30 Mar 2010, 10:08
10:00
ސިޔާސީ ބޭނުމަކަށްޓަކައި އޮޑިޓަރ ޖެނެރަލްގެ މަގާމުން އިބްރާހިމް ނައީމް ވަކިކުރެއްވި މައްސަލާގައި ޑޮނާރ ކޮންފަރެންސުގައި ބައިވެރިވެވަޑައިގެންނެވި މަންދޫބުން ވަރަށް ހިތާމަކުރައްވާ، ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޑޯނަރސް ކޮންފަރެންސް ނިމުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އޮޑިޓަރ ޖެނެރަލް ވަކިކުރެއްވިއިރު މި ކޮންފަރެންސުން ލިބޭ ފައިސާ އޮޑިޓްކުރަން ޖެހޭނެ ކަމަށް ވިދާޅުވެ މަންދޫބުން ސުވާލުކުރައްވަމުންގެންދެވި ކަމަށް. އެހެންކަމުން، ޤާނޫނު އަސާސީގެ ދަށުން އޮޑިޓަރ ޖެނެރަލެއް އައްޔަންކުރަންޖެހޭނެކަމާއި އެ މުއައްސަސާ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ބައިވެރިންނަށް ދެއްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން އޮޑިޓަރ ޖެނެރަލްގެ މަގާމުން ނައީމް ވަކިކުރައްވާފައިވަނީ އެކަމުގައި ސިޔާސީ ކުލަވަރު ޖެހިގެންކަން މަންދޫބުންނަށް އޮޅުންފިލުވައިދެއްވާފައިވާ ކަމަށާއި އެކަން އެ ބޭފުޅުންވެސް ގަބޫލުކުރައްވާކަން ރައީސް ފާހަގަކުރެއްވި އެވެ.
އޮޑިޓަރ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން ނައީމްކޮށްދެއްވާފައިވާ މަސައްކަތްތަކަށް ޝުކުރުއަދާކުރައްވަމުން ރައީސް ވިދާޅުވެފައިވަނީ، އެ މަގަމާށް އައްޔަންކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަވާނީ ހަމަ ނައީމް ފަދަ ކަމަށް އެކަށީގެންވާ ބޭފުޅެއްގެ ނަމެއް ކަމަށެވެ.