ދިރާގު ދިވެހި ލީގުގައި ބީޖީ ސްޕޯޓްސް އަތުން މޮޅުވެ، ލީގުގައި ވިކްޓަރީ ސްޕޯޓްސް އިން ހޯދި ފުރަތަމަ މޮޅާއެކު އެޓީމު ލީގުގެ ފަސްވަނައަށް އަރައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ބީޖީއާ ދެކޮޅަށް ކުޅުނު މެޗުން ވިކްޓަރީ މޮޅުވީ 2-0 ލަނޑުންނެވެ. މި ސީޒަނުގައި ބީޖީގެ ޑިފެންޑަރުންގެ ފަރާތުން ތަކުރާރުވަމުންދާ ކުށްތައް ރޭގެ މެޗުގައި ވެސް ވަނީ ފެނިފަ އެވެ.

މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ ބީޖީ އިންނެވެ. ބީޖީއަށް ލިބުނު ހިލޭ ޖެހުމަކުން އެޓީމުގެ ކެޕްޓަން އަހްމަދު އަޝްފާނު ފޮނުވާލި ހަމަލާ އަމާޒުވީ ވިކްޓަރީގެ ގޯލުގެ ދަނޑިއަށެވެ. މެޗުގައި ވިކްޓަރީއަށް ލިބުނު އެންމެ ފުރަތަމަ ފުރުސަތު ލިބުނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ، ހާންސް އޭވީ އަވީލޯއަށެވެ. މެޗުގެ 21 ވަނަ މިނެޓްގައި އޭނާ ފޮނުވާލި އެ ހަމަލާގެ ހުރަހަކަށް ވީ ބީޖީގެ ގޯލްކީޕަރެވެ.

މެޗުގެ 26 ވަނަ މިނެޓްގައި ވިކްޓަރީއަށް ލީޑު ނަގައިދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ބްރަނިމިރޯވް މަޓޭވް އެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ ހުސައިން ޝިމާޒް (ކޮކީ) ދިން ބޯޅައަކުންނެވެ.

ރޭގެ މެޗުގައި ވިކްޓަރީގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، އެޓީމަށް ލީޑު ފުޅާކޮށްދިނީ ކޮކީ އެވެ. އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޗިންޑާ ޗިޒީ ކަކާ ނަގައިދިން ހިލޭ ޖެހުމަކުން ނަގައިދިން ބޯޅަ، ބީޖީގެ ގޯލުގެ ތެރެއަށް ކޮކީ ވައްދާލީ އޭނާގެ ބޮލުން ޖަހަ އެވެ.

މި މޮޅާ އެކު، ވިކްޓަރީ ވަނީ ކުޅުނު ހަތަރު މެޗުން ހަތަރު ޕޮއިންޓް ހޯދައި، ލީގުގެ ފަސްވަނައަށް ޖެހިލައިފަ އެވެ. ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެއްވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް އޮތްއިރު، ދެވަނައިގައި އޮތް އީގަލްސްއަށް ވެސް ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ. ނިއުއަށް ލީގުގެ ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ލީގުގެ ތިންވަނައިގައި މާޒިޔާ އޮތް އިރު، ކުޅުނު ހަތަރު މެޗުން ހަތަރު ވަނައިގައި އޮތް ވެލެންސިއާ އަށް ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. މަހިބަދޫ އޮތީ ތިން ޕޮއިންޓާ އެކު ވިކްޓަރީގެ ފަހަތުގައި ވިއްދައިފަ އެވެ. ލީގުގެ ފުލުގައި އޮތް ބީޖީ އާއި އޭވައިއެލްއަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

ލީގުގައި މިރޭ ބައްދަލުކުރާނީ ލީގުގެ ތިން ވަނައިގައި އޮތް މާޒިޔާ އާއި ހަ ވަނައިގައި އޮތް މަހިބަދޫ އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ އެ މެޗު ފަށާނީ މިރޭ 10:00 ގަ އެވެ.