އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން އޮންނަހާ ހިނދަކު އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް ތެދުވުމުގެ ހައްގު ފަލަސްތީނުގެ ރައްޔިތުންނަށް އޮންނާނެ ކަމަށާއި ފަލަސްތީނުގެ ބިންތައް ހިފައިގެންއޮވެ އަމިއްލަ ނަފްސު ދިފާއުކުރުމުގެ ނަމުގައި ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް އިސްރާއީލަށް ނޯންނާނެ ކަމަށް ފަލަސްތީނުން ބުނެފިއެވެ.

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ދެމުންގެންދާ އުދުވާނީ ހަމަލާތަކާބެހޭގޮތުން މަޝްވަރާކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އދ. ގައި ހުންނަވާ ފަލަސްތީނުގެ މަންދޫބު ރިޔާޒް މަންސޫރުވަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއްމާރުގެ ދަށުގައި ބައިގަރުނަށްވުރެ ދިގުމުއްދަތެއް ހޭދަކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުން އިސްރާއީލުގެ އަޅުވެތިކަމާއި އިސްތިއްމާރުގެ ދަށުގައި އުޅެމުންގެންދާ ނިކަމެތި ޙާލު ބައިނަލްއަގްވާމީ މުޖްތަމައަށް ބަޔާން ކޮށްދެއްވާފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ވައިގެ ހަމަލާތައް އާންމުގެ ގެދޮރަށާއި ކެފޭ ރެސްޓޯރެންޓްތައްފަދަ މަދަނީ ތަންތަނަށް އަމާޒުކުރަނީ ފަލަސްތީނުގެ ވީހާ ގިނަ ބަޔަކު މަރައި ގަތްލުއާންމު ހިންގުމުގެ މަގުސަދުގައި ކަމަށާއި ހަނގުރާމައިގެ ހާލަތުގައިވެސް އާންމުން މެރުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ފަލަސްތީނުގެ މަންދޫބު ވިދާޅުވިއެވެ.

ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ރޮކެޓް ހަމަލާތައް ފޮނުވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން އޮންނާތީ ކަމަށާއި މިހަގީގަތް ފޮރުވުމަށް އިސްރާއީލުން މަސައްކަތްކުރަމުން ގެންދާކަމަށްވެސް ފަލަސްތީނުގެ މަންދޫބު ރިޔާޒް މަންސޫރު ވިދާޅުވިއެވެ.

ސަލާމަތީ މަޖިލީހުގެ މިޖަލްސާގައި ވާހަކަ ދެއްކެވި އިސްރާއީލުގެ މަންދޫބު ރޮން ބޯސޯރ ވަނީ އިސްރާއީލުގެ އުދުވާން ދިފާއު ކުރައްވައި ވާހަކަ ދައްކަވާފައެވެ. އޭނާގެ ވާހަކާގައި އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ އެބިންތައް ހިފައިގެން އޮންނަ އޮތުމަށާއި އިސްރާއީލުގެ އަޅުވެތިކަމުން މިނިވަންވެ މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންގެންދާ މަސައްކަތްތަކަށް އިސްރާއީލުން ހުރަސްއަޅާ މައްސަލައަށް އިޝާރާތް ކުރައްވާފައެއްނުވެއެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހަމަލާތައް ދެނީ ހަމާސްޖަމާއަތުގެ ސަބަބުން ކަމަށް ވިދާޅުވެ ހަމާސްއިން އިސްރާއީލުގެ ތިންމީހަކު ވަގަށް ނެގުމަށްފަހު އެމީހުން މަރާލާފައިވާ ކަމަށާއި އަދި ހަމާސްއިން އިސްރާއީލަށް ރޮކެޓް ހަމަލާތައްވެސް ދެމުންގެންދާ ކަމަށްވެސް އިސްރާއީލުގެ މަންދޫބު ވިދާޅުވިއެވެ.

އިސްރާއީލުގެ އަޅުވެތިކަމުގައި ތިބޭ ފަލަސްތީނުގެ ރައްޔިތުން އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރުމަކީ އދ. ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކުގައިވެސް ލިބިދޭ ހައްގެއް ކަމަށްވިޔަސް މިކަން އޮޅުވާލުމަށް އިސްރާއީލުގެ މަންދޫބު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިސްރާއީލުގެ މަންދޫބު މިމޭރުމުން ވާހަކަ ދެއްކެވިއިރު ހަމާސް ޖަމާއަތުން އިސްރާއީލަށް ދޭ ރޮކެޓް ހަމަލާތަކުގައި އިސްރާއީލުގެ އެންމެ މީހަކު މަރުވެފައިވާއިރު އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 90 އަށްވުރެ ގިނަމީހުން ވަނީ ޝަހީދުކޮށްލާފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކާއި އިސްރާއީލުގެ އުދުވާނަށް ރައްދު ދިނުމުގެ ގޮތުން ފަލަސްތީނުގެ ޖަމާއަތްތަކުން އިސްރާއީލަށް ދެމުންގެންދާ ރޮކެޓް ހަމަލާތައްވެސް ވަގުތުން ހުއްޓާލުމަށް އެޖަލްސާގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވަނީ ގޮވާލައްވާފައެވެ.

ބާންކީމޫން އިސްރާއީލަށާއި އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް މަސައްކަތްކުރާ ފަލަސްތީނުގެ ޖަމާއަތްތަކަށް ގޮވާލެއްވީ ނަފްސު ކޮންޓްރޯލް ކޮށްގެން ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށެވެ.

ހަމާލާތައް ހުއްޓާލުމަށް ބާންކީ މޫން ގޮވާލެއްވީ އިސްރާއީލުން ޣައްޒާގެ މަދަނީ ތަންތަނަށް ވައިގެ ވަރުގަދަ ހަމަލާތަކެއްދީ ފަލަސްތީނުގެ 100 އެއްހާ މީހުން ޝަހީދުކޮށްލައި 600 އެއްހާމީހުން ޒަޚަމްކޮށްލާފައިވަނިކޮށެވެ. ނަމަވެސް ބާންކީމޫންގެ ވާހަކަ ހުރީ ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެންއުޅޭ އިސްރާއީލާއި އިސްރާއީލުގެ އަޅުވެތިކަމާ އަދި އަނިޔާވެރިކަމުގެ ދަށުގައި އުޅެންޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުން ހަމަހަމަ ކުރާ ފަދަގޮތަކަށް ކަމަށް މުރާސިލުން ބުނެއެވެ. (އަލްޖަޒީރާ)