ފީފާ ވޯލްޑް ކަޕުގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑަށް ނޮމިނޭޓްވި ތިން ކީޕަރުންގެ ތެރޭގައި މަނުއެލް ނޯޔާ އާއި ކޭލާ ނަވާސް އަދި ސާޖިއޯ ރޮމޭރޯ ހިމެނިއްޖެ އެވެ.

ވޯލްޑް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޮވާނީ ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކާއި ކޯޗުން އަދި ފީފާގެ ޓެކްނިކަލް ސްޓަޑީ ގްރޫޕުގެ ވޯޓަކުންނެވެ. މި އެވޯޑް ހޮވާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 12:00ގައި އާޖެންޓީނާ އާއި ޖަރުމަނު ކުޅޭ ވޯލްޑް ކަޕުގެ ފައިނަލު މެޗަށް ފަހު އެވެ.

މި އެވޯޑަށް ނޮމިނޭޓްވި ޖަރުމަނުގެ ކީޕަރު ނޯޔާ ވަނީ މި މުބާރާތުގައި އެޓީމަށް ވަރަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ތިން މެޗެއްގައި ނޯޔާގެ ކޮޅަށް ލަނޑެއް ވަދެފައި ނުވާއިރު، ގަދަ 16ގައި އަލްޖީރިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ފާހަގަކޮށްލެވުނީ ސްވީޕާ ކީޕަރެއްގެ ގޮތުގަ އެވެ.

އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑަށް ނޮމިނޭޓްވި ކޮސްޓަ ރިކާގެ ނަވާސް އަކީ މި މުބާރާތުގައި އެންމެ ގިނަ ސޭވްތަކެއް ކުރި އެއް ކީޕަރެވެ. ކޮސްޓަ ރިކާއަށް ގްރޫޕް ޑީގެ އެއްވަނަ ހޯދައި ދިނުމަށް އެހީތެރިވެދިން ނަވާސް ވަނީ ގަދަ 16ގައި ގްރީސްއާ ދެކޮޅަށް ކުޅުނު މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ޕެނަލްޓީއެއް ސޭވްކޮށް، ކުއާޓާގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅެ ޕެނަލްޓީން ބަލިވި މެޗުގައި ގިނަ ސޭވްތަކެއް ކޮށްފަ އެވެ.

މި އެވޯޑަށް ނޮމިނޭޓްވި އާޖެންޓީނާގެ ކީޕަރު ރޮމޭރޯ ވަނީ މި މުބާރާތުގެ ހަތަރު މެޗެއްގައި އޭނާގެ ގޯލަށް ލަނޑެއް ވަނަނުދީ ހިފަހައްޓައިފަ އެވެ. އޭގެ އިތުރުން ސެމީ ފައިނަލުގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ސޭވްތަކެއްކޮށް، ޕެނަލްޓީގައި އޭނާ ވަނީ ނެދަލެންޑްސްގެ ދެ ޕެނަލްޓީއެއް ސޭވްކޮށްފަ އެވެ.