12 Jul 2014, 11:00
ޣައްޒާ (ޖުލައި 12) : އިސްރާއީލުން ފަލަސްތީނުގެ ނުކުޅެދޭ މީހުން ބަލަހައްޓާ މަރުކަޒަކަށް ހަމަލާދީ ދެމީހުން ޝަހީދު ކޮށްލުމާ އެކު ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި ފަލަސްތީން ރައްޔިތުންގެ އަދަދު 120 އަށް އަރައިފި އެވެ.
ފަލަސްތީނުގެ ސިއްޙަތަބެހޭ އިދާރާތަކުން ބުނީ ރޭގައި އިސްރާއީލުން ދިން ޙަމަލާތަކުގައި ޝަހީދުވި 7 މީހުންނާ އެކު އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީން ރައްޔިތުންގެ އަދަދު 120 އަށް އަރާފައިވާ ކަމުގައެވެ. އަދި ޒަޚަމްވީ މީހުންގެ އަދަދު ވަނީ 900 އަށްވުރެ މައްޗަށް ގޮސްފަ އެވެ. އިސްރާއީލުގެ އުދުވާންގައި ޝަހީދުވި 120 މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިއަދު ހެނދުނު އިސްރާއީލުން ދިން ވައިގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޣައްޒާގައިވާ ފަލަސްތީނުގެ ނުކުޅެދޭ މީހުން ބަލަހައްޓާ މަރުކަޒަކަށެވެ. މިޙަމަލާތަކުގައި ނުކުޅެދޭ ދެ އަންހެންކުދިން ޝަހީދުވެ ނުކުޅެދޭ އެތައް ކުދިންނެއް ޒަޚަމްވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. އަނެއްކޮޅުން އިސްރާއީލުގެ ފައިޓަޖެޓް މަތިންދާބޯޓުތަކުން ވަނީ ޣައްޒާގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ އައްނުސައިރާތުގައި ހުންނަ ޙަމާސް ޖަމާއަތުގެ އިސްވެރިއެއް ކަމަށްވާ ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އިސްމާއީލް ހަނިއްޔާގެ މުސްތަޝާރުގެ ގެއަށް ވަރުގަދަ ޙަމަލާތަކެއްދީ އެގެ ފުނޑުފުނޑު ކޮށްލާފަ އެވެ.
މިއަދު އިސްރާއީލުން ޙަމަލާތައް ދިންތަންތަނުގެ ތެރޭގައި ޣައްޒާގެ އުތުރުގައި ހުންނަ ޖަބާލިޔަ ރެފިއުޖީ އަވަށާއި ޣައްޒާގެ މެދުތެރޭގައިވާ ދީރުލްބަލަޙް ގައި ހުންނަ "ޣައްޒާ ނަވް" އިލެކްޓްރޯނިކް ނެޓްވާކަށް ވެސް ހަމަލާދީ އެތަން ހަލާކުކޮށްލާފަ އެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވަނީ އިސްރާއީލުގެ މަގްސަދްތައް ޙާސިލްވަންދެން ޙަމަަލާތައް ހުއްޓާނުލައި ކުރިޔަށް ގެންދާނެކަމަށް ވިދާޅުވެފަ އެވެ. އިސްރާއީލުގެ މަގްސަދަކީ އިސްރާއީލުގެ އަޅުވެތިކަމާއި އިސްތިޢްމާރާ ދެކޮޅަށް އުފުލާލާނެ އެއްވެސް ހަތިޔާރެއް ފަލަސްތީނުގެ އެއްވެސް ޖަމާއަތެއް ނޫނީ ރައްޔިތެއްގެ އަތުގައި އޮތުމުގެ ފުރްސަތު މުޅިން ނައްތާލައި ފަލަސްތީނުގެ ބިންތައް ހިފައިގެން އަމާންކަމާއި ހަމަހިމޭން ކަމުގައި އެއްވެސް ފިއްތުމެއްނެތި ތާއަބަދަށް ދެމިތިބުމުގެ ފުރްސަތު ހޯދުމެވެ.
ފަލަސްތީނުގެ މުޖާހިދުންގެ ސްޓްރެޓެޖީއަކީ އިސްރާއީލުގެ އަޅުވެތިކަމާއި އިސްތިއްމާރުގައި ތިބުމަށް ވުރެ މަރުވުން ވެސް ރަނގަނޅުކަމާއި އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް ތެދުވެ ޖިހާދުކުރުމުގެ ހައްގު ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާކަން އިސްރާއީލަށާއި ދުނިޔެއަށް ހާމަކޮށްދިނުމެވެ. ފަލަސްތީނު މުޖާހިދުންގެ ރޮކެޓް ހަމަލާތައް ކިތަންމެ ބަލިކަށި ނަމަވެސް އެހަމަލާތައް ހުއްޓުވުމުގައި އިސްރާއީލުގެ ބާރުގަދަ ލަޝްކަރުތައް ނުކުޅެދިފައި ވާތީ އިސްރާއީލުގެ ލަޝްކަރުތަކުގެ ގާބިލްކަމާމެދު އިސްރާއީލުގެ ޔަހޫދީންގެ މެދުގައި ވަނީ ސުވާލުއުފެދިފަ އެވެ. ފަލަސްތީނުގެ ބިންތަކުން ފާބައި ނިގުޅައި ގަނެފައިވާ ފަލަސްތީނުގެ ހައްގުތައް އަނބުރައި ދިނުމަށް އިސްރާއީލަށް ފިއްތުންތައް ކުރިމަތިނުކޮށް އިސްރާއީލުން ސުލްޙައަށްޓަކައި އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށް ފަލަސްތީނުގެ ޖަމާއަތްތަކުން ދެކެއެވެ.
އިސްރާއީލުން ޣައްޒާގެ އާންމުން މެރުމުގެ ބޭނުމަކީ އެކަންކުރަނީ ހަމާސް ޖަމާއަތާއި ފަލަސްތީނުގެ މުޖާހިިދުންގެ ރޮކެޓް ޙަމަލާތަކާ ގުޅިގެންކަން ފަލަސްތީނުގެ އާންމުންނަށް ވިސްނައިދީ މުޖާހިދުންނާއި ޣައްޒާގެ ރައްޔިތުން ޖެއްސުމެވެ. ނަމަވެސް އިސްރާއީލުގެ އިޔަހޫދީ އުކުޅުތައް ފަލަސްތީނު ރައްޔިތުންނަށް އެނގޭތީ މިމަގްސަދް ހާސިލް ކުރުމުގައި މީގެކުރިން ވެސް އިސްރާއީލުވަނީ ނާކާމިޔާބުވެފަ އެވެ. (ނޫސްއެޖެންސީތައް)