ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގާނޫނީ ވަކީލަކު ހޮވުމަށް މާދަމާ ބާއްވާ އިންތިޚާބާ ގުޅޭ މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ގދ. ފިޔޯރީ ކޯޓުގެ އިސް މެޖިސްޓްރޭޓެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެ މައްސަލަ ހުށަހެޅުއްވީ ރަށްރަށުގައި ތިބެގެން ވޯޓުލުމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުންނެވެ.

މިކަމާ ބެހޭ ގޮތުން ސިވިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިރޭ 9:30 އަށް ތާވަލްކޮށްފައިވާ ކަމަށެވެ.

ޖޭއެސްސީ އިންތިޚާބުގައި މާލޭގެ އިތުރުން ވޯޓުލުން ކުރިއަށް ދާނީ ހއ. އިހަވަންދޫ އާއި ހދ. ކުޅުދުއްފުއްޓާއި ތ. ވޭމަންޑޫ އާއި ލ. ފޮނަދޫގެ އިތުރުން ގއ. ވިލިނގިލީގަ އެވެ.

ކުޅުދުއްފުށި ފިޔަވައި އެހެން ކޮންމެ ރަށެއްގައި ވެސް ވޯޓުލުން ކުރިއަށްދާނީ އެރަށެއްގެ ކައުންސިލް އިދާރާގައި ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ. ކުޅުދުއްފުށީގައި ވޯޓުލުން އޮންނާނީ އެރަށު އަމީރު އަމީން ސްކޫލުގަ އެވެ.

އެ އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންނަކީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުގައި ޖޭއެސްސީގައި އިންނެވި ލަތީފާ ގާސިމް އާއި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އާއި ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރުގެ އިތުރުން ގާނޫނީ ވަކީލު މުހައްމަދު ފައިސަލެވެ.