12 Jul 2014, 16:41
ފީފާ ވޯލްޑްކަޕް 2014ގެ ގަވައިދުތަކާއި އެ މުބާރާތުގެ މީޑިއާ އެންޑް މާކެޓިން ގަވައިދުތަކާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި ފީފާ އިން އާޖެންޓީނާ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.
ފީފާގެ ވެބްސައިޓްގައި ބުނެފައި ވަނީ 300،000 ސްވިސް ފްރޭންކުން (އާޖެންޓީނާގެ ފައިސާއިން ނަމަ 2،741430) އާޖެންޓީނާ ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ ފީފާ އިން އާޖެންޓީނާއާ ދެކޮޅަށް ޑިސިޕްލިނަރީ ޕްރޮސީޑިންގްސް ފެށީ ފުރަތަމަ މެޗް އޮތް ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހަމަ އެކަނި ހެޑް ކޯޗް ބައިވެރިކުރުމުން ކަމަށެވެ. ނަމަވެސް ގަވައިދުގައި އޮންނަ ގޮތުން ހެޑްކޯޗްގެ އިތުރުން އެންމެ މަދުވެގެން އެއް ކުޅުންތެރިއެއް ބައިވެރިވާން ޖެހެ އެވެ. ފީފާ އިން ބުނީ އެންމެ ފަހުން އާޖެންޓީނާ އިން ކުޅުނު ސެމީ ފައިނަލް މެޗް އޮތް ދުވަހު ވެސް އެގޮތަށް ކަންތައް ކޮށްފައިވާ ކަމަށެވެ.
ފީފާ އިން ބުނީ މެޗު ފެށުމުގެ ކުރިން ބާއްވާ ޕްރެސް ކޮންފަރެންސްގައި ކޯޗުގެ އިތުރުން ކުޅުންތެރިއަކު ބައިވެރިވާން ޖެހޭ ގޮތަށް ގަވައިދު ހަދާފައި ވަނީ ޓީމުގެ ތައްޔާރީތަކާ ބެހޭ ގޮތުން މީޑިއަށާއި ސަޕޯޓަރުންނަށް ފުރިހަމަ މައުލޫމާތު ލިބިދިނުމަށް ޓަކައި ކަމަށެވެ.