ފިޔާ ބިސް އަދި އަލުވި ފޯރުކޮށްދިނުމަށް ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ތިން ބާވަތުގެ އާ ޝިޕްމަންޓް މާދަމާ ރޭ ގެނެވޭނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯ އިން ކުރިން ބުނީ މިމަހު 10 ވަނަ ދުވަހު އެ ބޯޓް ރާއްޖެ އަށް އަންނާނެ ކަމަށެވެ.

އެސްޓީއޯ އިން ބުނީ އެޝިޕްމެންޓް ވިއްކެން ފެށޭވަރުވާނީ އަންނަ އަންގާރަ ދުވަހު ކަމަށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ރޯދަމަހު ފިޔާ އަދި އަލުވި ކިލޯއެއް 10 ރުފިޔާ އަށް ވުރެ ބޮޑު ނުވާވަރަށް، ކުކުޅު ބިހެއްގެ އަގު 1.25 ރުފިޔާ އަށް ވުރެ ބޮޑު ނުވެ މި ރޯދަ މަހު ހިފަހައްޓައިދޭނެ ކަމަށެވެ.

އެގޮތުން އެސްޓީއޯ އިން ގެންނަ ޝިޕްމަންޓްގައި ޖުމްލަ 20،000 ބިސްކޭހާއި 20،000 ފިޔާ ބަސްތާގެ އިތުރުން 5000 އަލުވި ބަސްތާ ހިމެނޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެސްޓީއޯ އިން މިހާރު ވަނީ ބިސްހުސްވެ ހޯލް ސޭލް ކުރުން ހުއްޓާލާފަ އެވެ. ނަމަވެސް ރީޓެއިލްކޮށް ވިއްކަ އެވެ.

ހޯލްސޭލްކޮށް ފިޔާ އަލުވި ވިއްކަމުން ދަނީ ބަސްތާއެއް 225 ރުފިޔާގެ ރޭޓުންނެވެ. އަދި ބިސް ކޭހެއް ވިއްކަމުން ގެންދަނީ 250 ރުފިޔާ އަށެވެ.

އެސްޓީއޯ އިން އެތެރެކުރާ ބާވަތްތައް ލިމިޓެއް ނެތި ވިއްކުމަށް ނިންމާފައިވާ ކަމަށާއި އެތަކެތި ހުސްވިޔަ ނުދިނުމަށް އެސްޓީއޯ އިން ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.