12 Jul 2014, 13:34
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް މިއަދު އަމަލު ކުރަން ފަށަން ޖެހޭ އިރު އެ ގާނޫނަށް އަމަލުކުރުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ސަރުކާރުން ވެފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް މުއާޒް މިއަދު ސަން އަށް ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް އަމަލުކުރުމަށް ސަރުކާރުގެ ފަރާތުން ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއްވެ ނިމިފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ހުރިހާ ވުޒާރާއެއްގައި އިންފޮމޭޝަން އޮފިސަރުން ހަމަޖައްސާފައިވާ އިރު ގާނޫނުގައި ބުނާ ގޮތުން 15 ދުވަސް ބާކީ އޮއްވައި އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހަމަޖެއްސުމަށް ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވާފައިވާ ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ސަރުކާރުން ހުށަހަޅުއްވީ ނިމިދިޔަ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރެވެ. އެ ނަމަށް ގޮތެއް ނިންމުމުގެ ގޮތުން މިހާރު އެ ނަން އޮތީ މިނިވަން މުއައްސަސާތަކަކާ ބެހޭ ކޮމިޓީ އަށް ފޮނުވައިފަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރަކު މިހާތަނަށް އައްޔަން ނުކުރެވުނު ނަމަވެސް އެ ގާނޫނު ބުނާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއް ހުންނަންޖެހެ އެވެ.
މުއާޒް ވިދާޅުވީ އެ އޮފީސް ގާއިމް ކުރަންޖެހޭ އިރު އެ އޮފީހުގެ މުއައްޒިފުން އައްޔަން ކުރެވެނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަޝްވަރާގެ މަތިން ކަމަށެވެ. އަދި އޮފީހުގެ ކަންކަމުގައި ވަކި އެއްޗެއް ދަންނަވަން އެނގޭނީ މާދަމާ ކަމަށް މުއާޒް ވިދާޅުވި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ މައިގަނޑު މަގުސަދަކީ މައުލޫމާތުތައް ވީހާ ވެސް ފުޅާދާއިރާއެއްގައި އާންމުކުރުމެވެ.