12 Jul 2014, 13:19
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޓިއާގެ ޓާޓާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ސަރުކާރު މުވައްޒަފުންގެ ކުރީގެ ނާދީ އިމާރާތް ހުރި ބިމުގައި ފްލެޓު އަޅަން މި ސަރުކާރުން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނާދީ އިމާރާތް ކުރިން ހުރި ބިމުގައި ފްލެޓު އެޅުމަށް ރައީސް ނަޝީދުގެ ސަރުކާރުން ޓާޓާ ކުންފުންޏާ ހަވާލު ކުރި ނަމަވެސް އެތަނުގައި އެޅުމަށް ހަމަޖެއްސި ފްލެޓުތައް ހުޅުމާލޭގައި އަޅަން ހަމަޖައްސައި، އެ ބިމުގައި ސުޕްރީމް ކޯޓު އިމާރާތް ކުރުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ނިންމި އެވެ.
ނަމަވެސް އެކަމާ މެދު ހިތްހަމަނުޖެހިގެން ޓާޓާ ކުންފުނިން ޝަކުވާ ކުރުމުން މި ސަރުކާރުން ވަނީ ސުޕްރީމް ކޯޓު އިމާރާތް ކުރުމަށް އެހެން ބިމެއް ހަމަޖައްސައި، ނާދީ އިމާރާތް ހުރި ބިމުގައި ކުރިން އެއްބަސްވެފައިވާ ގޮތަށް ފްލެޓު އިމާރާތް ކުރަން ޓާޓާއާ ހަވާލުކޮށްފަ އެވެ.
ސަން އަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ ކުރިން ނާދީ އިމާރާތް ހުރި ބިމުގެ އިތުން ކުރީގެ އޯޑިއޯން ހުރި ބިމުގައި ވެސް އެގްރިމެންޓުގައިވާ ގޮތަށް ފެލެޓު އެޅުމަށް މި ސަރުކާރުން ވަނީ ނިންމާފައި ކަމަށެވެ. އަދި ވިދާޅުވީ ފްލެޓްތައް އެޅުމާ ބެހޭ މަޝްވަރާތައް ޓާޓާ ކުންފުންޏާ އެކު ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ނާދީ ހުރި އިމާރާތުގައި އޯޑިއޯން ހުރި ބިމުގައި އަޅަން ނިންމާފައި ވަނީ ހައި އެންޑް ލަގްޒަރީ ފްލެޓްތައް ކަމަށެވެ.
"އެތާ [ނާދީ ހުރި އިމާރާތުގައި އޯޑިއޯން ހުރި ބިމުގައި] ހެދިގެންދާނީ ހައި އެންޑް ލަގްޒަރީ ފްލެޓް. އެއީ މާލެގައި ގެދޮރުވެރިކަން ބޭނުންވެފައި ތިބޭނީ ހަމަ އެކަނި ސޯޝަލް ލެވެލްއަކު ނޫން. މިޑިލް އެންޑް ހައިގެ މުސާރައާއި އިންކަމް ލިބޭ މީހުންވެސް އެބަތިބި ގެދޮރުވެރިކަން ނެތިފައި. އެހެންވީމާ އެފަރާތްކަށް އަމާޒުކޮށްގެން އެ ދެތަނުގައި ފްލެޓްއަޅާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ދެ ބިމުގައި އަޅާ ފްލެޓްތަކުގެ މަސައްކަތްތައް ފެށޭނެ ތާރީޚެއް އެނގޭނީ ޓާޓާ ކުންފުންޏާއެކު ކުރެވޭ މަޝްވަރާތަކަށް ފަހު ކަމަށާއި މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ކުރީކޮޅުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން ބުނީ ގާ ކޮށީގައި އިމާރާތްކުރާ 198 ފްލެޓުގެ ނިމިފައި ވަނީ 33 ޕަސެންޓް ކަމަށެވެ. އަދި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކުރާ 45 ފްލެޓުގެ 35 ޕަސެންޓްގެ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.