އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ އަނިޔާތަކަކީ މިއަދުގެ ދުނިޔޭގެ ކޮންމެ މުސްލިމް ރައްޔިތެއްގެ ހިތްތަކަށް ވެސް ލިބެމުންދާ ވޭންދެނިވި ލާއިންސާނީ އަނިޔާއެއް ކަމުގައި ގަބޫލުކުރަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ބަރަކާތްތެރި ރަމަޟާން މަހުގައި ފަލަސްތީނުގެ ލޮބުވެތި އަޚުންނާއި އުޚުތުން ކުރިމަތިލާން ޖެހިފައިމިވާ ލާއިންސާނީ އަނިޔާގައި، ތުއްތުކުއްޖަކަށް އުމުރުން ދުވަސްވި މީހަކަށް، އަންހެނަކަށް ބެލުމެއްނެތި މުޅި ފަލަސްތީނުގެ ދައުލަތް ނެތިކޮށްލުމަށް ގަސްތުގައި އިޒުރޭލުގެ ހައްދުފަހަނަޅާފައިވާ ހަރުކަށި ވެރިން ކުރަމުން މިދާ އަމަލުތައް އެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރެވި ފަލަސްތީނުގެ ރައްޔިތުންނަށް ވެސް އެމީހުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ކަށަވަރުކޮށްދިނުމަކީ މިއަދުގެ ދުނިޔޭގެ ގައުމުތަކުގެ ވެރިން އަދި ހާއްސަކޮށް، މުސްލިމް ގައުމުތަކުގެ ވެރިންގެ ބޮލުގައި އެޅިފައިވާ ވަރަށްބޮޑު ޒިންމާއެއް ކަމުގައި އެ ޕާޓީން ދެކޭ ކަމަށެވެ.

"ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް ކުރިމަތިވެފައި މިވާ ލާއިންސާނީ އަނިޔާއިން މާތް ﷲ ފަލަސްތީނުގެ ލޮބުވެތި އަޚުންނާއި އުޚްތުން ސަލާމަތްކޮށްދެއްވުން އެދި އެކަލާނގެ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ،" ޖޭޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.