12 Jul 2014, 11:25
ފީފާ ވޯލްޑް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ "ފީފާ ގޯލްޑަން ބޯލް"ގެ އެވޯޑަށް ނޮމިނޭޓްވި ދިހަ ކުޅުންތެރިންގެ ތެރޭގައި ލިއޮނެލް މެސީ އާއީ ނޭމާ އަދި ޖޭމްސް ރޮޑްރިގޭޒް ހިމެނިއްޖެ އެވެ.
ވޯލްޑް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޮވާނީ ނޫސްވެރިން އަދި ފީފާގެ ޓެކްނިކަލް ސްޓަޑީ ގްރޫޕުގެ ވޯޓަކުންނެވެ. މި އެވޯޑް ހޮވާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 12:00ގައި އާޖެންޓީނާ އާއި ޖަރުމަނު ކުޅޭ ވޯލްޑް ކަޕުގެ ފައިނަލު މެޗަށް ފަހު އެވެ.
ހަތަރު ފަހަރު ފީފާ ބެލޮންޑިއޯ ކާމިޔާބުކުރި ލިއޮނެލް މެސީ އަކީ މުބާރާތުގައި އެންމެ ރަނގަޅު ކުޅުން ދެއްކި އެއް ކުޅުންތެރިޔާ އެވެ. މުބާރާތުގެ ފައިނަލަށް އާޖެންޓީނާ ދަތުރުކުރުމުގައި އެ ޓީމުގެ ކެޕްޓަން މެސީގެ ދައުރު ބޮޑެވެ.
މެސީގެ އިތުރުން މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކޮލަމްބިއާގެ ޖޭމްސް ރޮޑްރިގޭޒް ވެސް ވަނީ ނޮމިނޭޓްވެފަ އެވެ. މި މުބާރާތުގައި އޭނާ ވަނީ ކޮލަމްބިއާއަށް ޖުމްލަ ހަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެ އިތުރުން މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ބްރެޒިލްގެ ނޭމާ އާއި ނެދަލެންޑްސްގެ ހަލުވި ވިންގާ ރޮބެން ވެސް މި ލިސްޓުގައި ހިމެނެ އެވެ.
މި އެވޯޑަށް ވާދަކުރާ ދިހަ ކުޅުންތެރިންގެ ލިސްޓުގައި މެސީއާ އެކު އާޖެންޓީނާގެ އިތުރު ދެ ކުޅުންތެރިއެއް ވަނީ ހިމެނިފަ އެވެ. އެއީ ބާސެލޯނާއަށް ކުޅޭ އާޖެންޓީނާގެ ތަޖުރިބާކާރު މިޑްފީލްޑަރު ހާވިއާ މަޝަރާނޯ އަދި ރެއާލް މެޑްރިޑަށް ކުޅޭ ވިންގާ އަންހެލް ޑި މަރިއާ އެވެ.
މި ލިސްޓުގައި އެންމެ ގިނައީ ޖަރުމަނުގެ ކުޅުންތެރިންނެވެ. އެ ޓީމުގެ ހަތަރު ކުޅުންތެރިއެއް މި ލިސްޓްގައި ވަނީ ހިމެނިފަ އެވެ. އެގޮތުން ބޮރޫސިއާ ޑޯޓްމުންޑަށް ކުޅޭ ޑިފެންޑަރު މެޓްސް ހުމެލްސް އާއި، ބަޔާން މިއުނިކަށް ކުޅޭ ކެޕްޓަން ފިލިޕް ލާމް އާއި، ޓޯނީ ކްރޫސް އަދި ތޯމަސް މުލާ ހިމެނެ އެވެ.
ފީފާ ގޯލްޑަން ބޯލްއަށް ނޮމިނޭޓްވި 10 ކުޅުންތެރިން:
މެޓްސް ހުމެލްސް (ޖަރުމަން)
ތޯމަސް މުލާ (ޖަރުމަން)
ޓޯނީ ކްރޫސް (ޖަރުމަން)
ފިލިޕް ލާމް (ޖަރުމަން)
ލިއޮނެލް މެސީ (އާޖެންޓީނާ)
ހާވިއާ މަޝަރާނޯ (އާޖެންޓީނާ)
އަންހެލް ޑި މަރިއާ (އާޖެންޓީނާ)
ނޭމާ (ބްރެޒިލް)
އާޔެން ރޮބެން (ނެދަލެންޑްސް)
ޖޭމްސް ރޮޑްރިގޭޒް (ކޮލަމްބިއާ)