12 Jul 2014, 11:25
ޣައްޒާ (ޖުލައި 12) : ރޭގެ ހާރުދަމުގެ ވަގުތުގައި އެއްގަމު މަގުން ޣައްޒާއަށް އަރައިގަތުމަށް މަސައްކަތްކުރި އިސްރާއީލު ސިފައިންގެ ލަޝްކަރަކާ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ އިސްލާމިކް ޖިހާދު ޖަމާއަތުގެ މުޖާހިދުން ކުރިމަތިލައި ޔަހޫދީ ލަޝްކަރު ފަހަތަށް ޖައްސައިފި ކަމަށް އަލްޖަޒީރާ ޚަބަރުދީފި އެވެ.
ފަލަސްތީނުގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލާއެއް ކަމަށްވާ ޖިވާރާ އަލްބުދައިިރީ ބުނީ ޓޭންކާއި އެނޫން ވެސް ބަރުހަތިޔާރާ އެކު ޣައްޒާގެ އުތުރު ސަރައްދުން ވަދެގަންނަށް އުޅުނު އިސްރާއީލުގެ ލަޝްކަރަކަށް އިސްލާމިކް ޖިހާދު ޖަމާއަތުގެ އަސްކަރީ ގޮފިކަމަށްވާ"ސަރާޔާ އަލްގުސްދު"ގެ މުޖާހިދުން ކުރިމަތިލައި ހަމަލާތައް ބަދަލުކުރިތާ ދެގަޑީއިރުވި އިރު ވެސް ކުރިޔަށް ނުދެވިގެން ޔަހޫދީ ލަޝްކަރު އަނބުރައި އައިކޮޅަށް ގޮސްފައިވާ ކަމުގަ އެވެ. އިސްރާއީލުގެ ސިފައިން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައި އިސްރާއީލުގެ އެއްގަމު ސިފައިންގެ ލަޝްކަރެއް ޣައްޒާއަށް އެރުމަށް މަަސައްކަތްކުރި ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް މިއީ ވަރަށް އާދައިގެ ގޮތަކަށް ހިންގި ކަމެއްކަމަށް ބުނެ ތަފްސީލް ދިނުމަށްވަނީ ދެކޮޅު ހަދާފަ އެވެ. ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކުގެ އިސްވެރިންނާއި ކޮމާންޑަރުން ވަނީ އިސްރާއީލުގެ އުދުވާނުގެ ކުރިމަތީގައި އެންމެ އިންޗިއެއް ވެސް ފަހަތަށް ނުޖެހޭނެ ކަމުގެ އިންޒާރު ޔަހޫދީ ހަރުކަށި ވެރިންނަށް ދެއްވާފަ އެވެ. އިސްލާމިކް ޖިހާދު ޖަމާއަތުގެ އަސްކަރީ ގޮފިކަމަށްވާ "ސަރާޔާ އަލްގުސްދު"ގެ މުޖާހިދުންގެ ކޮމާންޑަރަކު އަލްޖަޒީރާގެ މުރާސިލާ އަށް ދެއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޔަހޫދީ ލަޝްކަރުތަކާ ކުރިމަތިލުމަށް ފަލަސްތީނުގެ ޒުވާން މުޖާހިދުން ކެތްމަދުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އަދި އިސްރާއީލުގެ އަތުގައި އެމެރިކާއާއި ހުޅަނގުގައި އުފައްދާ އެންމެ ޒަމާނީ ހަތިޔާރު ހުރެފައި މުޖާހިދުންގެ އަތުގައި އާދައިގެ ބަޑިއެއް އޮތް ނަމަވެސް ޔަހޫދީ ބާތިލް ލަޝްކަރުތައް ބަލިކުރުމުގެ ވާގި މާތް ﷲ ފަލަސްތީނުގެ މުސްލިމް މުޖާހިދުންނަށް ދެއްވާނެ ކަމަށް އިސްލާމިކް ޖިހާދު ޖަމާއަތުގެ ކޮމާންޑަރު ވިދާޅުވި އެވެ. އަނެއްކޮޅުން ޙަމާސް ޖަމާއަތުގެ އަސްކަރީ ގޮފިން ވެސް ވަނީ އިސްރާއީލަށް ދޭ ރޮކެޓް ހަމަލާތަކަށް ކުޑަވެސް ހުއްޓުމެއް ނާންނާނެ ކަމަށާ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މަދަދު ލިބޭ ޔަހޫދީންގެ ބާތިލް ލަޝްކަރުތަކާ މުރިމަތިލައިގެން ދީނާގައި ގައުމުގެ ދިފާޢުގައި ޝަހީދުވާން ތައްޔާރަށް ތިބިކަން ހާމަކޮށް ބަޔާނެއް ނެރެފަ އެވެ. އިސްރާއީލު ސިފައިންގެ އަތުގައި ކިތަންމެ ވަރުގަދަ ހަތިޔާރު ހުރި ނަމަވެސް އެއްގަމު މަގުން ޣައްޒާ އަށް އަރައި ފަލަސްތީނުގެ ޒުވާން އަދި ތަޖްރިބާކާރު އަދި އިސްލާމީ ޖިހާދުން މަޢްނަވީ ހިއްވަރުލިބިފައިވާ ފަލަސްތީނުގެ މުޖާހިދުން ބަލިކުރުމުގެ ގާބިލްކަން އިސްރާއީލު ސިފައިންގެ ކިބާގައި ހުރިކަމާމެދު ޝައްކު ކަމަށް އަސްކަރީ ތަޖްރިބާކާރުން ބުނެ އެވެ. (އަލްޖަޒީރާ)