10 Jan 2011, 17:40
މުސާރަ އާއި އެލަވަންސްގެ އިތުރުން ޖަލްސާ އާއި ކޮމެޓީ ބައްދަލުވުންތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުން ފައިސާ ނަގަމުންދަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް އެ ކޮމިޝަނަށް ރައީސް ކަނޑައަޅުއްވާފައިވާ މެންބަރު އައިޝަތު ވެލެޒިނީ މިއަދު ވިދާޅުވެއްޖެ އެވެ.
ޖޭއެސްސީގެ ސެކްރެޓްރީ ޖެނެރަލަށް ވެލެޒިނީ ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ މުސާރަ އާއި އިނާޔަތުގެ އިތުރުން ކޮމިޝަނުގެ ކޮންމެ ޖަލްސާއަކަށް 500 ރުފިޔާ އަދި ކޮމެޓީ ބައްދަލުވުމަކަށް 300 ރުފިޔާ މެންބަރުން ނަގަމުންދާ ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީއާ ހިލާފަށް ނަގަމުންދާ ފައިސާއެއް ކަމުން އޭނާގެ އެކައުންޓަށް އެ ފައިސާ ޖަމާނުކުރުމަށް ވެސް ވެލެޒިނީ އެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.
ވެލެޒިނީ ވިދާޅުވެފައި ވަނީ އެގޮތަށް ފައިސާ ނެގުމަކީ ގާނޫނު އަސާސީއާ ހިލާފް ކަމަކަށްވާތީ އެކަން ނުކުރުމަށް އޮގަސްޓް 31، 2010 ފެށިގެން އެތައް ފަހަރަކު ކޮމިޝަނުގައި އެދިފައިވާނެ ކަމަށެވެ. އެކަމަކު އެ މައްސަލަ އެޖެންޑާކޮށް ހަތަރު މަސް ދުވަހު ބޭއްވުމަށް ފަހު އޭނާ ހާޒިރުވެވަޑައިގެން ނެތް ދުވަހަކު ( ޖެނުއަރީ 6) ގައި ޖަލްސާތަކާއި ކޮމެޓީ ބައްދަލުވުންތަކަށް ފައިސާ ނެގުމަށް އަނެއްކާ ވެސް ފާސްކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑު ނަގާ މައްސަލައެއް ހަތަރު މަސް ދުވަހު އެޖެންޑާގައި ބާއްވާފައި އަޅުގަނޑު ހާޒިރުވެ ނެތް ދުވަހަކު މިކަން ނިންމެވީ ނުބައި ނިޔަތެއްގައި ކަމަށް ގަބޫލު ކުރެވޭތީ ހިތާމަ ކުރުމާއެކު ދަންނަވަމެވެ،" ވެލެޒިނީގެ ސިޓީގައިވެ އެވެ.
މީގެ ކުރިން ވެސް ކޮމިޝަނުން ކޮށްފައިވާ ގިނަ ކަންތައްތަކަށް ވަރަށް ގިނައިން ވެލެޒިނީ ފާޑުވިދާޅުވެފައިވެ އެވެ. އަދި ވަރަށް ބޮޑަށް ކޮމިޝަނުގެ މެންބަރުންނާ ހިޔާލު ތަފާތުވެފައިވެ އެވެ.