10 Jan 2011, 17:41
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް ހަވާލުކޮށްފައިވާ އިންޑިއާގެ ކުންފުނި ޖީއެމްއާރުން ޖެޓް ފިއުލް ވިއްކާ އަގު ބޯޑުކުރުމާ ގުޅިގެން އައިލެންޓް އޭވިއޭޝަނުން އެ ކުންފުނީގެ އެތެރޭގެ އުދުހުންތަކުގެ ތެލުގެ ސާޗާޖް 35ރ. ބޮޑުކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ އިއްޔެ އިން ފެށިގެން އައިލެންޑް އޭވިއޭޝަންގެ އެތެރޭގެ އުދުހުންތަކުން ނަގާ ސާޗާޖް ބޮޑުކުރަން ޖެހުނީ މީގެ ކުރިން ގެނެސްފައި ނުވާ ވަރުގެ ބޮޑުބަދަލެއް ޖީއެމްއާރުން ތެލުގެ އަގަށް ގެނައުމުން ކަމަށާއި ކުރިން 227ރ. ތެލުގެ ސާޗާޖްގެ ގޮތުގައި ނެގިއަސް ދެން ނަގާނީ 262ރ. ކަމަށެވެ. އިއްޔެގެ ކުރިން ޓިކެޓް ބައްލަވައި ގެންފައިވާ ފަރާތްތަކުން ވެސް ދަތުރު ކުރައްވާއިރު ކޮންމެ ފަސިންޖަރެއްގެ އަތުން އިތުރަށް 35ރ. ނަގާނެ ކަމަށް ވެސް އައިލެންޑް އޭވިއޭޝަނުން މައުލޫމާތުދެ އެވެ.
ޖީއެމްއާރުން ތެޔޮ ވިއްކުމަށް ގެނައި ބަދަލާ އެކު މިހާރު ޑޮމެސްޓިކް އެއާލައިނަށް ތެޔޮ ވިއްކަނީ ލިޓަރެއް 12.1010 ރުފިޔާ އަށެވެ. ޖީއެމްއާރާ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ހަވާލުވި އިރު ޑޮމެސްޓިކް އެއާލައިނަށް ތެޔޮ ވިއްކީ ލީޓަރެއް 10.26 ރުފިޔާ އަށެވެ.
ތެލުގެ އަގަށް އައިބަދަލާ ގުޅޭގޮތުން ޖީއެމްއާރުގެ ޕީއާރު ފާމުގެ ފަރާތުން ހަސަން އިސްމާއިލް މިއަދު ވިދާޅުވީ ފިއުލް ވިއްކާ އަގުތަކަށް ބަދަލު ގެންނަން ޖެހުނީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކާ ގުޅިގެން ކަމަށާއި ވޭތުވެ ދިޔަ ދެ ތިން މަހުގެ ތެރޭގައި ބައިނަލް އަގްވާމީ ބާޒާރުގައި ކްރޫޑް އޮއިލްގެ އަގު އެތައް ތަނަކުން ބޮޑުވެފައި ވާތީ ކަމަށެވެ.