12 Jul 2014, 10:57
ފީފާ ވޯލްޑް ކަޕު 2014ގެ ފައިނަލުގައި އާޖެންޓީނާ އާއި ޖަރުމަނު ބައްދަލުކުރާ މެޗުގެ ރެފްރީއަކަށް އިޓަލީގެ ނިކޯލާ ރިޒޯލީ ހަމަޖައްސައިފި އެވެ.
އުމުރުން 42 އަހަރުގެ ރެފްރީ ވަނީ ކުރިން އާޖެންޓީނާ ކުޅުނު ދެ މެޗެއްގައި ރެފްރީކަން ކޮށްފަ އެވެ. ގްރޫޕް ސްޓޭޖުގައި ނައިޖީރިއާ އަތުން 3-2 ލަނޑުން އާޖެންޓީނާ މޮޅުވި މެޗާއި ކުއާޓާ ފައިނަލުގައި ބެލްޖިއަމް އަތުން 1-0 ލަނޑުން އާޖެންޓީނާ މޮޅުވި މެޗުގެ ރެފްރީއަކަށް ހުރީ ރިޒޯލީ އެވެ.
ގްރޫޕް ބީގައި އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އާއި އެންމެ ފަހުގެ ރަނަރަޕް ނެދަލެންޑްސް ބައްދަލުކުރި މެޗުގެ ރެފްރީއަކަށް ވެސް ހުރީ ރިޒޯލީ އެވެ. އެ ތިން މެޗުގައި ރިޒޯލީ ނުވަ ރީނދޫ ކާޑު ދެއްކި ނަމަވެސް ރަތް ކާޑެއް ދައްކާފައެއް ނުވެ އެވެ.
ރެފްރީއެއްގެ ގޮތުގައި ރިޒޯލީ ހަމަޖެއްސުމުން ޖަރުމަނުން އެކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ކުއާޓާގައި އާޖެންޓީނާ އަތުން ބަލިވި މެޗަށް ފަހު، އެ މެޗުގެ ރެފްރީ، ރިޒޯލީ އަށް ބެލްޖިއަމްގެ ކޯޗު މާކް ވިލްމޮޓްސް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.
"އަހަރެން ބޭނުމެއް ނޫން 'ކްރައިބޭބީ'އަކަށް ވާކަށް، އެކަމަކު ރެފްރީގެ ގިނަ ނިންމުންތައް ގޮސްފައި ވަނީ އާޖެންޓީނާއަށް އެއްކޮޅަށް،" އެ މެޗަށް ފަހު ރިޒޯލީއަށް ފާޑު ކިޔަމުން ވިލްމޮޓްސް ބުންޏެވެ. "މެސީ ތިން ފައުލު ކުރި، އެކަމަކު ރީނދޫ ކާޑެއް ނުދައްކާ. އަހަރެމެންގެ ކުޅުންތެރިން އެންމެ ފައުލެއް ކުރީމަވެސް ރީނދޫ ކާޑު ދެއްކި."
ރިޒޯލީއަކީ ޖަރުމަނު ޓީމުގެ ގިނަ ކުޅުންތެރިންނަށް އާ ރެފްރީއެއް ނޫނެވެ. މިދިޔަ އަހަރު ޖަރުމަނުގެ ބަޔާން މިއުނިކާއި ބޮރޫސިއާ ޑޯޓްމަންޑް ބައްދަލުކުރި ޗެމްޕިއަންސް ލީގުގެ ފައިނަލު މެޗުގެ ރެފްރީއަކަށް ހުރީ ރިޒޯލީ އެވެ.
ވޯލްޑް ކަޕުގެ ފައިނަލަށް އާޖެންޓީނާ އާއި ޖަރުމަނު ނުކުންނާނީ މާދަމާ ރޭ 12:00 ގައެވެ. މި މެޗު ކުޅޭނީ ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގެ އެސްޓޭޑިއޯ މަރަކަނާގަ އެވެ.