12 Jul 2014, 11:23
ފީފާ ވޯލްޑް ކަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓްވި ތިން ކުޅުންތެރިންގެ ތެރޭގައި ޕޯލް ޕޮގްބާ އާއި ރަފައެލް ވަރާން އަދި މެމްފިސް ޑެޕާއީ ހިމެނިއްޖެ އެވެ.
މި އެވޯޑް ހޮވަނީ ފީފާގެ ޓެކްނިކަލް ސްޓަޑީ ގްރޫޕުންނެވެ.
މި އެވޯޑަށް ނޮމިނޭޓްވި ފްރާންސްގެ ޕޮގްބާ އަކީ 2013 ވަނަ އަހަރުގެ 20 އަހަރުން ދަށުގެ ވޯލްޑް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. މިހާރު ބްރެޒިލްގައި ކުރިއަށްދާ ވޯލްޑް ކަޕުގައި އޭނާ ވަނީ ފްރާންސްގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކޮށް، ގަދަ 16ގައި ނައިޖީރިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި ވަރަށް މުހިންމު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.
އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓްވި ވަރާން އަކީ ވެސް ފްރާންސްގެ ކުޅުންތެރިއެކެވެ. ފްރާންސްއާ އެކު ވޯލްޑް ކަޕުގެ ހުރިހާ މެޗެއް ކުޅުނު ވަރާން ވަނީ ފްރާންސްގެ ޑިފެންސް ލައިނުގައި އިސް ދައުރެއް އަދާކޮށްފަ އެވެ. ނަމަވެސް ކުއާޓާ ފައިނަލުގައި ޖަރުމަނުގެ މެޓްސް ހުމެލްސްގެ ލަނޑަކީ ވަރާންގެ ކުށުން ވަން ލަނޑެއް ކަމުގައި ބައެއް މީޑިއާތަކުން ބުނެ އެވެ.
މި އެވޯޑަށް ނޮމިނޭޓްވި ޑެޕާއީ އަކީ ނެދަލެންޑްސްގެ ތާރީހުގައި ގައުމީ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މި ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި އޮސްޓްރޭލިއާ އާ ދެކޮޅަށް ނެދަލެންޑްސް ކުޅުނު މެޗުގަ އެވެ. މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ދެވަނަ ލަނޑު ޖެހީ ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވާނީ މާދަމާ ރޭ 12:00ގައި އާޖެންޓީނާ އާއި ޖަރުމަނު ކުޅޭ ވޯލްޑް ކަޕުގެ ފައިނަލު މެޗަށް ފަހު އެވެ.