެ ގައިގައި އަތުންނާއި ފައިން ތަޅައި، ބިންމައްޗަށް ވައްޓައިލައިގެން ދަމައިކޫއްތައި، މި ކަހަލަ އެތައް ހާނީއްކައެއް އޭނާޔަށް ކުރީ އިސްރާއީލުގެ ބޯޑަރު ފުލުހުންގެ ބައެކެވެ.ޠާރިޤަށް އެތައް ހާނީއްކައެއް ކުރުމަށް ފަހު، އިސްރާއީލުން ފުރަތަމަ ހެދީ ދޮގެވެ. ނަމަވެސް މޯބައިލް ފޯނަކުން މީހަކު ނަގައިފައި އޮތް ވީޑިއޯއެއް ލީކު ވެ، ޙަޤީޤަތް ވަނީ ނިކަން ރަނގަޅަށް ސާފު ވެފައެވެ.

12 ޖޫން އިން ފެށިގެން ހިނގަމުން އައި މި ދެންނެވި ޙާދިސާތަކުގެ ތެރޭގައި، އިސްރާއީލުގެ އަނިޔާވެރިކަން ބޮޑު ވެ، ޙަމާސްގެ އެތައް ލީޑަރުންނަކާއި މުޖާހިދުންނެއް ހައްޔަރު ކުރެވި، 10 ފަލަސްޠީނީން ޝަހީދު ކޮށްލެވި، 1150 އަށް ވުރެ ގިނަ ފަލަސްޠީނީ ޢިމާރާތް ސުންނާފަތި ކުރެވި، އެންމެ ފަހުން ކުށެއް ނެތް ފަލަސްޠީނީ ކުޑަ ކުއްޖަކު އަތުލައިގަނެ، އަނިޔާ ކޮށްފައި އަންދައިލެވި، އެކަމާ ދެކޮޅަށް ތެދު ވި ފަލަސްޠީނީންނަށް ވެސް ޒައިނިސްޓުންގެ މުގުރުތަކުގެ ބާރު ދެކޭން ޖެހުމުން، ޙަމާސް ޖަމާޢަތުން އިސްރާއީލުގެ އެކިއެކި ސަރަޙައްދުތަކަށް ރޮކެޓް ޙަމަލާތައް ފޮނުވާން ފެށިއެވެ. އިސްރާއީލުގެ އީޖާބަކީ، 1500 ސިފައިން ޣައްޒާގެ ސަރަޙައްދީ ރޮނގު ކައިރީގައި ރުކުރުވައިލައި، މުޅި ޣައްޒާޔަށް ވަރުގަދަޔަށް ބޮން އަޅާން ފެށުމެވެ.

ޢުދުވާނީ ޙަމަލާ
އިސްރާއީލުގެ ވެރީން، އާދައިގެ މަތީން، މި ފަހަރު ވެސް ޢުދުވާނީ ޙަމަލާގެ އައު އެޕިސޯޑެއް ފެށީ، ވަރުގަދަ ޕްރޮޕެގެންޑާޔާ އެކު، ހުރިހާ ވެސް ނުބަޔަކީ ފަލަސްޠީނީން ކަމަށް ބުނަމުންނެވެ. އެމީހުންގެ ބަހުގައި، "އޮޕަރޭޝަން ޕްރޮޓެކްޓިވް އެޖް" ފަށާން ޖެހުނީ، ޒައިނިސްޓުން ރީތިކޮށް ގޭގައި ތާސް ކުޅޭން ތިއްބައި، ޙަމާސްގެ "ޓެރަރިސްޓުން" އެމީހުންގެ ބޮލަށް ރޮކެޓާއި މިސައިލް އޮއްސައިގަނެ، ނުހޮރުއްޕާން ކުރާތީ، އެހެން ގޮތެއް ނެތިގެންނެވެ. އަމިއްލަ ނަފުސުތަކާއި އަމިއްލަ ރައްޔިތުން "ރައްކައުތެރި" ކުރުމަށް ޓަކައި، މަޖުބޫރު ވެގެންނެވެ. މި މޭރުމުން ވާހަކަ ދެއްކި ޒައިނިސްޓް ލީޑަރުންގެ ތެރޭގައި، އިސްރާއީލުގެ ދިފާޢީ ވަޒީރު މޯޝޭ ޔާލޫން ހިމެނެއެވެ. "އަހަރެމެން މި ތައްޔާރު ވަނީ ޙަމާސްއާ ދެކޮޅަށް ވަރުގަދަ މަޢުރިކާއެއް ހިންގުމަށް. މި މަޢުރިކާ ކުރު މުއްދަތަކުން، މަދު ދުވަސްތަކަކުންނެއް ނުނިމޭނެ. އިސްރާއީލުގެ ބަލްދާތަކަށް މިސައިލް އޮއްސާ ތަން ދެކޭކަށް މަޑަކުން ނުތިބެވޭނެ. ލިބިހުރި ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ހިފައިގެން، ޙަމާސް އިނދަ ޖައްސައިލާން ކުރެވޭން އޮތް ކަމެއް އަހަރެމެން ކުރާނަން." އޭނާ ބުނެފައި ވެއެވެ.

އިސްރާއީލުގެ އަނިޔާވެރި ޢުދުވާނުގެ އައު އެޕިސޯޑު ފެށުނު ތާ މިއަދަށް މިއީ ފަސްވަނަ ދުވަހެވެ. މިހައިތަނަށް ޣައްޒާ އާއި ޣައްޒާގެ ރައްޔިތުންނަށް ލިބުނު ގެއްލުން، 2012 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ހިންގުނު "އޮޕަރޭޝަން ޕިލަރ އޮފް ޑިފެންސް" ގެ ޖުމުލަ 8 ދުވަހުން ލިބުނު ގެއްލުމަށް ވުރެ ބޮޑެވެ. މިހައިތަނަށް މަދުވެގެން 121 ފަލަސްޠީނީން ޝަހީދު ކޮށްލެވިފައި ވެއެވެ. އޭގެ ތެރޭގައި ޢުމުރުން 4 އަހަރާއި 16 އަހަރާ ދެމެދުގެ، މަދު ވެގެން 25 ކުޑަ ކުދީން ހިމެނެއެވެ. ބުރާސްފަތި ދުވަހުގެ ޙަމަލާތަކުގައި ޖުމުލަ 60 މީހުން ޝަހީދު ވި އިރު، އޭގެ ތެރޭގައި 5 ކުޑަކުދީންނާ އެކު އެއް ޢާއިލާ އެކުގައި ނެތިގޮސްފައި ވެއެވެ. ޒަޚަމް ވީ މީހުންގެ ޢަދަދު ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ 600 އަށް ވުރެ މައްޗަށް އަރައިފައެވެ. ސުންނާފަތި ވެ ފުނޑުފުނޑު ވެފައި ވާ ޢިމާރާތްތަކުގެ ދަށުން، މަރު ވެފައި ތިބޭ މީހުންގެ ހަށިތަކާއި ޒަޚަމީން އަދިވެސް ދަނީ ނެރެވެމުންނެވެ. ވީމާ މި ޢަދަދުތައް ކުރިޔަށް އޮތް ތަނުގައި ދާނީ މުރާޖަޢާ ކުރެވެމުންނެވެ.

މި ފަހަރުގެ އޮޕަރޭޝަނުގެ ފުރަތަމަ ތިން ދުވަހު، އިސްރާއީލުގެ ސިފައިން ޣައްޒާގެ 1100 ތަނަކަށް، މަދު ވެގެން 800 ޓަނުގެ ބޮން އަޅައިފައި ވެއެވެ. މިއީ ނޮވެންބަރު 2012 ގެ އޮޕަރޭޝަނުގެ 8 ދުވަހު ބޮން އެޅި މިންވަރަށް ވުރެ އިތުރު މިންވަރެކެވެ. އިސްރާއީލުން ދޭ ޙަމަލާތަކުގެ ޢާއްމު އަމާޒަކީ މީހުން ދިރިއުޅޭ ގެދޮރުތަކާއި، ގިނައިން މީހުން ޖަމާ ވެ އުޅޭ ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން ހުންނަ ސަރަޙައްދުތަކެވެ. މި ތަންތަނަށް ޙަމަލާ ދީފައި، އިސްރާއީލުގެ ޢަސްކަރިއްޔާއިން ނެރޭ ބަޔާންތަކުގައި އަބަދުވެސް ލިޔެފައި އޮންނަނީ "ޙަމަލާ ދެވުނު ޢިމާރާތްތަކާއި ތަންތަނަކީ، އެތަންތަނުގައި ޙަމާސްގެ ޓެރަރިސްޓުން ފިލައި ތިބި، ނުވަތަ އެމީހުންގެ ޙަރަކާތްތަކަށް ބޭނުން ކުރާ ތަންތަން" ކަމަށެވެ. އެ ނޫން ތަނަކަށް، ދުވަހަކު ވެސް ޙަމަލާ ދޭ ކަމަކަށެއް ނުވެއެވެ.

އެއް ފިޔަވަޅު ކުރިޔަށް
މިފަހަރު ޙަމާސް ޖަމާޢަތުން ވަނީ ކުރީން ދުވަހަކުވެސް އެމީހުން ބޭނުން ނުކުރާ ވައްތަރުގެ ރޮކެޓް ބޭނުން ކޮށްފައެވެ. އަދި ރޮކެޓް ޙަމަލާ ދިނުމުގައި ކުރީން ގެންގުޅެފައި ނުވާ އިސްތިރާޖީ އުކުޅުތައް ބޭނުން ކޮށްފައެވެ. ހޯމަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް، ޙަމާސްގެ ހަނގުރާމަވެރީން އިސްރާއީލުގެ އެކިއެކި އަމާޒުތަކަށް ޖުމުލަ 550 ވަރަކަށް ރޮކެޓް ފޮނުވައިލައިފައި ވެއެވެ. އޭގެ ތެރެއިން ބައެއް ޙަމަލާތައް ޙައިފާއަށާއި، އިސްރާއީލުގެ މެދުތެރޭގައި، ޣައްޒާއާ 100 ކިލޯމީޓަރު ދުރުގައި އޮންނަ ޙަޟީރާއަށް ވެސް ފޯރައިފައި ވެއެވެ. މިއީ ކުރީން ދުވަހަކުވެސް ޙަމާސްގެ ރޮކެޓެއް ފޯރި ހިސާބެއް ނޫނެވެ. 2012 ވަނަ އަހަރު، ޙަމާސްގެ އެންމެ ރޮކެޓެއް ވެރިރަށް ޓެލް އަވީވަށް ފޯރުމުން، ޢަސްކަރީ ތަޖުރިބާކާރުން ޙައިރާން ވެފައި ތިބި އިރު، މި ފަހަރު އެތައް ރޮކެޓެއް ޓެލް އަވީވަށް އަރައިފައި ވެއެވެ. ޙަމާސްގެ ހަނގުރާމަވެރީން ވަނީ، ނިގިވް ސަހަރާގައި އިސްރާއީލުން ބިނާ ކޮށްފައި ހުންނަ "ޑިމޯނާ" ނިއުކުލިއަރު ރިއެކްޓަރަށް ވެސް ރޮކެޓުގެ ޙަމަލާ ދީފައެވެ. އެހެންވީމާ، ޙަމަލާ ދިނުމުގެ ޤާބިލިއްޔަތުގައި، ޙަމާސް އެއް ފިޔަވަޅު ކުރިޔަށް އަޅައިފައި ވާ ކަމަށް ބެލެވެއެވެ.

ނަމަވެސް މިއިން އެއްވެސް ޙަމަލާއެއްގައި، އިސްރާއީލަށް ގެއްލުމެކޭ ބުނެވޭ ވަރުގެ ގެއްލުންތަކެއް ލިބިފައެއް ނުވެއެވެ. ގިނަ ރޮކެޓުތައް ހުސް ސަރަޙައްދުތަކަށް ވެއްޓިފައި ވާ އިރު، ގިނަ ޢަދަދެއްގެ ރޮކެޓުތައް ވަނީ އިސްރާއީލުގެ "އަޔަން ޑޯމް" ދިފާޢީ ނިޒާމުން، ވައިގެ ތެރޭގައި ގޮއްވައިލައިފައެވެ. މިހައިތަނަށް ޙަމާސްގެ ރޮކެޓަކުން އިސްރާއީލަށް ލިބުނު ހަމައެކަނި ގެއްލުމަކީ ބައެއް މީހުންނަށް ކުދިކުދި ހާނީއްކަ ވެ، ދެ މީހަކު ތަންކޮޅެއް ބޮޑަށް ޒަޚަމް ވުމާއި، ޕެޓްރޯލް ސްޓޭޝަނެއް ގޮވައި، ހަލާކު ވުމެވެ.

ޞިއްޙީ ކާރިސާއަކަށް
އިސްރާއީލުގެ ޢުދުވާނީ ކޮންމެ އޮޕަރޭޝަނަކާ އެކު ވެސް، ޣައްޒާގެ ޞިއްޙީ ޚިދުމަތް އިނދަ ޖެހެއެވެ. ޢާއްމު ޙާލަތުގައި ވެސް، އެ ނިޒާމުން ޣައްޒާގެ ރައްޔިތުންނަށް އެކަށީގެންވާ ފަދަ ޚިދުމަތެއް ދިނުން އޮންނަނީ ދަތި ވެފައެވެ. އިސްރާއީލުގެ ދަތިކުރުންތަކުގެ ސަބަބުން، އަބަދުވެސް ޣައްޒާގެ ހަސްފަތާލުތައް އަބަދުވެސް ހުންނަނީ "ޙާލުގައި ޖެހިފައެވެ". މިއީ ޢާއްމު ޙާލަތެވެ.

ޢުދުވާނީ ޙަމަލާއެއް ފެށުމުން، އެތައް ސަތޭކަ ބަޔަކު ޒަޚަމް ވެގެން ހަސްފަތާލުތަކުގެ އެތެރެއާއި ބޭރުގައި އަތުރައިލެވުމުން، ކޮންމެ ފަހަރަކު ވެސް ބޮޑު ޞިއްޙީ ކާރިސާއެއް ކުރިމަތި ވެއެވެ. ހަސްފަތާލުތަކުގައި ޖާގަ ނެތުމުގެ މައްސަލައެވެ. އެކަށީގެންވާ މިންވަރަށް ޑޮކްޓަރުންނާއި ނަރުހުން ނެތުމުގެ މައްސަލައެވެ. ބޭނުންވާ ވަރަށް، ފަރުވާ ދޭނޭ އާލާތްތަކާއި ވަސީލަތްތައް ނެތުމުގެ މައްސަލައެވެ. ބޭސް މަދު ވުމުގެ މައްސަލައެވެ.

މިޞުރުގައި އިސްލާމީ ސަރުކާރެއް އޮތް އިރު، ޣައްޒާގެ ރައްޔިތުންނަށް ބޭސްފަރުވާއާއި ކާނާ ފަދަ ވަސީލަތްތައް ފޯރު ކޮށްދިނުމުގައި، މިޞުރުން ވަރަށް ބޮޑު ދައުރެއް އަދާ ކުރިއެވެ. 2012 ވަނަ އަހަރު، "އޮޕަރޭޝަން ޑިފެންސިވް ޕިލަރ" ގެ ދުވަސްވަރު އެތަން ވަރަށް ރަނގަޅަށް ފެނުނެވެ. ނަމަވެސް ޑރ. މުޙައްމަދު މުރްސީގެ އިސްލާމީ ސަރުކާރު ވައްޓައިލުމަށް ފަހު، އިސްލާމް ދީން ދެކެ ރުޅި އަރާ، ހުޅަނގަށް ވަފާތެރި، ޒައިނިސްޓުންނާ އެކުވެރި ޢަލްމާނީން މިޞުރުގެ ވެރިކަމަށް އަތްގަދަ ކުރި ފަހުން، މިޞުރުން ލިބޭ އެހީތެރިކަމެއް ގާތްގަނޑަކަށް ނެތެވެ. މިޞުރުގެ ލާދީނީ ސަރުކާރުން މިހައި ދުވަހު އޮތީ، މިޞުރާއި ޣައްޒާ އިން ވާ ސަރަޙައްދުން، ޣައްޒާއިން މިޞުރަށް ދެވޭން އޮންނަ ރަފަޙް ބޯޑަރު ދޮރޯށި ބަންދު ކޮށްފައެވެ. ބޭހާއި ކާނާގެ އެންމެ މުހިއްމު މަގު، އެހެންކަމުން، އޮތީ ބަންދު ކުރެވިފައެވެ. ނަމަވެސް މިފަހަރުގެ ޢުދުވާން ފެށުމަށް ފަހު، އިއްޔެ، ބޭހުގެ ސަޕްލައި ފޮނުވުމަށާއި، ޒަޚަމް ވާ މީހުން ފަރުވާޔަށް ޓަކައި މިޞުރަށް ގެންދިޔުމަށް ޓަކައި، ރަފަޙް ބޯޑަރު ދޮރޯށި ހުޅުވައިފައި ވާ ކަން ފާހަގަ ކޮށްލާން ޖެހެއެވެ.

"އޮޕަރޭޝަން ޕްރޮޓެކްޓިވް އެޖް" ފަސްވަނަ ދުވަހަކަށް ދެމިގެން ގޮސްފައި ވާ އިރު، ޣައްޒާގެ އެންމެ ބޮޑު ހަސްފަތާލު ކަމަށް ވާ "އައްޝިފާ" ގެ ކުއްލިޙާލާތީ ޚިދުމަތްތަކާ ބެހޭ ވެރިޔާ ޑރ. އައިމަން އައްސަހްބާނީ އާއި، ޣައްޒާގެ ޞިއްޙީ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ޤަދްރީ ވަނީ، އަލްޖަޒީރާއަށް މަޢުލޫމާތު ދެއްވަމުން، ކުރިޔަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި، ޣައްޒާގައި ޞިއްޙީ ކާރިސާއެއް ކުރިމަތި ވެ، އިންސާނީ މުޞީބާތެއް ލައިގެންފާނެ ކަމަށް އިޝާރާތް ކުރައްވައިފައެވެ. މިހާރުވެސް ޣައްޒާގައި ބޭހާއި ފަރުވާ ދިނުމަށް ބޭނުންވާ އާލާތްތައް ހުރީ ބޭނުންވާ މިންވަރަށް ވުރެ 30 އިންސައްތަ މަދުން ކަމަށް އެ ބޭފުޅުން މަޢުލޫމާތު ދެއްވިއެވެ. ވީމާ، ކުރިޔަށް އޮތް ދުވަސްތަކާ މެދު އޮތީ ހައްތަހާވެސް ކަންބޮޑުވުމެވެ.

ބޮޑު ހަނގުރާމައެއްބާ!
މިހައިތަނަށް އިސްރާއީލުން ޣައްޒާޔަށް ދީފައި ވަނީ ބޮމުގެ ޙަމަލާތައް ކަމަށް ވިޔަސް، ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި، އެއްގަމު މަގުން ޣައްޒާޔަށް އަރައިގަންނާނޭ ކަން ގާތްގަނޑަކަށް ކަށަވަރެވެ. 1500 ސިފައިންގެ ލަޝްކަރެއް މިހާރުވެސް ޣައްޒާގެ ސަރަޙައްދީ ރޮނގު ކައިރީގައި ބަރު ހަތިޔާރާ އެކު ތައްޔާރީ ޙާލަތުގައި އެބައޮތެވެ. އެއާއެކު، 9 ޖުލައިގައި، އިސްރާއީލުގެ ނެސެޓުން ވަނީ، ރިޒާވް ސިފައިންގެ 40000 މީހުން ޚިދުމަތަށް ނެރުމުގެ ހުށަހެޅުމެއް ފާސް ކޮށްފައެވެ. އެ ދުވަހު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިސްރާއީލުގެ ސިފައިންނަށް ގޮވައިލީ "އަންގިތައް ބައިލައި، ހަތިޔާރުތައް އަތަށް ލައިގެން، ދިގު މަޢުރިކާއަކަށް ތައްޔާރު ވެގެން" ތިބުމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު، އިސްރާއީލުގެ އިންޓެލިޖެންސް ވަޒީރު ޔުވާލް ސްޓެއިނިޒް، އެ ޤައުމުގެ ރަސްމީ ރޭޑިޔޯއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ "ހަފުތާތަކަކަށް، އިސްރާއީލުގެ ސިފައިން ޣައްޒާ އެމީހުންގެ ބާރުގެ ދަށަށް ގެންނާނެ" ކަމަށެވެ.

އެހެންކަމުން، ކުރިޔަށް އޮތް ދުވަސްތަކުގައި ޣައްޒާގައި، 2008 އަދި 2009 ގައި ފެނުނު ފަދަ ވަރުގަދަ ހަނގުރާމައެއް ހިނގުމުގެ ފުރުސަތު ބޮޑެވެ. "ހަނގުރާމަ" އެކޭ ދެންނެވިޔަސް، ޣައްޒާގައި ހިނގާނީ ހަނގުރާމައެއް ނޫނެވެ. މިނިކަތިލުމެވެ. އެހެނީ، އިސްރާއީލުގެ ޢަސްކަރިއްޔާއާ ކުރިމަތިލައިގެން، ޙަމާސްގެ ހަނގުރާމަވެރީންނަކަށް ކުރެވޭނޭ މާކަ ބޮޑު ކަމެއް ނޯންނާނެއެވެ. އެމީހުންގެ ޙަމަލާތަކުގައި އިސްރާއީލުގެ ސިފައިންގެ އެކަކު ދެ މީހަކު މަރު ވިޔަސް އެ ވާނީ ޤަބޫލު ކުރާން ދަތި ކަމަކަށެވެ. އެހެންކަމުން، ކުރިޔަށް އޮތީ ޣައްޒާގެ ލޭ އޮހޮރުވުމުގެ އައު ދައުރެކޭ ބުނުން ޙަޤީޤަތާ މާ ކައިރި ކަމަށް ބެލެވެއެވެ.

ޑިޕްލޮމެޓުންނާއި މުނާފިގުން
މި ޙާލަތުގައި ވެސް، ދުނިޔޭގެ މަސްރަޙުން ފެނިގެން ދަނީ ހުޅަނގު އިސް ވެ އޮވެގެން، "އިންސާނީ ޙައްޤުތަކޭ" ނުވަތަ "އިންޞާފޭ" ނުވަތަ "އިންސާނީ ލޯތްބާއި ރަޙްމާއި ހަމްދަރުދީ" އޭ ކިޔައިގެން މުނާފިޤު ވާހަކަތައް ދައްކައިފައި، ޢަމަލު ކުރާ ހުތުރު ގޮތްގޮތެވެ. ހުޅަނގުގެ މީޑިޔާގައި، ޣައްޒާގެ ޙާލަތު ބަޔާން ކުރާ އިރު، ދުވަހުން ދުވަހަށް ހިނގާ ކަންކަން ގެނެސްދޭން ވިސްނާ ވިސްނުމުގެ ދެ ގުނަ ވިސްނައިފައި ހުންނަނީ، އިސްރާއީލުގެ ޢުދުވާނަކީ، އެމީހުން ނިކަން ނަލަކޮށް، ބަސް އަހައިގެން ގޭގައި ތިއްބައި ޙަމާސްގެ ރޮކެޓުތައް ބޮލަށް އޮހޭ ވަރުން ނުކުޅަދާނަ ވެގެން، އަމިއްލަ ދިފާޢުގައި ފެށި އޮޕަރޭޝަނެއް ކަން ސާބިތު ކޮށްދެވޭތޯއެވެ.

އަނެއްކޮޅުން، ސަޢުދީ ޢަރަބިއްޔާ ފަދަ ޤައުމުތަކުގެ ސަރުކާރުތައް ތިބީ އާދައިގެ މަތީން، އެމީހުންގެ ދާންތަކުގައި، ބާރުގެ މަސްތު ބޮއިގެން އަރައި ދެމިފައެވެ. މުސްލިމުންގެ ލޭ އޮހޮރެމުން ދާ ކަން ދަންނަ ބަޔަކު އޭގެ ތެރޭގައި ތިބި ކަމަކަށެއް ނުފެނެއެވެ. އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނުވެސް ނެތް ތާއެވެ! ސަޢޫދީ ރަސްކަމާއި އެ ރަސްކަމަށް ބާރު ދީގެން ތިބި ޢިލްމުވެރީންނާއި، މިޞުރާއި ކުވައިތާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް ފަދަ ޤައުމުތަކުގައި ތިބި ބާރުވެރީންނަކީ އިސްލާމް ދީނުގެ ދުޝްމަނުން ކަމާއި، މުސްލިމުންގެ ލޭގެ ޙުރުމަތެއް އެމީހުންގެ ގާތުގައި ނެތް ކަން އެއީ މިހައިރު ދެން، ސާބިތު ވެ ނިމިފައި އޮތް ކަމެއް ވިއްޔާއެވެ!

މިފަދަ ގޮތަކަށް ކަންތައް އޮތް އިރު، އަލިފުދާލުގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ވިދާޅު ވީ ވެސް މީހަކު ހިނި އައިސްގެން ފަޅައިގެން ދާ ކަހަލަ ވާހަކައެކެވެ. "ޣައްޒާއިން އިސްރާއީލަށް ދޭ ރޮކެޓް ޙަމަލާތައް، އަޅުގަނޑު ވަރަށް ހަރުކަށިކޮށް، ވަރަށް ސާބިތުކަމާ އެކު ކުށްވެރި ކުރަން. ހަމައެހެންމެ، ޣައްޒާގައި ޢާއްމުންގެ ފުރާނަތައް ގެއްލެމުން ދާތީ އެކަން ވެސް ކުށްވެރި ކުރަން." މިއީ އޭނާ ވިދާޅު ވި ބަސްފުޅުތަކެވެ. ޣައްޒާގައި ފަހެ، ޢާއްމުންގެ ފުރާނަތައް، ބަލަބަލައި ތިއްބައި، އަފްލާޠޫނުގެ ތާކިހާ އަޅާ މީހާ އެހެން މީހުންގެ ލޯމަތީން ޣާއިބު ވާހެން، ޣާއިބު ވަނީ ބާވައެވެ! އިސްރާއީލަށް ޣައްޒާއިން ރޮކެޓު ޙަމަލާ ދޭ ވާހަކަ ވިދާޅުވެފައި، ޣައްޒާއަށް "އިސްރާއީލު ސިފައިން ދޭ ޙަމަލާތަކުގައި މަރަމުން ދާ ޢާއްމުންނޭ" ވިދާޅު ވާން ބާން ކީ މޫނަށް ކެރިވަޑައިނުގަތުން، މިއީ ތަންކޮޅެއް ބޮޑު ވަރު ނޫން ބާވައެވެ!