12 Jul 2014, 13:27
މެކްސިކޯގެ އަވަށެއްގެ މޭޔަރަކު، ކިނބުލަކާއި ކައިވެނިކޮށްފި އެވެ.
އިނގިރޭސި ވިލާތުގެ މަޝްހޫރު ބައެއް ނޫސްތަކުގައި ބުނެފައިވަނީ، މެކްސިކޯގެ އުތުރުގައި އޮންނަ ސަން ޕެޑްރޯ ހުއަމެލުލާ ނަމަކަށް ކިޔާ މަސްވެރި އަވަށުގެ މޭޔަރު ޖުއެލް ވަސްކުއޭޒް ރޮޖާސް، ގާތްގަނޑަކަށް ތިން ފޫޓުގެ ކިނބުލަކާއި ކައިވެނި ކުރީ، އެއަވަށުގެ ސަގާފަތުގެ ތެރެއިން ޒަމާނުންސުރެ ކުރަމުން އަންނަ ކަމަކަށް ވާތީ ކަމަށެވެ.
އެގޮތުން ކައިވެނިކުރާ ކިބުލަށް އެ އަވަށުގެ މީހުން "ރާނީ" ގެ ލަގަބު ދީފައިވާއިރު، ކިނބުލާއި ކައިވެނިކުރުމުން، އެ އަވަށުގެ މަސްވެރިންނަށް ފާގަތިކަން އަންނާނެ ކަމަށް އެއަވަށުގެ މީހުން ގަބޫލުކުރެއެވެ.
"ރާނީ (ކިނބޫ) އާއި ކައިވެނިކުރުމަކީ އަބަދުވެސް އަހަރެން ބޭނުންވާ ކަމެއް،" މޭޔަރު ރޮޖަސް ބުނެފައިވާ ކަމަށް ބީބީސީގަ ބުނެފައިވެ އެވެ.
މެކްސިކޯގެ ލޯކަލް ކައުންސިލް މެންބަރުން ފަންޑު ކޮށްގެން އެގައުމުގައި މިދިޔަ ބުދަ ދުވަހު ކުރި އެ ކައިވެނީގެ ކުރިން، ވެޑިން ޑްރެސް ލައްވާފައި އޮތް އެ ކިނބުލާއި އެކު ވަނީ އެ އަވަށުގައި ހިނގާލުމެއްވެސް ބާއްވާފައެވެ.
މީގެ އިތުރުން، ބަޑިބޭހުގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ ކުލަ ގަދަ ކައިވެނި ހަފްލާގައި ދިމާވެދާނެ ހާދިސާއަކަށް ބަލައި ހަފްލާ ނިމެންދެން ކިނބޫގެ އަނގަ ވަނީ ޓޭޕް އަޅާ ބަންދުކޮށްފަ އެވެ.