12 Jul 2014, 10:56
ޖަޕާނަށް ބާރުގަދަ ބިން ހެލުމަކާ އެކު އެގައުމަށް ސުނާމީއެއް އަރައި، މީހަކަށް އަނިޔާވެއްޖެ އެވެ.
ރޭގެ ވަގުތެއްގައި ބިންހެލުން އައިސްފައި ވަނީ 2011 ވަނަ އަހަރު އެގައުމަށް ބިން ހެލުން އައި ޖަޕާނުގެ އުތުރު ސަރަހައްދުގެ ފުކުޝިމާ ޑައިޗީ ނިއުކްލިއާ ޕަވާ ޕްލާންޓް ކައިރިއަށެވެ. ބިން ހެލުމާ ގުޅިގެން އެރި ސުނާމީ އަކީ ކުޑަވަރެއްގެ ސުނާމީއެއް ކަމަށާއި މާ ބޮޑު ގެއްލުމެއް ނުވާ ކަމުގައި އެގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީ އިން ބުނީ، 6.8 މެގްނިޓިއުޑްގައި އައި އެ ބިންހެލުން އައީ ކަނޑުގެ 10 ކިލޯމީޓަރު (ހަ މޭލު) ފުންމިނުން ކަމަށެވެ. އެ ބިންހެލުމާ ގުޅިގެން ޓޯކިޔޯގެ ބައެއް ބިލްޑިންގްތަކަށް އޭގެ އަސަރުކުރި ނަމަވެސް އެގައުމުގެ ޓީވީ ޗެނެތަކުން އާންމުކުރި ވީޑިއޯ ފުޓޭޖްތަކުން ބޮޑު ގެއްލުމެއް ލިބިފައިވާ ތަނެއް ނުފެނެއެވެ.
މީޓިއޮރޮލޮޖިކަލް އެޖެންސީ އިން ބުނީ، ބިން ހެލުމާ ގުޅިގެން އަރާފައިވާ ސުނާމީ ރާޅުގެ އުސްމިނުގައި 20 ސެންޓިމީޓަރު (އަށް އިންޗި) ހުންނަ ކަމަށާއި އެ ސުނާމީ އެރީ ބިން ހެލުން އައިތާ 50 މިނެޓް ފަހުން ކަމަށެވެ. އަދި މިހާތަނަށް އަނިޔާވި ކަމަށް ރިޕޯޓްކޮށްފައިވާ ހަމައެކަނި މީހަކީ ސިޑިއަކުން ވެއްޓި ފައި ބިނދުނު އުމުރުން 68 އަހަރުގެ އަންހެނެއް ކަމަށް އެ އެޖެންސީއިން ބުނެ އެވެ.
މީގެ ތިން އަހަރު ކުރިން ޖަޕާނަށް އައި ސުނާމީއާ ގުޅިގެން ގާތްގަނޑަކަށް 19،000 މީހުން މަރުވެ، އެތައް ހާސް ބައެއް ވަނީ ގެއްލިފަ އެވެ.