12 Jul 2014, 00:22
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އިހްތިޖާޖު ކުރުމަށް ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން ރެލީއެއް ބާއްވަން ނިންމައިފި އެވެ.
ރެލީއާ ގުޅޭގޮތުން މާލޭ ޓްރެކް ދަނޑުގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ރެލީގެ ކަންތައް ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ހަމްނާ ވަހީދު ބުނީ ޒުވާނުން އިސްނަގައިގެން ބާއްވަން ނިންމާފައިވާ އެ ރެލީގައި ބޭނުން ކޮންމެ މީހަކަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އަންނަ އަންގާރަ ދުވަހުގެ ރޭ ބާއްވާ އެ ރެލީއާ ގުޅޭގޮތުން ހަމްނާ ބުނީ ރެލީ ފެށޭނީ އަންގާރަ ދުވަހުގެ ރޭ 9:30 ގައި ސޯޝަލް ސެންޓަރު ކުރިމަތިން ކަމަށެވެ.
ސޯޝަލް ސެންޓަރު ކުރުމަތިން ފަށައިގެން ގޮސް ކްރިކެޓު ދަނޑުގައި މަޑުކޮށްލައިގެން ތިބެ ޝުއޫރު ފާޅުކުރުމަށްފަހު ފަލަސްތީނަށް ދެމުން ގެންދާ އުދުވާނީ ހަމަލާއާ ގުޅޭގޮތުން ދިވެހީން ހޭލުންތެރިކުރުމުގެ ހަރަކާތެއް ހިންގަން ހަމަޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ބުނީ ހޭލުންތެރިކުރުވުމުގެ ކަންތައް ކުރިއަށްދާއިރު ޕްރޮޖެކްޓަރު މެދުވެރިކޮށް ފަލަސްތީނުގެ އަދުގެ ހާލަތާ ގުޅޭ ފޮޓޯ އާއި ވީޑީއޯ ދެއްކުން އޮންނާނެ ކަމަށެވެ.
އޭނާ ބުނީ އެ ރެލީ ކުރިއަށް ގެންދިޔުމުގައި އިސްލާމިކް ފައުންޑޭޝަނުން އެކަން އިންތިޒާމް ކުރާ ޒުވާނުންނަށް އެއްބާރުލުން ދީފައިވާ ކަމަށެވެ.
އިސްލާމިކް ފައިންޑޭޝަންގެ އޮފިޝަލަކު ވިދާޅުވީ އެ ރެލީ އަކީ ރުޅިވެރިކަން ދެއްކުމުގެ ބަދަލުގައި ވީހާވެސް ރަނގަޅަކަށް ފަލަސްތީނުގެ ހާލަތާ ގުޅޭ މައުލޫމާތު ފެތުރުމުގެ ގޮތުން ބާއްވާ ރެލީއެއް ކަމަށެވެ.