އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ އުދުވާނީ ހަމަލާތަކުގެ ސަބަބުން އަނިޔާ ލިބެމުންދާ މުސްލިމުންނަށް އެހީތެރިވުމަށްޓަކައި ފަންޑުފޮށްޓެއް ބެހެއްޓުމަށް އަދާލަތު ޕާޓީން ނިންމައިފި އެވެ.

މިރޭ އަދާލަތު ޕާޓީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ހަމަލާތަކާ ދެކޮޅަށް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އެ ޕާޓީން ނިންމާފައިވާ ކަމަށެވެ.

އިމްރާން ވިދާޅުވީ ފަންޑު ފޮށި ބެހެއްޓުމަށް ހަމަ ޖެހިފައިވަނީ ރާއްޖޭގެ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން ކަމަށެވެ.

" [ފަންޑު ފޮށި ބަހައްޓަނީ] ފަލަސްތީނުގެ ރައްޔިތުންނަށް ލިބިފައިވާ ކެކުޅުންތައް ލުއިކޮށް، އެބައިމީހުނަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް. ހާލުގައި ޖެހިފައިވާ ޔަތީމުންނަށް އެހީތެރިވެ، ހުވަފަތްވެފައިވާ އަންހެނުނަށް އެހީތެރިކަމެއް ފޯރުކޮށްދިނުން، " އިމްރާން ވިދާޅުވި އެވެ.

އެ ފަންޑުގައި ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ބައިވެރިވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން ޝެއިހް އިލްޔާސް ހުސެއިންގެ ހާއްސަ ދަރުސެއް ބޭއްވުމަށް ހަމަ ޖެހިފައިވާއިރު ފަލަސްތީނުގެ މަޝްރަހާ ބެހޭ އެންމެ ފަހު މައުލޫމާތު މީހުނަށް އަންގައިދިނުމަށް ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަ ޖެހިފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

" ފަލަސްތީނުގައި ހިނގަމުންދާ އުދުވާނީ ހަމަލާތަކުގެ އަޕްޑޭޓް ނުވަތަ ވަގުތުން ވަގުތަށް ގެނެސްދޭން ޖެހޭ މައުލޫމާތުތައް އަޅުގަނޑުމެންގެ އެންމެހާ އަޚުންނާއި އުޚްތުންނަށް ހަގީގަތަށް ގެނެސްދިނުމަށް އެ ހަބަރުތައް އެންމެ ކައިރިން ދިރާސާކުރުމަށްފަހުގައި އެކަމަށް ހޭލުންތެރިކުރުވުމަށް ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގަމުން ގެންދާނަން،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ، އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ސަރުކާރުން ދެކޭގޮތް ހަމާކޮށް ނެރެފައިވާ ބަޔާނަށް އެ ޕާޓީން ފުރިހަމައަށް ތާއިދުކުރާ ކަމަށެވެ.

ވޭތުވެދިޔަ ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ވަރުގަދަ ވައިގެ ހަމަލާ ތަކުގައި 100އަށް ވުރެ ގިނަ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ގިނަ އަދަދަކަށް ހިމެނޭ ކަމަށް ފަލަސްތީނުގެ އޮފިޝަލުންނާ ހަވާލާދީ، ރިޕޯޓުތައް ބުނެއެވެ.